ގައުތަމް އަދާނީ.
އިންޑިއާގެ ބިލިއަނަރު އަދާނީގެ މައްޗަށް އެމެރިކާގައި މަކަރާއި ހީލަތުގެ ދައުވާ އުފުލައިފި
އިންޑިއާގެ އެންމެ މުއްސަނދި އަދި ނުފޫޒުގަދަ ވިޔަފާރިވެރިންގެ ތެރެއިން އެއް ބޭފުޅާ ކަމަށްވާ ގައުތަމް އަދާނީގެ މައްޗަށް އެމެރިކާ އިން މަކަރާއި ހީލަތުގެ ދައުވާ އިއްޔެ އުފުލައިފި އެވެ.
މި ދައުވާގައި، އަދާނީ އާއި އޭނާގެ ކުންފުނީގެ އިސް ބޭފުޅުން 250 މިލިއަން ޑޮލަރުގެ ރިޝްވަތުގެ ސްކީމެއް އެކުލަވާލައި އެމެރިކާގައި ނާޖާއިޒު ގޮތުގައި ފައިސާ ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރެ އެވެ.
ނިއު ޔޯކުގައި އުފުލި މި ދައުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، އުމުރުން 62 އަހަރުގެ އަދާނީ އާއި އޭނާގެ އެހެނިހެން އިސް ބޭފުޅުން އިންޑިއާގެ ސަރުކާރުގެ އޮފިޝަލުންނަށް ރިޝްވަތު ދިނުމަށް އެއްބަސްވެފައިވެ އެވެ. އެއީ އަދާނީގެ އިއާދަކުރަނިވި ހަކަތައިގެ ކުންފުނިތަކަށް ކޮންޓްރެކްޓްތައް ކާމިޔާބުކުރުމަށެވެ.
މި މައްސަލައާ ގުޅިގެން އަދާނީ ގްރޫޕުން މިހާތަނަށް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެ އެވެ.
ނަމަވެސް، 2023 ވަނަ އަހަރުން ފެށިގެން އަދާނީގެ ކުންފުނިތަކަށް ވަނީ އެމެރިކާގައި އެކިއެކި ތުހުމަތުތައް އަމާޒުވެފަ އެވެ. މީގެ ކުރިން، މަކަރާއި ހީލަތުގެ ތުހުމަތުތަކެއް ހިމެނޭ ރިޕޯޓެއް ޝާއިއުކުރުމާ ގުޅިގެން، އަދާނީގެ ކުންފުނިތަކުގެ ހިއްސާގެ އަގު ވަނީ ބޮޑުތަނުން ވެއްޓިފަ އެވެ.
އެމެރިކާ ސަރުކާރުގެ ވަކީލުން ހާމަކުރި ގޮތުގައި، މި ރިޝްވަތުގެ މައްސަލައިގެ ތަހުގީގު ފަށާފައި ވަނީ 2022ގަ އެވެ. އަދި ތަހުގީގުގެ މަރުހަލާގައި އަދާނީގެ ފަރާތުން ތަހުގީގަށް ހުރަސްއެޅުމުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ވެސް ފާހަގަކުރެވިފައިވާ ކަމަށް ވަކީލުން ބުނެފައިވެ އެވެ.
އެތައް ފަހަރަކު އަދާނީ ސަރުކާރުގެ އޮފިޝަލުންނާ އަމިއްލައަށް ބައްދަލުކުރައްވައި ރިޝްވަތުގެ ސްކީމް ކުރިއަށް ގެންދެވި ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
އަދާނީ އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ގާތް އެކުވެރިއެކެވެ. މޯދީގެ ސިޔާސީ ގުޅުންތަކުން ފައިދާ ލިބިފައިވާ ކަމަށް ބުނެ، އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ތުހުމަތުތަކާ ދިގު މުއްދަތަކަށް ކުރިމަތިލާން ޖެހިފައިވެ އެވެ. ނަމަވެސް، އަދާނީ އެކަން ދޮގު ކުރައްވަ އެވެ.
އެމެރިކާގެ ވަކީލުންގެ މަގާމުތަކަށް އައްޔަން ކުރަނީ ރައީސެވެ. މި މައްސަލަ ހުށަހެޅީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓް އޯވަހޯލް ކުރުމަށް ވައުދުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ އިންތިހާބު ކާމިޔާބު ކުރެއްވިތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.
މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާގައި އަދާނީ ވަނީ ޓްރަމްޕަށް އިންތިހާބު ކާމިޔާބު ކުރެއްވުމުން މަރުހަބާ ވިދާޅުވެ، އެމެރިކާގައި 10 ބިލިއަން ޑޮލަރު އިންވެސްޓް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
ކޮމެންޓް