ޓްރަމްޕް އަވަހާރަކޮށްލަން މީހަކު ބަޑިންދިން ހަމަލާއަކަށްފަހު، ކެމްޕެއިން ރެލީއެއްގައި އެމެރިކާގެ ސީކްރެޓް ސަރވިސްގެ އޮފިސަރުން ޑޮނަލްޑް ޓްރަމްޕް ވަށައިގެން ރައްކާތެރިކަމާއެކު.
ޓްރަމްޕް އަވަހާރަކޮށްލުމަށް ރޭވި ކަމަށް ކުރި ތުހުމަތުތަކަކީ އިސްރާއީލާއި އީރާނާ އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ ވާހަކަތަކެއް ކަމަށް ބުނެފި
އެމެރިކާ ސަރުކާރުން ހުކުރު ދުވަހު ހާމަކުރި މައުލޫމާތުގައިވާ ގޮތުން، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް އީރާނުން ރާވާފައިވާ ކަމަށް ބުނެ އަފްއާނިސްތާނުގެ ރައްޔިތެއްގެ މައްޗަށް ދަޢުވާ އުފުލައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން އާންމުކުރި ދައުވާގައިވާ ގޮތުން، 51 އަހަރުގެ ފަރްހާދު ޝާކެރީއަށް ޓްރަމްޕް އަވަހާރަކޮށްލުމަށް "ޕްލޭނެއް އެކުލަވާލުމުގެ" މަސައްކަތް ހަވާލުކުރެވުނެވެ.
އެމެރިކާ ސަރުކާރުން ބުނާގޮތުގައި ޝާކެރީ މިވަގުތު އީރާނުގައި އުޅޭ ކަމަށް ގަބޫލުކުރެވޭއިރު، އޭނާ ހައްޔަރުކުރެވިފައެއް ނުވެ އެވެ. އީރާނުން މި މައްސަލައިގައި ބުނެފައިވަނީ މިއީ "އެއްވެސް އަސާސެއްނެތް" ތުހުމަތުތަކެއް ކަމަށެވެ.
މެންހެޓަން ކޯޓަށް ހުށަހެޅުނު ޖިނާއީ މައްސަލައިގައިވާ ގޮތުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ އޮފިޝަލަކު ސެޕްޓެމްބަރު މަހު ޝާކެރީއަށް ޓްރަމްޕް އަވަހާރަކޮށްލުމަށް ރޭވުމަށް އަންގާފައިވެ އެވެ.
އެމެރިކާގެ އެޓާނީ ޖެނެރަލް މެރިކް ގާލަންޑް ވިދާޅުވީ، "އީރާނުގެ ވެރިކަމުގެ ނިޒާމުގެ ފަރާތަކުން އީރާނުގެ ޓާގެޓްތައް ކަމުގައިވާ ރިޔާސީ އިންތިޚާބުގައި ކާމިޔާބުކުރެއްވި ރައީސް ޓްރަމްޕް އަވަހާރަކޮށްލުމަށް ޖިނާއީ އެއްބައިވުމެއް އުފައްދައި ކުރިއަށްގެންދިއުމަށް މަސައްކަތްކުރި ކަމަށް ޖަސްޓިސް ޑިޕާޓްމަންޓުން ދައުވާ އުފުލައިފައިވާނެ" ކަމަށެވެ.
މި މައްސަލައިގައި އީރާނުގެ ފޮރިން މިނިސްޓަރ އައްބާސް އަރަގްޗީ ވިދާޅުވީ މިއީ "ނުބައި" ތުހުމަތުތަކެއް ކަމަށާއި، މިއީ އިސްރާއީލާއި އަދި ގައުމުން ބޭރުގައި ތިބި އީރާނާ އިދިކޮޅު ފަރާތްތަކުން "އެމެރިކާއާއި އީރާނާ ދެމެދު ކަންކަން އުނދަގޫކުރުމަށް" އުފައްދާފައިވާ ވާހަކަތަކެއް ކަމަށެވެ.
Remember the assassination of Ismail Haniyeh in Tehran right after our President's inauguration? Everyone knows who did it and why.
