ބަންގްލަދޭޝްއަށް އަދިވެސް ބޭނުންވާ ވަރަށް ކަރަންޓް ނުލިބޭ.
އިންޒާރު ދިނުމުން ބަންގްލަދޭޝްއިން އަދާނީއަށް ފައިސާ ދައްކަން ފަށައިފި
އިންޑިއާގެ އަދާނީ އިން ބަންގްލަދޭޝްއަށް ދޫކޮށްފައިވާ ކަރަންޓްގެ ހިދުމަތަށް ދައްކަން ޖެހޭ ފައިސާ ދެއްކުން ލަސްވެ، ކަރަންޓުގެ ސަޕްލައި ދެބައިކުޅަ އެއްބަޔަށް ދަށްކުރުމާ ގުޅިގެން ބަންގްލަދޭޝް އިން އަދާނީ ގްރޫޕަށް ފައިސާ ދެއްކުން އަވަސްކޮށްފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން، އަދާނީ ގްރޫޕަށް ބަންގްލަދޭޝް އިން ދައްކަން ޖެހޭ ދަރަނި 800 މިލިއަން ޑޮލަރަށް އަރަ އެވެ.
ސަރުކާރުގެ އިސް ދެ އޮފިޝަލަކު ބީބީސީއަށް ދާޅުވީ އަދާނީއަށް ބައިކުޅަބައި ފައިސާ ދެއްކުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. ބަންގްލަދޭޝްގައި ބޭނުން ކުރާ ކަރަންޓްގެ %10 ހިއްސާ ކުރަނީ އަދާނީ ގްރޫޕުންނެވެ.
"ފައިސާ ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދައި އަދާނީ ގްރޫޕަށް 170 މިލިއަން ޑޮލަރުގެ ލެޓާ އޮފް ކްރެޑިޓް މިހާރު ވެސް ދޫކޮށްފިން،" ބަންގްލަދޭޝްގެ ޕަވާ ޑިވެލޮޕްމަންޓް ބޯޑުގެ އިސް އޮފިޝަލަކު ބީބީސީއަށް ވިދާޅުވި އެވެ.
އަދާނީ ގްރޫޕުން ބަންގްލަދޭޝްއަށް ކަރަންޓް ސަޕްލައި ކުރަނީ އިންޑިއާގެ އިރުމަތީ ސަރަހައްދުގައި ހުންނަ 1600 މެގަވޮޓްގެ ކޯލް ޕްލާންޓަކުންނެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި، އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިފި ނަމަ ކަރަންޓްގެ ހިދުމަތް އެއްކޮށް ކަނޑާލާނެ ކަަމުގެ އިންޒާރު އެ ކުންފުނިން ވަނީ ދީފަ އެވެ. ނަމަވެސް ބަންގްލަދޭޝްގެ ޕަވާ ޑިވެލޮޕްމަންޓް ބޯޑުގެ އޮފިޝަލަކު ބީބީސީއަށް ވިދާޅުވީ "އެއްކޮށް ކަރަންޓް ކަނޑާލާ ހިސާބަށް ދިޔަ ކަމަށް ގަބޫލު ނުކުރާ" ކަމަށެވެ.
ބަންގްލަދޭޝްގެ އޮފިޝަލުން ބީބީސީއަށް ވިދާޅުވީ މަޑުމަޑުން އަދި ގަވާއިދުން ފައިސާ ދައްކާނެ ކަމަށާއި ފައިސާ ދެއްކުމުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
"އަޅުގަނޑުމެން ހައިރާންވެ ކަންބޮޑު ވަނީ ފައިސާ ދެއްކުމުގެ ކަންކަން ރަނގަޅު ކުރުމުން ވެސް ކަރަންޓް ސަޕްލައި ކަނޑާލުމުން. އަޅުގަނޑުމެން މިތިބީ އަނބުރާ ފައިސާ ދައްކަން ތައްޔާރަށް، އިންތިޒާމުތައް ހަމަޖައްސައިދޭނަން، އެކަމަކު އެއްވެސް ކަރަންޓް ޕްރޮޑިއުސަރަކު އަޅުގަނޑުމެން ހިސޯރުކޮށް ބްލެކްމެއިލް ކުރިޔަކަ ނުދޭނަން،" އިންތިގާލީ ސަރުކާރުގެ އެނާޖީ އެޑްވައިޒަރު ފައުޒުލް ކަބީރު ހާން ވިދާޅުވި އެވެ.
