ބައިޑެން އަދި ކަމަލާ ހެރިސް.
ޓްރަމްޕްގެ ސަޕޯޓަރުންނަކީ 'ކުނި' ކަމަށް ބައިޑަން ވިދާޅުވުމުން ކަމަލާގެ ކެމްޕޭންއަށް ހިޔަނި އެޅިއްޖެ
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ހަ ދުވަހަށް ވެފައި ވަނިކޮށް، ކުރީގެ ރައީސް ޑޮނަލްޑް ޓްރަޕްގެ ސަޕޯޓަރުންނަކީ "ކުނި" ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވި މައްސަލަ ހޫނުވެ، ނައިބު ރައީސް ކަމަލާ ހެރިސްގެ ކެމްޕޭނަށް ހިޔަނި އެޅިއްޖެ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާ ނައިބު ރައީސް ކަމަލާ ހެރިސް އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ "ރައްޔިތުން ވޯޓު ދެނީ ކާކަށްތޯ ބަލައި ފާޑުކިޔުމާ" އޭނާ ދެކޮޅު ހައްދަވާ ކަމަށެވެ.
"އަޅުގަނޑަށް ވޯޓު ނުދޭ މީހުން ވެސް ހިމެނޭ ގޮތަށް އެމެރިކާގެ ހުރިހާ ރައްޔިތުން ތަމްސީލުކުރާނަން،" ނައިބު ރައީސް ވިދާޅުވި އެވެ.
އޭނާގެ މި ވާހަކައަކީ އިންތިހާބުގައި ވޯޓުލުމަށް ހަފުތާއަކަށް ވެފައި ވަނިކޮށް، ބައިޑަން ދޫ އޮޅޭގޮތަށް ދެއްކެވި ވާހަކައިން އުފެދިފައިވާ ނުތަނަވަސްކަން ކަނޑުވާލުމަށް ވިދާޅުވި ވާހަކަ އެކެވެ.
ބައިޑެންގެ މި ވާހަކައަށް ވަނީ ހިފެހެއްޓުމެއް ނެތް ރައްދު އައިސްފަ އެވެ.
ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޓްރަމްޕް ވަނީ ވިސްކޮންސިންގައި ކުނި އުކާ ގާބޭޖު ޓްރަކަކަށް އަރުއްވައި ކެމްޕޭން ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ "ބައިޑަން އަމިއްލަ ނަފްސަށް ލަދުގަންނަން ޖެހޭނެ" ކަމަށެވެ.
އަންގާރަ ދުވަހުގެ ރޭ ލެޓިނޯ ވޯޓާސް ގްރޫޕަކާ އެކު ލާރި ހޯދުމަށް ބޭއްވި ޒޫމް ކޯލެއްގައި ބައިޑަން ފުރަތަމަ ވިދާޅުވީ "އެ ތަނުން އަޅުގަނޑަށް ފެންނަ ހަމައެކަނި ކުންޏަކީ އޭނާގެ [ޓްރަމްޕްގެ] ސަޕޯޓަރުން" ކަމަށެވެ.
ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް އިޝާރާތް ކުރެއްވީ ޓްރަމްޕްގެ އެންމެ ސަޕޯޓަރަކަށް ކަމަށެވެ.
ވޮޝިންޓަން ޑީސީން ފުރާވަޑައިގަތުމުގެ ކުރިން ބައިޑަން ދެއްކެވި ވާހަކަތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން ހެރިސް ވިދާޅުވީ ބައިޑަން މިހާރު ވެސް "އޭނާގެ ވާހަކަތައް ސާފުކޮށްދެއްވާފައިވާ" ކަމަށެވެ.
"ރައްޔިތުން ވޯޓު ދެނީ ކާކަށްތޯ ބަލައި ފާޑުކިޔުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ދެބަސްވާ ކަމެއް،" ހެރިސް ވިދާޅުވި އެވެ.
ބީބީސީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހެރިސް ވިދާޅުވީ އަންނަ އަންގާރަ ދުވަހު ބާއްވާ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ އޭނާ ވެގެންދާނީ "އަޅުގަނޑަށް ވޯޓު ނުދޭ މީހުން ހިމެނޭ ގޮތަށް އެމެރިކާގެ ހުރިހާ ރައްޔިތުންގެ ރައީސަކަށް" ކަމަށެވެ.
ކޮމެންޓް