— Seyed Abbas Araghchi (@araghchi) November 9, 2024
Now, with another election, a new scenario is fabricated with the same goal: as a killer does not exist in reality, scriptwriters are brought in…
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރަގްޗީ ވިދާޅުވީ ދެ ގައުމުގެ މެދުގައި އިތުބާރު އުފެއްދުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
-
"އީރާނަކުން ނިއުކްލިއާ ހަތިޔާރެއް ބޭނުމެއް ނުވޭ. އެއީ އިސްލާމީ ތައުލީމްތަކާއި އަޅުގަނޑުމެންގެ ސަލާމަތީ ހިސާބުތަކަށް ބިނާކޮށް އެކުލަވާލެވިފައިވާ ސިޔާސަތެއް. އިތުބާރު ބިނާކުރުމަށް ދެ ފަރާތުންވެސް މަސައްކަތްކުރަންޖެހޭ. އެއީ އެއް ފަރާތަކަށް އެކަނި ހިންގޭނެ ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.
ޖަސްޓިސް ޑިޕާޓްމަންޓުން އަދި އިތުރު ދެ މީހެއްގެ މައްޗަށްވެސް ދަޢުވާ އުފުލާފައިވެއެވެ. މިއީ އީރާނަށް ފާޑުކިޔާ އެމެރިކާގެ ނޫސްވެރިއެއް އަވަހާރަކޮށްލުމަށް ރެކްރޫޓްކުރެވުނު ކަމަށް ބެލެވޭ ދެ މީހުންނެވެ.
މި ދެ މީހުންނަކީ ބްރުކްލިންގެ 49 އަހަރުގެ ކާލައިލް ރިވެރާ (ޕޮޕް ގެ ނަމުންވެސް މަޝްހޫރު) އަދި ސްޓެޓަން އައިލެންޑްގެ 36 އަހަރުގެ ޖޮނަތަން ލޯޑްހޯލްޓްއެވެ. މި ދެ މީހުން ބުރާސްފަތި ދުވަހު ނިއުޔޯކްގެ ސަދަން ޑިސްޓްރިކްޓް ކޯޓަށް ހާޒިރުކުރެވުނު އިރު، ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ނިންމާފައިވެއެވެ.
-
މިއަހަރު ޓްރަމްޕްގެ މައްޗަށް އަވަހާރަކޮށްލަން މަސައްކަތްކުރި ކަމަށް ބެލެވޭ ދެ މައްސަލައެއް ދިމާވެފައިވެއެވެ. ޖުލައި މަހު ޕެންސިލްވޭނިއާގެ ރެލީއެއްގައި ވަޒިން ޖަހައި ކުރީގެ ރައީސްގެ ކަންފަތުގައި ބީހިލާފައިވެއެވެ. އަދި ސެޕްޓެމްބަރު މަހު ވެސްޓް ޕާމް ބީޗްގައި އޮންނަ އޭނާގެ ގޯލްފް ކޯހުގައި ކުޅެމުން ދަނިކޮށް މީހަކު ބަޑިއެއް ދިމާކުރި ކަމަށް ބުނެ ހައްޔަރުކުރެވުނެވެ.
ދަޢުވާގައިވާ ގޮތުން، ޝާކެރީއަށް 7 ދުވަހުގެ ތެރޭގައި ޓްރަމްޕް އަވަހާރަކޮށްލުމުގެ ޕްލޭނެއް އެކުލަވާލުމަށް އެންގުނެވެ. ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި ޝާކެރީ ތަޙުޤީޤު ފަރާތްތަކަށް ބުނެފައިވަނީ މި މުއްދަތުގެ ތެރޭގައި ޕްލޭނެއް އެކުލަވާލުމުގެ ނިޔަތެއް ނެތް ކަމަށެވެ. އެހެންކަމުން އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ އޮފިޝަލުން މި ޕްލޭން ވަގުތީ ގޮތުން ހުއްޓާލިއެވެ.
ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި ޝާކެރީ ބުނެފައިވަނީ އިންތިޚާބުގައި ޓްރަމްޕް ބަލިވާނެ ކަމަށް އީރާނުގެ ސަރުކާރުން ޤަބޫލުކުރާތީ، އިންތިޚާބަށްފަހު އަވަހާރަކޮށްލަން މަސައްކަތްކުރުން ފަސޭހަވާނެ ކަމަށް އީރާނުގެ ސަރުކާރުން ބުނި ކަމަށެވެ.
ޝާކެރީއަކީ ކުޑައިރު އެމެރިކާއަށް އައި އަފްޣާން ރައްޔިތެކެވެ. ވައްކަމުގެ މައްސަލައެއްގައި 14 އަހަރު ޖަލުގައި ހޭދަކުރުމަށްފަހު 2008 ވަނަ އަހަރު ވަނީ ޑިޕޯޓްކުރެވިފަ އެވެ.
ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި 51 އަހަރުގެ ޝާކެރީ ވަނީ ޖަލުގައި ހުރެ "ކްރިމިނަލް އެސޯސިއޭޓުންގެ ނެޓްވާކެއް" ބޭނުންކޮށްގެން، ރިވެރާ އަދި ލޯޑްހޯލްޓް މެދުވެރިކޮށް، އީރާނުގެ ސަރުކާރުގެ ޓާގެޓްތައް މޮނިޓާކުރުމުގެ މަސައްކަތް ކޮށްފައެވެ.
ދައުވާގައި ބުނާ ގޮތުން އީރާނުގެ ސަރުކާރުގެ އިންސާނީ ހައްގުތަކުގެ ނިޒާމާއި ކޮރަޕްޝަނާ ބެހޭ ގޮތުން ރިޕޯޓުކުރި ނޫސްވެރިޔާ އަވަހާރަކޮށްލުމަށް ރިވެރާ އަދި ލޯޑްހޯލްޓަށް 100,000 ޑޮލަރުގެ އަގު ހުށަހަޅާފައިވެއެވެ. ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި މި ނޫސްވެރިޔާއަށް ކުރިންވެސް ވަނީ ޓާގެޓްކުރެވިފަ އެވެ.
ހުކުރު ދުވަހު ބްރުކްލިންގައި އުޅޭ ނޫސްވެރިޔާ މަސިހް އަލިނެޖާދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ މަރާލަން އުޅުނު ކަމަށް ބުނެ ދެ މީހަކު އެފްބީއައިއިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ބުނާ ގޮތުގައި މި މީހުން އޭނާގެ ގެއަށް އައިސްފައިވެ އެވެ.
ދައުވާގައި އަދި ބުނެފައިވާ ގޮތުން އެމެރިކާގެ ނޫސްވެރިޔާ އަދި ޓްރަމްޕް ފިޔަވައި، ސޯޝަލް މީޑިއާގައި އިސްރާއީލަށް ތާއީދުކުރާ ނިއުޔޯކް ސިޓީގައި ދިރިއުޅޭ ޔަހޫދީ ވިޔަފާރިވެރި ދެ މީހަކުވެސް އީރާނުގެ ސަރުކާރުން އަވަހާރަކޮށްލަން ބޭނުންވި އެވެ.
ޕްރޮސެކިއުޓަރުންކައިރި ޝާކެރީ އަދި ބުނެފައިވަނީ ހަމާސްއިން އިސްރާއީލަށް ހަމަލާ ދިން ފަހުން، އޮކްޓޯބަރު 2024 ގައި ސްރީލަންކާގައި އުޅޭ އިސްރާއީލުގެ ފަތުރުވެރިންނަށް ހަމަލާއެއް ދިނުމަށް ރޭވުމަށް އީރާނުގެ ކޮންޓެކްޓުން އެދުނު ކަމަށެވެ.
ޝާކެރީ، ރިވެރާ އަދި ލޯޑްހޯލްޓްގެ މައްޗަށް މީހަކު ފައިސާ ނެގުމުގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ. މި ކުށަށް އެންމެ ގިނަވެގެން 10 އަހަރުގެ ޖަލު ހުކުމެއް އިއްވިދާނެ އެވެ. މީގެ އިތުރުން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާވެސް އުފުލާފައިވާއިރު، މި ކުށަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ ފުރުސަތު އޮވެ އެވެ.
ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން މަސައްކަތްކުރި އަދި ރޭވި އެކި ހާދިސާތައް ތިރީގައި މިވަނީ ތާރީޚީ ތަރުތީބުންނެވެ:
2016
-
ޖޫން 18، 2016: އިނގިރޭސި ރައްޔިތެއް ކަމުގައިވާ މައިކަލް ސްޓީވަން ސޭންޑްފޯޑް، ނެވާޑާގެ ލަސްވެގާސްގައި ބޭއްވުނު ޓްރަމްޕްގެ ރެލީއެއްގައި، ފުލުހެއްގެ އަތުން ބަޑި އަތުލުމަށް މަސައްކަތްކޮށްފައިވެ އެވެ. މިއީ ޓްރަމްޕް އަވަހާރަކޮށްލުމުގެ މަގްސަދުގައި ކުރި ކަމެކެވެ. ސޭންޑްފޯޑް ހައްޔަރުކުރެވި، 12 މަހާއި އެއް ދުވަހުގެ ޖަލު ހުކުމެއް އިއްވުނެވެ.