ބަންގްލަދޭޝް އިން ޖުލައި މަހު 35 މިލިއަން ޑޮލަރު، ސެޕްޓެމްބަރު މަހު 68 މިލިއަން ޑޮލަރު އަދި އޮކްޓޯބަރު މަހު 97 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރަހައްދީ ސަރަހައްދުތަކުގައި ކަރަންޓުގެ ދަތިކަން އަދި ވެސް ބަންގުލާދޭޝްގައި ބޮޑެވެ.
ސިޔާސީ ހަލަބޮލިކަން
ކަރަންޓާއި ކޯލް އަދި ތެޔޮ ފަދަ އަގުބޮޑު ޒަރޫރީ އިމްޕޯޓުތަކަށް ފައިސާ ދެއްކުމަށް ޑޮލަރުގެ އާމްދަނީ ހޯދުމުގައި ބަންގްލަދޭޝްއަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. ބޭރު ފައިސާގެ ރިޒާވް ދަށަށް ގޮސްފައި ވަނީ މިދިޔަ އޮގަސްޓް މަހު ޝެއިހް ހަސީނާގެ ސަރުކާރު ވައްޓާލުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެންނެވެ.
ހަސީނާގެ ބަދަލުގައި އައި އިންތިގާލީ ސަރުކާރުން ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އިތުރުން އިތުރު 3 ބިލިއަން ޑޮލަރުގެ ލޯނަކަށް އެދިފަ އެވެ. އެއީ މިހާރު ނަގާފައި އޮތް 4.7 ބިލިއަން ޑޮލަރުގެ މައްޗަށެވެ.
ބަންގްލަދޭޝްއާ އެކު އަދާނީ 2015 ވަނަ އަހަރު، ހަސީނާގެ ސަރުކާރުގައި ސޮއިކުރި، ކަރަންޓުގެ އެއްބަސްވުމުގައި ދެފުށް ނުފެންނަ ކަމަށް އިންތިގާލީ ސަރުކާރުން އަންނަނީ ބުނަމުންނެވެ. ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުން ގާއިމު ކުރި ގައުމީ ކޮމެޓީއަކުން އަންނަނީ 11 މައްސަލައެއް ބަލަމުންނެވެ. އޭގެ ތެރޭގައި، އަދާނީއާ އެކު ހަދާފައިވާ އެއްބަސްވުން ވެސް ހިމެނެ އެވެ. އަދި އެއްބަސްންތަކުގެ އަގުތައް ބޮޑު ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
އަދާނީ ޕަވާގެ އިތުރުން އިންޑިއާގެ ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުން ވެސް ބަންގްލަދޭޝްއަށް ކަރަންޓު ވިއްކަ އެވެ. އޭގެ ތެރޭގައި އެންޓީޕީސީ ލިމިޓެޑާއި ޕީޓީސީ އިންޑިއާ ލިމިޓެޑް ހިމެނެ އެވެ. ޕަވާ ޑިވެލޮޕްމަންޓް ބޯޑުގެ އޮފިޝަލުން ވިދާޅުވީ އިންޑިއާގެ އެހެން ކަރަންޓް ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ފައިސާ ބައިބަޔަށް ދައްކަމުން އަންނަ ކަމަށެވެ.
ބަންގްލަދޭޝްގައި ގޭހުން އުފައްދާ އަދި ތެލުން ބޭނުންކުރާ ބައެއް އިންޖީނުގެތައް އަލުން ފަށަނީ ސަޕްލައިގެ ދަތިކަން ފޫބެއްދުމަށް ކަމަށް ތަޖުރިބާކާރުން ބުނަމުން ދިޔަ ނަމަވެސް، އެކަމުގެ ސަބަބުން ކަރަންޓުގެ އަގު ބޮޑުވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ބަންގްލަދޭޝްގެ ހަކަތަ ސިންދަފާތު ކުރުމަށް އެ ގައުމުގެ ފުރަތަމަ ނިއުކްލިއާ އިންޖީނުގެ ޑިސެމްބަރު މަހު ފަށަން ވަނީ ނިންމައިފަ އެވެ. ރަޝިއާގެ ލޯން އެހީގައި އެ ނިޒާމުގެ އަގު 12.65 ބިލިއަން ޑޮލަރަށް އަރަ އެވެ.
ކޮމެންޓް