މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތު [ފައިލް: އަމިތު ޑޭވް/ރޮއިޓާސް]

މޮރިޝަސް

މޮރިޝަސްގެ ބޮޑުވަޒީރު ޖަގްނައުތު އިންތިހާބުން ބަލިވެ، ބަލި ގަބޫލު ކުރައްވައިފި

ޖަގްނައުތު،62،ގެ ކޯލިޝަން އިންތިހާބުން ބަލިވި އިރު، ޗާގޯސްގެ ރަށްތަކުގެ އިސްތިގުލާލު މޮރިޝަސްއަށް މިދިޔަ މަހު ހޯއްދަވައިދެއްވީ އޭނާ
11 ނޮވެމްބަރު 2024

މޮރިޝަސްގައި އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ގައުމުގެ މިހާރުގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތު އިންތިހާބުން ބަލިވެއްޖެ އެވެ. އަދި އޭނާ ބަލި ގަބޫލު ކުރައްވައި ވިދާޅުވީ އޭނާގެ ސިޔާސީ އިއްތިހާދަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"ލަ އެލަޔަންސް ލެޕެޕް މިދަނީ ބޮޑު ނާކާމިޔާބީއަކާ ދިމާލަށް. ގައުމާއި އާބާދީއަށް ޓަކައި އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް އަޅުގަނޑު މަސައްކަތް ކުރިން. ރައްޔިތުން ނިންމީ އެހެން ޕާޓީއެއް ވެރިކަމަށް ގެނައުމަށް. ގައުމަށް ހެޔޮ ގޮތް ވުމަށް އަޅުގަނޑު އެދެން،" 2017 އިން ފެށިގެން ވެރިކަން ކުރައްވަމުން އަންނަ ޖަގްނައުތު މިއަދު ވިދާޅުވި އެވެ.

ރަސްމީނަތީޖާ އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އިދިކޮޅު ލީޑަރު ނަވީން ރަމްގޫލަމް ތިން ވަނަ ފަހަރަށް ބޮޑުވަޒީރުކަމާ ހަވާލުވާނީ އޭނާގެ 'އެލަޔަންސް އޮފް ޗޭންޖު ކޯލިޝަން'ގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުންނެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުންގެ މަޖިލީހުގެ 62 ގޮނޑިއަށް މެމްބަރުން ހޮވުމަށް އިއްޔެ ނެގި ވޯޓުގައި 68 ޕާޓީ އާއި ފަސް ސިޔާސީ އިއްތިހާދުން ބައިވެރިވި އެވެ. ޕާލަމެންޓުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ގޮނޑި ލިބޭ ޕާޓީ ނުވަތަ ކޯލިޝަނަށް ބޮޑުވަޒީރުކަމުގެ މަގާމު ލިބޭނެ އެވެ.

ޖަގްނައުތު،62،ގެ ކޯލިޝަން އިންތިހާބުން ބަލިވި އިރު، ޗާގޯސްގެ ރަށްތަކުގެ އިސްތިގުލާލު މޮރިޝަސްއަށް މިދިޔަ މަހު ހޯއްދަވައިދެއްވީ އޭނާ އެވެ. ނަމަވެސް އޭނާގެ ކެމްޕޭނަށް ހިޔަނި އެޅުނީ، ސިޔާސީ ފަރާތްތަކާއި ޑިޕްލޮމެޓުންނާއި ނޫސްވެރިންގެ ސިއްރު ރެކޯޑް ފޯނު ކޯލްތައް އޮންލައިންކޮށް ލީކުވުމުންނެވެ. އަދި އެ ބޮޑު ހިޔާނާތުގެ ސަބަބުންނެވެ.

 ހޫނު ކެމްޕޭނެއްގައި ދެ ކޭމްޕުން ވެސް ވައުދީވީ، އިގްތިސާދީ ދުވެލި ހަރުދަނާކޮށް ދިރިއުޅުމުގެ ހަރަދުކުޑަކޮށްދޭނެ ކަމަށެވެ. 

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ އަންދާޒާތައް ދައްކާ ގޮތުން އާދީއްތަ ދުވަހު ނެގި ވޯޓުގައި ގާތްގަނޑަކަށް %80 މީހުން ވޯޓުލި އެވެ.

