ލަންކާގެ އަރުގަމަ ބޭ.
ލަންކާގެ އަރުގަމް ބޭގައި ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފި
ސްރީ ލަންކާގެ އަރުގަމް ބޭ ސަރަހައްދަށް އަމާޒުކޮށް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު އެމެރިކާގެ އެމްބަސީން އެ ގައުމުގެ ރައްޔިތުންނަށްދީ، ޓްރެވަލް އެޑްވައިޒަރީއެއް މިއަދު ނެރެފަ އެވެ.
"އަރުގަމް ބޭ ސަރަހައްދުގެ މަޝްހޫރު ޓޫރިސްޓު ތަންތަނަށް އަމާޒުކޮށް ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އެމްބަސީއަށް ލިބުނީ އިތުބާރު ހުރި މަސްދަރަކުން. އެ ނުރައްކަލާ އެކު ކުރިމަތިވެދާނެ ކަންތައްތަކުގެ ސަބަބުން އެމްބަސީން ވަނީ އެމްބަސީގެ މުވައްޒަފުންނަށް އަރުގަމް ބޭއަށް ދަތުރުކުރުން ވަގުތުން ވަގުތަށް އަދި ވަކި ގޮތެއް އަންގަންދެން މަނާކޮށްފައި،" އެ ބަޔާނުގައި ބުންޏެވެ.
އެމެރިކާ އެމްބަސީން ބުނީ އެ އެމްބަސީން ވަކި ގޮތެއް އަންގަންދެން އަރުގަމް ބޭ ސަރަހައްދުން ދުރުހެލިވުމަށް އެމެރިކާގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އިލްތިމާސްކުރާ ކަމަށެވެ.
ލަންކާގެ ފުލުހުން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް އޮތް ސީޒަންގައި ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށް ބެލެވޭ ތަންތަނަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މެދުއިރުމައްޗާއި އެހެނިހެން ސަރަހައްދުތަކުގެ ހާލަތަށް ރިއާޔަތްކޮށް، ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީ އާއި ފުލުހުންނާއި އިންޓެލިޖެންސް ޔުނިޓްތައް ގުޅިގެން، ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ސަލާމަތީ ޕްލޭން އެކުލަވާލަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށް ހޮޓްލައިންއެއްގެ ގޮތުގައި 1997 ނަމްބަރު ވަނީ ގާއިމުކޮށްފަ އެވެ.
ނަމަވެސް ފުލުހުންގެ ބަޔާނުގައި އެމެރިކާ އެމްބަސީން ދިން އިންޒާރާ ގުޅޭ ގޮތުން އެއްވެސް އިޝާރާތެއް ކޮށްފައެއް ނުވެ އެވެ.
ކޮމެންޓް