ޗައިނާގެ ދެމަފިރިއަކު ކައިވެންޏަށް ފަހު
ޗައިނާގައި ކައިވެނިކުރާ ނިސްބަތް މި އަހަރުގެ ފުރަތަމަ 9 މަސް ތެރޭގައި ދަށަށް ހިނގައްޖެ
ޗައިނާގެ އާބާދީ ދަށަށްދާ މިންވަރު ހަރުދަނާ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަނިކޮށް މި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި ކައިވެނި ރަޖިސްޓްރީ ކުރި ނިސްބަތް ދަށަށް ގޮސްފައިވާ ކަމަށް ސިވިލް މިނިސްޓްރީގެ ރަސްމީ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މި އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި މުޅި ގައުމުގައި ރަޖިސްޓްރީ ކުރި ކައިވެނީގެ އަދަދަކީ 4.75 މިލިއަން ކައިވެނި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. މިއީ އަހަރުން އަހަރަށް ބަލާ އިރު 943،000ގެ ދަށްވުމެއް ކަމަށް ރޮއިޓާސްގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އެންމެ ފަހުގެ ތަފާސް ހިސާބުތައް ސަރުކާރުން ހާމަކުރީ މިދިޔަ ހުކުރު ދުވަހު އެވެ.
އެ ހިސާބުތަކަށް ބަލާ އިރު މިދިޔަ އަހަރު ފުރަތަމަ ނުވަ މަސް ދުވަހު ރަޖިސްޓްރީ ކުރީ 5.690 މިލިއަން ކައިވެންޏެވެ. އަދި މިއީ 2022 ވަނަ އަހަރާ އަޅާ ބަލާއިރު އިތުރު ވުމެކެވެ.
އިގްތިސާދީ ނުތަނަވަސްކަން އިތުރުވެ، ދިރިއުޅުމުގެ ހަރަދުތައް މުޅި ގައުމުގައި އިތުރުވުމުގެ ސަބަބުން ގިނަ ޒުވާން ދެމަފިރިންނަށް ވަނީ ކައިވެނި ފަސްކުރަން މަޖުބޫރުވެފަ އެވެ.
ޗައިނާއިން ދާދި ފަހުން ވަނީ ދެމަފިރިންނަށް ކައިވެނި ރަޖިސްޓްރީ ކުރަން ފަސޭހަވާނެ ގޮތަށް ޑްރާފްޓް ގާނޫނެއް އެކުލަވާލައިފަ އެވެ. އަދި ވަރިއަށް ހުށަހަޅަން އުނދަގޫކޮށްފަ އެވެ.
މިއަހަރުގެ ކުރީކޮޅު ޗައިނާއިން ބުނީ، ވިދިވިދިގެން ދެ ވަނަ އަހަރަކު މުޅި ގައުމުގައި އުފަންވާ ކުދިންގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށެވެ. އެއާ އެކު ޗައިނާގެ ޒުވާނުންގެ މެދުގައި "އާ ޒަމާނެއްގެ" ކައިވެންޏާއި ދަރިން ހޯދުމުގެ ސަގާފަތެއް އުފައްދައި، ދަރިން ލިބިގަތުމުގެ މާހައުލެއް ގާއިމުކުރުމަށް ބޮޑެތި ސިޓީތަކުގައި މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ވަނީ ބާރުއަޅައިފަ އެވެ.
ކައިވެނިކޮށް ދަރިން ހޯދުމަކީ ޗައިނާގެ ޒުވާން ކުދިންގެ މެދުގައި ހޫނު ބަހުސަކަށްވެ، ސޯޝަލް މީޑިއާގައި ހޫނުކަމާ އެކު ބަހުސު ކުރަމުން އަންނަ މައުލޫ އެކެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދުގެ ކުރިއެރުން މަޑުޖެހި، ވަޒީފާގެ ފުރުސަތު ދަށްވުމާއި މުސްތަގުބަލާ މެދު ކަންބޮޑުވުމުގެ ސަބަބުން ޗައިނާގެ ގިނަ ޒުވާނުން ދަނީ ހުސްހަށިބައިކޮށް ތިބުމަށް ނުވަތަ ކައިވެނި ކުރުން ލަސްކުރަން އިހުތިޔާރުކުރަމުންނެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް ވަނީ އަންހެނުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށް ވިދާޅުވެ، އާއިލާގެ އާ ގޮތްތައް ހޯދަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ކޮމެންޓް