2003 ވަނަ އަހަރުގެ ފަހުކޮޅު އެސޯސިއޭޓެޑް ޕްރެސްއަށް ލިބިފައިވާ މި ފޮޓޯއިން ފެންނަނީ އިރާގުގެ ބަގުދާދުގައި ހުންނަ އަބޫ ގަރައިބް ޖަލުގައި ބޮލުގައި ކޮތަޅަކާއި ވަޔަރުތައް ހަރުކޮށްފައި ހުރި ފޮއްޓެއްގެ މަތީގައި މީހަކު ހުއްޓިގެން ހުރި މަންޒަރު.

އިރާގު

އިރާގުގެ އަބޫ ގަރައިބު ޖަލުގެ އަނިޔާތަކުގެ ބަދަލުގައި 3 މީހަކަށް 42 މިލިއަން ޑޮލަރުދޭން ހުކުމްކޮށްފި

އެ މައްސަލަ ފުރަތަމަ ހުށަހެޅީ 2008 ވަނަ އަހަރު
14 ނޮވެމްބަރު 2024

އިރާގުގެ މަޝްހޫރު އަބޫ ގަރައިބު ޖަލުގައި ކުރިން ހައްޔަރުކޮށްފައި ތިބި ތިން މީހަކަށް އެމެރިކާގެ ޖޫރީއަކުން 42 މިލިއަން ޑޮލަރު ނަގައިދިނުމަށް ހުކުމްކޮފި އެވެ.

މިއީ މީގެ 20 އަހަރު ކުރިން ވާޖިނިއާގެ ޑިފެންސް ކޮންޓްރެކްޓަރަކު، ބަޔަކަށް ކުރި އަނިޔާއަށް އެ މީހުން ޒިންމާ އުފުލަން ޖެހުމެވެ.

ސީއޭސީއައި ޕްރިމިއާ ޓެކްނޮލޮޖީއާ ދެކޮޅަށް ހުކުމް ކޮށްފައި ވަނީ މި މައްސަލައިގެ ދެވަނަ ޝަރީއަތުންނެވެ. ފުރަތަމަ މައްސަލައިގެ ޝަރީއަތް ނިމިގެން ދިޔައީ ޖޫރީއަށް ވަކި ގޮތެއް ނުނިންމިގެންނެވެ.

އެ މައްސަލަ ކޯޓުގައި ކުރިއަށް ގެންދިޔައީ ސުހައިލް އަލް ޝިމާރީ އާއި ސަލާހު އަލް އެޖެއިލީ އަދި އަސާދު އަލް ޒުބޭގެ ފަރާތުންނެވެ. އެ މައްސަލަ ފުރަތަމަ ހުށަހެޅީ 2008 ވަނަ އަހަރު އެވެ.

އެ މީހުން ބުނި ގޮތުގައި، ޖަލު ބަލަހައްޓާ މީހުންގެ ފަރާތުން އެ މީހުންނާ ދެކޮޅަށް އަނިޔާކޮށް، ޖިންސީ ގޯނާކޮށް މަޖުބޫރުކޮށްގެން އޮރިޔާން ކުރުމާއި އެހެނިހެން އަނިޔާވެރި އަމަލުތައް ވަނީ ހިންގައިފަ އެވެ.

ބަގުދާދުގެ ހުޅަނގުގައި ހުންނަ ޖަލުގައި ސީއޭސީއައިން ވަނީ އެމެރިކާގެ އަސްކަރިއްޔާއަށް ތަހުގީގުކޮށް މައުލޫމާތު ހޯދާނެ މީހުން ފޯރުކޮށްދީފަ އެވެ. ކޯޓުގައި ކޮންޓްރެކްޓަރުގެ ވަކީލުން ބުނީ އަސްކަރީ ފުލުހުން ހިންގި އަނިޔާގައި ސީދާ އެ ކުންފުނީގެ މުވައްޒަފުން ބައިވެރިވެފައި ނުވާނެ ކަމަށެވެ.

ނަމަވެސް ޖޫރީން ވަނީ ސީއޭސީއައި އަދިވެސް ޒިންމާވާން ޖެހޭ ކަމަށް ބުނެ، ދައުވާ ކުރާ ފަރާތްތަކާއި އެ މީހުން ދައްކާ ވާހަކަތަކަށް އެއްބާރުލުން ދީފަ އެވެ. 

ސީއޭސީއައިން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލާގައި "ކަތިލި ކަންބަޅި ބަކަރިއަކަށް" އެ މީހުން ހަދާފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ތާރީހީ ހުކުމަކީ އަބޫ ގަރައިބުގައި ތިބި މީހުންނާ މެދު އަމަލު ކުރި ގޮތާ މެދު ގާނޫނީ ގޮތުން މަދަނީ ކޮންޓްރެކްޓަރަކު ޒިންމާ އުފުލި ފުރަތަމަ ފަހަރެވެ.

ޖޫރީން ވަނީ މައްސަލަ ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ހިމެނޭ މެދުމަދުރަސީ ސްކޫލެއްގެ ހެޑްމާސްޓަރެއް ކަމަށްވާ އަލް ޝިމާރީ އާއި ނޫސްވެރިއެއް ކަމަށްވާ އަލް-އެޖެއިލީ އާއި މޭވާ ވިއްކާ އަލް ޒުބާއީއަށް ބަދަލުގެ ގޮތުގައި ކޮންމެ މީހަކަށް 3 މިލިއަން ޑޮލަރާއި އަދަބީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 11 މިލިއަން ޑޮލަރު ދޭން ހުކުމްކޮށްފަ އެވެ.

ހުކުމަށް ފަހު އަލް އެޖައިލީ ނެރުނު ބަޔާނެއްގައި ބުނީ މި ދުވަހަށް އިންތިޒާރު ކުރާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

"މި ކާމިޔާބަކީ ނިކަމެތިވެފައިވާ ކޮންމެ މީހަކަށް ވެސް އަލިގަދަ އަލިކަމެއް. އެކި ބާވަތުގެ އަނިޔާ އާއި ގޯނާކުރާ ކޮންމެ ކުންފުންޏަކަށް ނުވަތަ ކޮންޓްރެކްޓަރަކަށް ވަރުގަދަ އިންޒާރެއް،" އޭނާ ބުންޏެވެ.

މީގެ 21 އަހަރު ކުރިން، 2003 ވަނަ އަހަރު އިރާގަށް އެމެރިކާ ސިފައިން އަރައިގަތުމަށް ފަހު އެ މީހުން ވަނީ އަބޫ ގަރައިބުގައި ޖަލުގައި އެތައް ސަތޭކަ ފިރިހެނުން ހައްޔަރުކޮށްފަ އެވެ.

މީގެ 20 އަހަރު ކުރިން، 2004 ވަނަ އަހަރު ޖަލުގައި އަނިޔާކުރި ހިތްދަތި ފޮޓޯތަކެއް ވަނީ ލީކުވެފަ އެވެ. އޭގެ ތެރޭގައި ސިފައިންގެ މީހަކު ކުއްތާއެއްގެ ކަރުގައި ވާ ޖަހައިގެން ދަމާ ފަދަ ފޮތަކަށް، އޮރިޔާން ހާލުގައި ނިކަމެތި ގައިދީއެއް ދަމައިގަންނަ މަންޒަރު ފެންނަ ފޮޓޯތައް ހިމެނެ އެވެ. އެ ފޮޓޯތަކުން އެ މަންޒަރު ފެނުމުން ގިނަ ބަޔަކު ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

އަސްކަރީ ގާނޫނުތަކާ ހިލާފުވުމުގެ ކުށުގައި އެމެރިކާގެ 11 ސިފައިންގެ މީހެއްގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް ގިނަ ބަޔަކަށް ހުކުމް ކުރެވުނީ މަދު އަހަރަކަށެވެ. އެ މައްސަލާގައި ކުށް ސާބިތުވެ، ޖަލުގައި ބާކީ ހުރި އެންމެ ފަހު ސިފައިންގެ މީހާ ދޫކޮށްލީ އޮގަސްޓް 2011ގަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް