އިންޑިއާގެ ހޯމް މިނިސްޓަރު އަމީތު ޝާހް
ކެނެޑާގައި ދިރިއުޅޭ ސިކް މީހުންނާ ދޭތެރޭ ހިންގާ ހަމަނުޖެހުންތަކުގެ ފަހަތުގައި އިންޑިއާގެ ހޯމް މިނިސްޓަރުވާ ކަމަށް ތުހުމަތުކޮށްފި
ކެނެޑާގައި ވަޒަންވެރިވެގެން ދިރިއުޅޭ ސިކް މީހުންނާ ދެކޮޅަށް ހިންގާ ރޭވުންތަކުގެ ފަހަތުގައި ހުންނެވީ ހިންދޫ ނޭޝަނަލިސްޓް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިސް ބޭފުޅެއް ކަމަށްވާ އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު ކަމަށް ކެނެޑާ ސަރުކާރުން ތުހުމަތުކޮށްފި އެވެ.
ކެނެޑާގައި ދިރިއުޅޭ ސިކް ޖަމާއަތުން މަަސައްކަތް ކުރަމުން އަންނަނީ އެ މީހުންގެ ވަކި ދައުލަތެއް ގާއިމު ކުރުމަށެވެ.
ކެނެޑާއިން މީގެ ކުރިން ކޮށްފައިވާ އެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެ އިންޑިއާ ސަރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
ކެނެޑާގެ އޮފިޝަލުންނާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުން އެންމެ ފުރަތަމަ ރިޕޯޓުކުރި ގޮތުގައި އެ ހަމަނުޖެހުން ހިންގުމުގެ ކެމްޕޭނުގެ ފަހަތުގައި ހުންނެވީ ޝާހު އެވެ.
ކެނެޑާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ޑޭވިޑް މޮރިސަން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޕެނަލަކަށް ވިދާޅުވީ އެ ޕްލޮޓްތަކުގެ ފަހަތުގައި ޝާހު ހުންނެވި ކަމަށް އެމެރިކާގެ ނޫހަކަށް ވިދާޅުވީ އޭނާ ކަމަށެވެ.
"ނޫސްވެރިޔާ އަޅުގަނޑަށް ގުޅައި އެހީ އެ މީހަކީ [ޝާހު]ތޯ. އަޅުގަނޑު ދެންނެވިން އެއީ އޭނާކަން،" އިތުރު ތަފުސީލެއް ނުދެއްވައި މޮރިސަން ކޮމިޓީގައި ވިދާޅުވި އެވެ.
ކެނެޑާގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި އިންޑިއާގެ ފޮރިން މިނިސްޓްރީން މޮރިސަންގެ އެ ވާހަކައާ ގުޅޭ ގޮތުން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.
އިންޑިއާއިން ވަނީ ވަކިވެގަތުމަށް މަސައްކަތް ކުރާ ސިކުންނަކީ ޓެރަރިސްޓުން ކަމަށާ އަދި އެ މީހުންނަކީ އިންޑިއާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެފަ އެވެ. ހާލިސްތާންގެ ނަމުގައި ވަކި މިނިވަން ވަޒަނެއް ހޯދުމަށް ސިކުން މަސައްކަތް ކުރެ އެވެ. އެއާ ގުޅިގެން 1980 އާއި 1990ގެ އަހަރުތަކުގައި އިންޑިއާގައި ހިނގި ހަމަނުޖެހުންތަކުގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ.
އެ މުއްދަތުގެ ތެރޭގައި 1984 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު އިންދިރާ ގާންދީ، އެ ކަމަނާގެ ހަށިފާރަވެރިން އަވަހާރަކޮށްލުން ހިމެނެ އެވެ.
މި މަހުގެ މެދުތެރޭގައި ކެނެޑާއިން ވަނީ އިންޑިއާގެ ޑިޕްލޮމެޓުން ބޭރުކޮށްލައި، އަދި 2023 ވަނަ އަހަރު ކެނެޑާގައި މަރާލި، ސިކް ވަކިވެގަތުމުގެ ލީޑަރު ހަރްދީޕް ސިންގް ނިއްޖާރު މަރާލި ހާދިސާއާ އިންޑިއާ ސަރުކާރާ ގުޅުވައިފަ އެވެ. އިންޑިއާ އިން ވެސް ވަނީ ކެނެޑާގެ ޑިޕްލޮމެޓުން ބޭރުކުރަން އަމުރުކޮށްފަ އެވެ.
ކެނެޑާގެ މައްސަލައަކީ އިންޑިއާއިން ބޭރުގެ ފަސްގަނޑުގައި ސިކް ވަކިވެގަތް މީހުންނަށް އަމާޒުކުރާ ކަމަށް ބުނާ ހަމައެކަނި މައްސަލައެއް ނޫނެވެ.
އިންޑިއާގެ ކުރީގެ އިންޓެލިޖެންސް އޮފިސަރެއް ކަމަށްވާ ވިކާޝް ޔާދަވްގެ މައްޗަށް ވޮޝިންޓަނުން ދައުވާ އުފުލާފައިވަނީ ސިކް ވަކިވެގަތުމުގެ ލީޑަރު ގުރްޕަތުވަންތު ސިންގް ޕަންނޫން މަރާލުމަށް ނާކާމިޔާބު ރޭވުމެއް ރޭވި ކަމުގެ ތުހުމަތުގަ އެވެ. އޭނާއަކީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުކިޔާ، އެމެރިކާ އަދި ކެނެޑާގެ ރައްޔިތުކަން އޮންނަ މީހެކެވެ.
އެމެރިކާގެ ރައްޔިތަކަށް އަމާޒުކޮށް މިފަދަ ބަދަލުހިފުމެއް އަތުވެދާނެ ކަމުގެ އިންޒާރު އެފްބީއައި އިން ވަނީ ދީފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެމެރިކާއިން ކުރި ތުހުމަތުތައް ރަސްމީކޮށް ބަލާނެކަން އިއުލާނު ކުރި ފަހުން އިންޑިއާއިން އާންމުކޮށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.
މި ތުހުމަތުތަކުގެ ސަބަބުން އެމެރިކާ އާއި ކެނެޑާއާ އިން އިންޑިއާއާ އޮތް ގުޅުން ވަނީ ޓެސްޓް ކުރެވިފަ އެވެ. ހުޅަނގުން އިންޑިއާ ބަލަނީ ޗައިނާއާ ބެލެންސް ކުރާ ހަތިޔާރެއްގެ ގޮތުގަ އެވެ.
ކޮމެންޓް