2017
-
ސެޕްޓެމްބަރު 6، 2017: ނޯތު ޑަކޯޓާގެ 42 އަހަރުގެ ގްރެގޮރީ ލީ ލެއިންގޭން، މަންޑަން، ނޯތު ޑެކޯޓާއަށް ޓްރަމްޕް ޒިޔާރަތްކުރި ވަގުތު، އޭނާގެ ލިމޮޒިން އަނެއް ފުށައްޖަހާލުމުގެ މަގްސަދުގައި ފޯކްލިފްޓެއް ވަގަށް ނަގާފައިވެ އެވެ. ލެއިންގޭންގ ހައްޔަރުކުރެވި، 20 އަހަރުގެ ޖަލު ހުކުމެއް އިއްވުނެވެ.
-
ނޮވެމްބަރު 2017: އާސިއާން ސަމިޓުގެ ތެރޭގައި ޓްރަމްޕް އަވަހާރަކޮށްލުމަށް ރާވާފައިވާ ކަމަށް ބުނެ، އައިސިސްއާ ގުޅުންހުރި މީހަކު ފިލިޕީންސްގެ މެނީލާގައި ހައްޔަރުކުރެވުނެވެ. މި ރޭވުން ސީކްރެޓް ސާވިސް އަދި ސަރަހައްދީ ފުލުހުންގެ އެހީގައި ހުއްޓުވާލެވުނެވެ.
2024
-
ޖުލައި 13، 2024: ޕެންސިލްވޭނިއާގެ ބަޓްލަރ ކައިރީގައި ބޭއްވުނު ކެމްޕެއިން ރެލީއެއްގައި، ތޮމަސް މެތިއު ކްރުކްސް ވަނީ ކައިރީގައިވާ އިމާރާތެއްގެ ފުރާޅުންމަތިން އަށް ވަޒަން ޖަހައި، ޓްރަމްޕްގެ ކަނާތު ކަންފަތުގަ ވަަޒަން ވަނީ ބީހިލާފަ އެވެ. މި ހާދިސާގައި އެކަކު މަރުވެ، އިތުރު ދެ މީހަކަށް ނުރައްކާތެރި އަނިޔާވިއެވެ. ސީކްރެޓް ސާވިސްގެ އޮފިސަރުން ވަނީ ކްރުކްސް ހަމަ އެތަނުގައި މަރާލާފަ އެވެ.
-
ސެޕްޓެމްބަރު 15، 2024: ފްލޮރިޑާގެ ވެސްޓް ޕާމް ބީޗްގައި އޮންނަ ޓްރަމްޕް އިންޓަނޭޝަނަލް ގޯލްފް ކްލަބް ކައިރިން ރަޔަން ވެސްލީ ރައުތު ހައްޔަރުކުރެވުނެވެ. މި ވަގުތު ޓްރަމްޕް އެތަނުގައި ހުއްޓެވެ. ރައުތުގެ އަތުން ބަޑިއަކާއި އެހެނިހެން ތަކެތި ފެނިފައިވުމުން، މިއީ ޓްރަމްޕް އަވަހާރަކޮށްލުމަށް މަސައްކަތްކުރި ކަމެއްގެ ގޮތުގައި ބެލެވެ އެވެ.
-
އޮކްޓޯބަރު 12، 2024: ކެލިފޯނިއާގެ ކޮއަޗެއްލާގައި ބޭއްވުނު ޓްރަމްޕްގެ ރެލީއެއްގައި، ވެމް މިލަރ ވަނީ ބަޑިތަކަކާއި ދޮގު އައިޑީކާޑުތަކަކާއެކު ހައްޔަރުކުރެވިފަ އެވެ. ފުރަތަމަ މިއީ އަވަހާރަކޮށްލުމަށް ރޭވި ކަމެއް ކަމަށް ޝައްކުކުރެވުނު ނަމަވެސް، މިލަރ ވަނީ ޓްރަމްޕަށް ގެއްލުމެއް ދިނުމުގެ ނިޔަތެއް ނެތް ކަމަށް ބުނެފަ އެވެ.
ކޮމެންޓް