އިނގިރޭސިވިލާތާއި މޮރިޝަސްގެ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމާ ދެކޮޅަށް އެތައް ސަތޭކަ ބަޔަކު އެއްވެ އަޑުއުފުލަނީ
ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލު ކުރުމާ ދެކޮޅަށް އަޑުއުފުލައިފި
ޗާގޯސް ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް ދެކޮޅު ހަދައި، އިނގިރޭސިވިލާތުގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އެތައް ސަތޭކަ ޗާގޯސް ދަރިކޮޅުގެ ބަޔަކު ލަންޑަނަށް އެއްވެ، ނިމުނު ހަފުތާގެ ފަހުކޮޅު އަޑުއުފުލައިފި އެވެ.
އެ ޖަމާއަތުން ބުނީ އެ މީހުން ހިތްހަމަނުޖެހި ރުޅިއައީ އިނގިރޭސި ސަރުކާރުން މިދިޔަ މަހު އެ މީހުންގެ އަމިއްލަ ގައުމުގެ އިސްތިގުލާލު މޮރިޝަސް ސަރުކާރާ ހަވާލުކުރުމަށް ނިންމުމާ ގުޅިގެން ކަމަށެވެ.
ލަންޑަން ކައިރީގައި އޮންނަ ކްރޯލީގައި ބޭއްވި އެއްވުމުގައި ފޯޅަވައްސާއި އިންޑިއާ ކަނޑުގެ ޖަޒީރާ ރަށްތަކުގެ ކޮންޓްރޯލް މޮރިޝަސްއަށް ދިނުމަށް ދެކޮޅު ކަމަށް ބުނެ އެ މީހުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
އިނގިރޭސި ވިލާތުގެ ފޮރިން އޮފީހުން ބުނީ ޗާގޯސް ރައްޔިތުންގެ މަސްލަހަތަށް އިހުތިރާމްކުރާ އެއްބަސްވުމަކަށް އާދެވިފައިވާ ކަމުގެ ޔަގީންކަން ސަރުކާރަށް އޮތް ކަމަށެވެ.
ތަރުޖަމާނު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން އިނގިރޭސި ދައުލަތުގެ ސަލާމަތުގެ މަގްސަދުތައް ހާސިލުވާނެ ކަމުގެ ޔަގީންކަން ސަރުކާރަށް ވެސް އޮތް ކަމަށެވެ. އަދި ހިޖުރަކުރެވޭނެ މަގު ބަންދުކުރެއްވިފައިވާ ކަމަށެވެ.
ރަށްރަށުގެ ސިޔާދަތު އަމިއްލައަށް ކަނޑައެޅުމަށް ޗަގޯސިއަން ރައްޔިތުންގެ ބައިނަލްއަގްވާމީ ހިޔާލު ހޯދުމެއް ބޭއްވުމަށް މުޖުތަމައުގެ ލީޑަރުންނާއި ސިޔާސީ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
'މި އެއްބަސްވުމަކީ ބިރުވެރި އެއްބަސްވުމެއް'
ކްރޯލީއަކީ އިނގިރޭސިވިލާތުގެ އެންމެ ބޮޑު ޗަގޯސިއަން ކޮމިއުނިޓީ ދިރިއުޅޭ ރަށް ކަމަށާއި އެ ރަށުގައި 3،000 އަށް ވުރެ ގިނަ މީހުން ވަޒަންވެރިވެފައިވާ ކަމަށްވެ އެވެ. ގިނަ ބަޔަކު ދުރު ހިސާބުތަކުން ރޭލުގައި ވެސް އެތަނަށް ދަތުރު ކުރި އެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން އިތުރު މަޝްވަރާތަކެއް ކުރާކަށް، އަޅުގަނޑުމެން ބޭނުންވަނީ އަމިއްލަ އިހްތިޔާރު. ޗަގޯސިއަން މީހުންނަށް އޮޅުވާލަން މަސައްކަތް ނުކުރޭ. އެ ރަށްތައް އޮންނަން ޖެހޭނީ އިނގިރޭސި ވިލާތުގެ ޖަޒީރާ ރަށްތަކެއްގެ ގޮތުގައި،" ލުއިސް ކިޔާ ޗާގޯސްގެ ރައްޔިތަކު ބުންޏެވެ.
ޗަގޯސިއަން ވޮއިސްގެ ތަރުޖަމާނު ޖީން ފްރެންކޮއިސް ނެލަން ވިދާޅުވި އެވެ.
"ބޭރުގެ އެހެން ސަރަހައްދުތަކަށް ބެލިޔަސް، ފޯކްލޭންޑްސްގައި ރައްޔިތުން ނިންމީ އިނގިރޭސިންނަށް ވާން ބޭނުންވާ ކަމަށް. ޖިބްރޯލްޓާގެ މީހުން، އެމީހުން ނިންމީ އިނގިރޭސިންނަށް ވާން ބޭނުންވާ ކަމަށް. ޗަގޯސިއަން މީހުންނަށް ވެސް ހަމަ އެ ހައްގު ނުލިބެނީ ކީއްވެގެން؟ އޭނާ ސުވާލު އުފެއްދިވި އެވެ.
އަމިއްލަ އިހްތިޔާރުގެ ހައްގެއް އެބައޮތް، މިއީ އަޅުގަނޑުމެން އެދެމުން އައި ގޮތް. ހިޔާލު ހޯދުމުގެ ވޯޓެއް ނަގައިގެން އަހާ ޗާގޯސް ރައްޔިތުން ބޭނުންވަނީ އިނގިރޭސި ނުވަތަ މޮރިޝަސްގެ ރައްޔިތުނަށްތޯ ވާން،" އޭނާ ވިދާޅުވި އެވެ.
އެ އެއްވުމުގައި ވާހަކަ ދެއްކެވި ސިޔާސީ ބޭފުޅުންގެ ތެރޭގައި ކޮންޒަވޭޓިވް ޕީއާ އަދި ކުރީގެ ސައުތު އީސްޓް އެމްއީޕީ ލޯޑް ޑެނިއަލް ހަންނާން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އަދި އިނގިރޭސިވިލާތާއި މޮރިޝަސް އަދި ސީޝެލްސްއާ ދެމެދު ފެތުރިފައިވާ ހުރިހާ ޗާގޯސްގެ ރަށްތަކުގެ ރައްޔިތުންގެ ރެފަރެންޑަމެއް ބޭއްވުމަށް އޭނާ ގޮވާލެއްވި އެވެ.
ރިފޯމް ޔޫކޭގެ ޗެއާ ޒިޔާ ޔޫސުފް ވިދާޅުވީ އެ އެއްބަސްވުމުގެ ހުރިހާ ކަމެއް ވެސް ބިރުވެރި ކަމަށެވެ.
"އެމީހުން ހުއްދައަކަށް އެދިފައެއް ނުވޭ، އެ މީހުން ގަބޫލުތޯ އެދިފައެއް ނުވޭ، އަދި މިކަމުގެ ސަބަބުން ދިރިއުޅުމަށް ބުރޫ އަރާނެ އެއްވެސް ފަރާތެއްގެ ހުއްދައަކަށް ވެސް އެދިފައެއް ނުވޭ." އޭނާ ވިދާޅުވި އެވެ.
ޔޫސުފް ވިދާޅުވީ ޑިއޭގޯ ގާސިއާ، އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒަކީ ވަރަށް މުހިންމު މަރުކަޒެއް ކަމަށެވެ. އަދި އިނގިރޭސީންގެ ދިދައިގެ ދަށުގައި ޗާގޯސްގެ ރައްޔިތުން އެނބުރި ރަށްރަށަށް ދިއުމަށް އެމީހުން ވަކާލާތު ކުރާނެ ކަމަށެވެ.
ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ ޗާގޯސިއަން މީހުން އިނގިރޭސި ވިލާތުގެ ރަށްވެހިކަން ލިބުމުގެ ހައްގު ލިބިގެންވާނެ ކަމަށާއި އިނގިރޭސިވިލާތުގައި ހިޔާވަހިކަން ހޯދުމުގެ މިނިވަންކަން އެ މީހުންނަށް އޮންނާނެ ކަމަށެވެ.
ކޮމެންޓް