ބެއިރޫތުގެ ދެކުނުގެ އަވަށެއް ކަމަށްވާ ދަހިއްޔާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު އަފީފް ވާހަކަ ދައްކަވަނީ. (ފޮޓޯ/އޭޕީ)
އިޒްރޭލުން ހިޒްބުاللهގެ ތަރުޖަމާނު އަވަހާރަކޮށްލައިފި
ލުބުނާނުގެ ބެއިރޫތުގެ އިމާރާތަކަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާއެއްގައި ހިޒްބުاللهގެ ތަރުޖަމާނު މުހައްމަދު އަފީފު އަވަހާރަކޮށްލާފައިވާ ކަމަށް ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތުން ބުނެފި އެވެ.
ލުބުނާނުގެ ވެރިރަށުގެ އާބާދީ ބޮޑު ރަސް އަލް ނަބާ އަވަށަށް ދިން މި ހަމަލާގައި އިތުރު ތިން މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ. އަދި އެ އިމާރާތަށް އިޒްރޭލުން ހަމަލާދީފައިވަނީ އިންޒާރެއް ދިނުމެއް ނެތި ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ. އިޒްރޭލުން ބެއިރޫތުގެ ދެކުނުގެ އަވަށްތަކަށް މިހާރު ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ލުބުނާނުގެ ގިނަ ބަޔަކު ވަނީ އެކި ހިސާބުތަކުން ހިމާޔަތް ހޯދައިފަ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ދިން ނުރައްކާތެރި ހަމަލާގެ ކުރިން އެ ސަރަހައްދު ހުސްކުރަން ރަސްމީކޮށް އިޒުރޭލުން އެކްސްގައި ވެސް ބުނެފައެއް ނުވެ އެވެ.
"ސާފުކޮށް އެނގޭ ގޮތުގައި މިއީ ހިޒްބުاللهގެ އަސްކަރީ ގޮފީގެ އިތުރުން އެ ޖަމާއަތުގެ އިދާރީ ފަރާތްތަކުގެ ފަހަތުން ދިއުމަށް އިޒްރޭލުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރާ ކަމެެއް،" ޑޯސާ ޖައްބަރީ އަލް-ޖަޒީރާއަށް ވިދާޅުވި އެވެ.
އިޒްރޭލުން ކުރަން އުޅޭ ކަމަކީ އިގްތިސާދީ، އިޖުތިމާއީ، ސިޔާސީ އަދި އަސްކަރީ ހުރިހާ ރޮނގަކުން ވެސް އެ ޖަމާއަތްތަކުގެ ގާބިލުކަން ދަށް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހިޒްބުاللهގެ އަލް މަނާރު ޓީވީ ސްޓޭޝަން އެތައް އަހަރެއް ވަންދެން ހިންގެވުމަށް ފަހު އަފީފް ވަނީ އެ ޖަމާއަތުގެ މީޑިއާ ރިލޭޝަންސް އޮފިސަރުގެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ.
އިޒްރޭލުގެ ބޮމުގެ ހަމަލާތަކުގައި ހަލާކުވެފައިވާ ވެރިރަށުގެ ދެކުނުގެ އަވަށްތަކުގައި ހަލާކުވެފައިވާ އިމާރާތްތައް ހުރި ތަނުގައި އޭނާ ވަނީ ގިނަ ޕްރެސް ކޮންފަރެންސްތަކެއް ބާއްވައިފަ އެވެ.
އެންމެ ފަހުން މި މަހުގެ 11 ވަނަ ދުވަހު ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ލުބުނާނުގެ އެއްވެސް ސަރަހައްދެއް އިޒްރޭލު ސިފައިންނަށް އަތުނުލެވުނު ކަމަށެވެ. އަދި ހިޒްބުاللهގެ އަތުގައި "ދިގު ހަނގުރާމައެއް" ކުރެވޭ ވަރަށް ހަތިޔާރާއި ސާމާނު ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ އަވަހާރަކޮށްލުމަކީ ހިޒްބުاللهގެ ވެރިޔާ ހަސަން ނަސްރުاللهގެ އިތުރުން އެ ޖަމާއަތުގެ އިސް ވެރިން އަވަހާރަކޮށްލި ހާދިސާގެ ތެރެއިން އެންމެ ފަހުގެ ހާދިސާ އެވެ. އިޒްރޭލުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ލުބުނާނުގެ އެކި ސަރަހައްދުތަކަށް ދޭން ފެށި ހަމަލާތައް ފަހަކަށް އައިސް ވަނީ ވަރުގަދަކޮށްފަ އެވެ.
ނަސްރުالله އަވަހާރަކޮށްލާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ބެއިރޫތުގެ ދެކުނުގެ ދަހިއްޔާ ނެއިގޫރުހޫޑްގައި މީހުން ދިރިއުޅޭ އިމާރާތަކަށް އިޒުރޭލުން ދިން ހަމަލާއެއްގަ އެވެ.
އަސްކަރީ އެނަލިސްޓް އެލިއާ މެގްނިއާ އަލް-ޖަޒީރާއަށް ވިދާޅުވީ މުހައްމަދު އަފީފް އަވަހާރަކޮށްލުމަކީ ހިޒްބުاللهގެ ލީޑާޝިޕާއި ދުނިޔެއާ މުއާމަލާތް ކުރުމުގެ ގާބިލްކަމަށް ހުރަސް އެޅުމަށް އިޒްރޭލުން ގެންގުޅޭ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
މީގެ ސަބަބުން އިޒްރޭލުގެ ހަނގުރާމައިގެ ވާހަކަތަކާ ދެކޮޅަށް ހިޒްބުاللهއަށް ދޭ ރައްދުތައް ކޯޑިނޭޓް ކުރުމުގެ ގާބިލުކަން ވެސް ގެއްލޭނެ ކަމަށާއި އެކަމުގެ ސަބަބުން އެ ޖަމާއަތުގެ އެހެން އޮފިޝަލުން އިތުރަށް ފެންނަން މަޖުބޫރުވާނެ ކަމަށް މެގްނިއާ ވިދާޅުވި އެވެ.
ކޮމެންޓް