މޮރިޝަސްގެ ގާނޫނު ބުނާ ގޮތުން 62 ގޮނޑިއަށް މެންބަރުން ހޮވަނީ އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓުންނެވެ. ބާކީ އަށް ގޮނޑިއަށް މެންބަރުން ކަނޑައަޅަނީ ނަސްލުތަކުގެ މައްޗަށް ބަހާލައިގެންނެވެ.

އެފްރިކާގެ އެންމެ މުއްސަނދި އަދި އެންމެ ހަމަޖެހޭ އެއް ޑިމޮކްރަސީގެ ސިޔާސީ އަދި އިގްތިސާދީ ދެމެހެއްޓުން އެ ގޮތެއްގައި ދެމިއޮތުމާ މެދު ވޯޓުލާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޖުގްނައުތާއި ރަމްގޫލަމް އަކީ 1968 ވަނަ އަހަރު އިނގިރޭސިވިލާތުން މޮރިޝަސް މިނިވަންވި ފަހުން އެ ގައުމުގެ ސިޔާސީ މައިދާނުގައި ބާރު ގަދަވި ދަރިކޮޅުގެ ބޭފުޅުންނެވެ.

މޮރިޝަސްގެ ކުރީގެ ބޮޑުވަޒީރު އަދި އެލަޔަންސް ޑޫ ޗޭންޖްމަންޓްގެ ކެންޑިޑޭޓް ނަވީން ރަމްގޫލަމް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެގައުމުގެ ލީޑަރުކަން ކުރައްވާފައި. [ރިޝީ އެޓްވާރޫ/އެލް އެކްސްޕްރެސް މޮރިސް އޭއެފްޕީ މެދުވެރިކޮށް]

ރާމްގޫލަމް،77، އަކީ ސީވޫސަގުރް ރާމްގޫލާގެ ދަރިކަލުންނެވެ. އޭނާ ވަނީ 1995 ވަނަ އަހަރުން ފެށިގެން 2000 ވަނަ އަހަރާ ދެމެދު އަދި އޭގެ ފަހުން 2005 އިން 2014 އަށް ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ. ސީވޫސަގުރް އަކީ މޮރިޝަސް އަށް މިނިވަންކަން ހޯއްދަވައިދެއްވި ލީޑަރެވެ.

އިއްޔެ ރާމްގޫލަމް ވަނީ އޭނާގެ އިއްތިހާދުން އިންތިހާބު ކާމިޔާބު ކުރާނެ ކަމުގެ އުއްމީދު ފާޅުކޮށްފަ އެވެ.

"އަޅުގަނޑުމެން މި ދަތުރު ކުރަނީ ބޮޑު ކާމިޔާބީއަކާ ދިމާއަށް. ރައްޔިތުން ތިބީ މި މިނިވަންކަމުގެ އިންތިޒާރުގައި." އޭނާ ނޫސްވެރިންނާ މުހާތަބު ކުރައްވައި ވިދާޅުވި އެވެ.

ހިންދޫގެ ބޮޑު އަގުލަބިއްޔަތެއް އޮންނަ ގައުމަކީ އެ ގައުމު މިނިވަންވީއްސުރެ އާންމުކޮށް ހަމަޖެހުން އޮންނަ އަދި ކުރިއަރަމުން އަންނަ ގައުމެކެވެ. އެ ގައުމުގެ މައިގަނޑު އިގުތިސާދަކީ ޓޫރިޒަމާއި ފައިނޭޝަލް ހިދުމަތާއި އަންނައުނު އުފެއްދުމެވެ.

ވޯލްޑް ބޭންކުގެ ހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު ބޮލަކަށް ޖެހުނު އާމްދަނީ ހުރީ 10،000 ޑޮލަރަށް ވުރެ މަތީގަ އެވެ. ނަމަވެސް ވެރިކަން ހިންގުމާއި ކޮރަޕްޝަންގެ ކަންބޮޑުވުންތައް އިތުރުވަމުންދާކަން އެނަލިސްޓުން އަންނަނީ ފާހަގަކުރަމުންނެވެ.

ރީތި ގޮނޑުދޮށްތަކާއި ރީތި ރުއްތަކުން މުއްސަނދި ގައުމަށް މިދިޔަ އަހަރު 1.3 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް