11 ނޮވެމްބަރު 2024، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އޭނާގެ ޕާޓީގެ ކެންޑިޑޭޓުންނާ އެކު. [އަރުދަނާ/އޭޕީ ފޮޓޯ]
ސްރީލަންކާގެ މަޖިލީސް އިންތިހާބު ރައީސް އަނޫރާގެ ކޯލިޝަނުން ކާމިޔާބުކޮށްފި
ސްރީލަންކާގައި އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެ ގައުމުގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަގެ އިއްތިހާދުން ކާމިޔާބުކޮށްފި އެވެ.
އަނޫރާގެ ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) އިން 225 މެމްބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހުގެ 123 ގޮނޑި މިއަދު ހެނދުނާ ހަމައަށް ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި 22 އިލެކްޓޯރަލް ދާއިރާގެ ތެރެއިން އެއް ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއެއްގައި ކުރީގައި އޮތީ އެ ޕާޓީ ކަމަށް ނަތީޖާ އިން ދައްކަ އެވެ.
ލަންކާގެ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ހޯދުމަށް ބޭނުން ވަނީ 113 ގޮނޑި އެވެ.
ކުރީގެ ރައީސް ރަނަސިންހަ ޕްރޭމަދާސާގެ ދަރިކަލުން ސަޖިތު ޕްރޭމަދާސާ އިސްވެ ހުންނަވާ އެސްބީޖޭއަށް ލިބިފައިވަނީ 31 ގޮނޑި އެވެ.
ބުރާސްފަތި ދުވަހު ނެގި ވޯޓުގައި ވޯޓުލީ މީހުންގެ ނިސްބަތަކީ ގާތްގަނޑަކަށް %65 އެވެ. މިއީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލި %80 އަށް ވުރެ މަދު އަދަކެވެ.
ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އަނޫރާ އަށް ސާފު އަގުލަބިއްޔަތެއް ބޭނުން ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، ލަންކާގައި މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ކާރިސާއަށް ފަހު ހަމަޖެހުން ގާއިމު ކުރުމަށް ވެފައިވާ ވައުދު ފުއްދުމަށެވެ.
ދިރިއުޅުމުގެ އަގުތައް ބޮޑުވުމަކީ ގިނަ ބަޔަކަށް ދިމާވި އެންމެ ބޮޑު އެއް މައްސަލަ އެވެ.
އިންތިހާބުގައި އެންޕީޕީން ރަނގަޅު ނަތީޖާއެއް ނެރެފާނެ ކަމަށް އެނަލިސްޓުން ލަފާކުރި ނަމަވެސް ކަނޑައަޅަން ޖެހޭ ކަމަކީ ކާމިޔާބީގެ ފަރަގެވެ. އަދި އެ ކޯލިޝަނަށް ބޭނުންވާ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތު ލިބުންތޯ ނުވަތަ ނޫންތޯ އެވެ.
އުވާލި ރައްޔިތުންގެ މަޖިލީހުގައި އެންޕީޕީގެ ލީޑަރުކަން ކުރަމުން އަންނަ އަނޫރާގެ ޖަނަތާ ވިމުކްތީ ޕެރަމުނާ (ޖޭވީޕީ) ޕާޓީއަށް ލިބިފައިވަނީ އެންމެ ތިން ގޮނޑި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއީ ސްރީލަންކާއަށް މާނަ ހުރި ބަދަލެއް އަންނާނެ ވަރަށް މުހިންމު އިންތިހާބެއް،" އަނޫރާ،55، އިއްޔެ ވިދާޅުވި އެވެ.
ކުރީގެ މެންބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި މެމްބަރުން މި އިންތިހާބުގައި ވާދަނުކުރައްވަން ނިންމެވި އިރު، އޭގެ ތެރޭގައި ކުރީގައި ވެރިކަން ކުރި ރާޖަޕަކްސަ ދަރިކޮޅުގެ އިސް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ރިޔާސީ އިންތިހާބުގައި އަނޫރާ އަތުން ބަލިވި ސަޖިތު ޕްރޭމަދާސާ ވާނީ އިދިކޮޅު އިއްތިހާދުގައި އިސްކޮށް ހުންނަވާނެ ބޭފުޅާއަށެވެ.
އަނޫރާ ވަނީ ރައީސް ކަމަށް ވަޑައިގެންނެވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަޖިލީސް އުވާލައްވައި އަވަސް އިންތިހާބެއް ބޭއްވުމަށް ނިންމަވައިފަ އެވެ. އެއީ އޭނާގެ ސިޔާސަތުތައް ކުރިއަށް ގެންދިއުމަށެވެ.
"ރައްޔިތުން އެދޭ ގޮތަށް ނުފެތޭ މަޖިލީހެއް ކުރިއަށް ގެންދިއުމުގެ މާނައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގައި ހިމެނޭ 225 ގޮނޑީގެ ތެރެއިން ރައްޔިތުން ސީދާ އިންތިހާބު ކުރަނީ 196 މެމްބަރުންނެވެ. އަދި ބާކީ ގޮނޑިތަކަށް މެންބަރުން ކަނޑައަޅާނީ ޕާޓީތަކަށް ވޯޓު ލިބޭ ޕަސެންޓޭޖަށް ބަލައިގެންނެވެ.
އިންފްލޭޝަން މަތިވުމާއި ކާބޯތަކެތީގެ ދަތިކަމާއި ތެލުގެ ދަތިކަމުގެ ސަބަބުން 2022 ވަނަ އަހަރު ސިޔާސީ ހަމަނުޖެހުން އުފެދި ރައީސް ގޯޓާބަޔަ ރާޖަޕަކްސަ މަގާމުން ދުރުކުރި އެވެ. ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ އިންޓަނޭޝަނަލް މަނިޓަރީ ފަންޑާ އެކު 3 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖެއް ހޯއްދެވި ނަމަވެސް ސްރީލަންކާގެ ގިނަ ރައްޔިތުންނަށް އިގްތިސާދީ ދަތިކަން އިހުސާސް ކުރެވެ އެވެ.
ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ސްރީލަންކާގައި ފަގީރުކަމުގައި ދިރިއުޅޭ މީހުންގެ އަދަދު ވަނީ %25.9 އަށް އަރައިފަ އެވެ. ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި މި އަހަރު ލަންކާގެ އިގްތިސާދު ކުރިއަރާނީ އެންމެ %2.2 ގަ އެވެ.
ސެޕްޓެމްބަރު މަހު ބޭއްވި އިންތިހާބުގައި ވާތު ފިޔައިގެ އަނޫރާ އަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނެ އެވެ. އޭނާގެ ޕާޓީން ސަރުކާރުގެ ނުފޫޒާއި ބާރު ވަރުގަދަކުރުމަށް ވަކާލާތުކޮށް ޓެކްސް ކުޑަކުރުމަށް ތާއީދުކޮށްފައިވެ އެވެ.
ވޯޓުލީ މީހުންގެ %50 އަށް ވުރެ މަދުން ވޯޓު ހޯއްދަވައިގެން އިންތިހުބުވެވަޑައިގެންނެވި ސްރީލަންކާގެ ފުރަތަމަ ރައީސް އަކީ އަނޫރާ އެވެ. ގިނަ އޮބްޒާވަރުން ދެކޭ ގޮތުގައި މިފަހަރު އޭނާގެ އިއްތިހާދުން ރަނގަޅު ވާނެ އެވެ.
ކޮމެންޓް