ޕާކިސްތާނުގެ ރައްޔިތުންގެ މަޖިލިސް.

ޕާކިސްތާން

ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު ކަނޑައެޅުމުގެ ބާރު މަޖިލީހަށް ނަގައިފި

މީގެ ކުރިން އޮންނަ ގޮތުން ސުޕްރީމް ކޯޓުގެ އެެންމެ އިސް ފަނޑިޔާރުގެ އުމުރުން 65 އަހަރު ވުމުން، ދެ ވަނައަށް އެންމެ އިސް ފަނޑިޔާރު އޮޓަމެޓިކުން އުއްތަމަ ފަނޑިޔާރަކަށް ވެވަޑައިގަންނަވާ
23 އޮކްޓޯބަރު 2024

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ކަނޑައެޅުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދިނުން ހިމެނޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ޕާކިސްތާނުން އިއްޔެ ރުހުން ދީފަ އެވެ.

އެއާ އެކު، މިއީ ޝަރުއީ ދާއިރާ ފުނޑުފުނޑުކޮށްލަން ކުރާ ކަމެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން އާއި އޭނާގެ ސަޕޯޓަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާ އާންމު އިންތިހާބުން ފެށިގެން އަސްކަރީ ކޯޓެއްގެ ޝަރީއަތެއް ބޭއްވުމާ ގުޅޭ މައްސަލަތަކުގެ ހުކުމުން ޕާކިސްތާނުގެ އެންމެ މަތީ ކޯޓަކީ ސަރުކާރާއި ޖަލަށްލާފައިވާ އިމްރާން ހާންގެ ހަނގުރާމައިގެ މައިދާނަކަށް ވަނީ ވެފަ އެވެ.

ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކަށް ރުހުން ދީފައިވަނީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވާ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއްގަ އެވެ. އަދި ހޯމަ ދުވަހުގެ ފަތިސް ވާން ގާތްވާންދެން އެ ޖަލްސާ ދެމިގެން ދިޔަ އެވެ.

މީގެ ކުރިން އޮންނަ ގޮތުން ސުޕްރީމް ކޯޓުގެ އެެންމެ އިސް ފަނޑިޔާރުގެ އުމުރުން 65 އަހަރު ވުމުން، ދެ ވަނައަށް އެންމެ އިސް ފަނޑިޔާރު އޮޓަމެޓިކުން އުއްތަމަ ފަނޑިޔާރަކަށް ވެވަޑައިގަންނަވަ އެވެ.

"ރައްޔިތުންގެ މަޖިލީހަކީ އެންމެ ސުޕްރީމް އޮތޯރިޓީ ކަމަށް ނިންމައިފިން،" 1973 ވަނަ އަހަރު ފާސްކުރި ގާނޫނު އަސާސީއަށް ގެނައި 26 ވަނަ އިސްލާހާ ބެހޭ ގޮތުން ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވި އެވެ.

ޕާކިސްތާނުގެ ގާނޫނުއަސާސީއަށް ބަދަލެއް ގެނެވެނީ މުޅި މަޖިލީހުގެ ތިން ބައިކުޅަ އެއް ބައި މެންބަރުންގެ އަގުލަބިއްޔަތާ އެކު އެވެ.

ޕާކިސްތާނުގެ ސިޔާސީ ފަރާތްތަކުން ޒަމާނުއްސުރެ ޝަކުވާ ކުރަމުން އަންނަނީ ވެރިކަމުގެ ކަންކަމުގެ ތެރެއަށް ޝަރުއީ ދާއިރާ އަތްބާނައި ޝަރުއީ ދާއިރާ އާއި ގާނޫނު ހަދާ މަޖިލީހުގެ މެދުގައި ނުތަނަވަސްކަން އުފެދޭ ކަމުގެ ޝަކުވާ އެވެ.

އެ އިސްލާހުތައް ދިފާއު ކުރައްވައި ޝަހްބާޒް ވިދާޅުވީ ކުރީގެ ހުކުމްތަކުގެ ސަބަބުން މިހާރު ތިއްބެވި ބޮޑުވަޒީރުން މަގާމުން ވަކިކުރުމާއި އަސްކަރީ ޑިކްޓޭޓާޝިޕްތަކަށް ތާއީދު ކުރުމާއި ޑިމޮކްރަސީ އާއި ޕާލަމެންޓް ގެއްލޭ ކަމަށެވެ.

މިހާރުގެ އުއްތަމަ ފަނޑިޔާރު ކާޒީ ފާއިޒު އީސާ ރިޓަޔާ ކުރައްވަން ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ. އަދި އޭނާއަށް ފަހު ދެން އެ މަގާމަށް ވަޑައިގަންނަވަން ތިއްބެވި އިސް ފަނޑިޔާރުންނާއި ހައި ކޯޓުތަކުގެ އިސް ފަނޑިޔާރުން، ގިނަ މައްސަލަތަކެއްގައި އިމްރާނަށް ލުއި ގޮތްތަކެއް ދައްކަވާފައިވާތީ ސަރުކާރުގެ އެކި ކަންކޮޅުތަކުގައި ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ކުރީގެ ކްރިކެޓް ތަރި އިމްރާން، 71، ޖަލުގައި ހުންނަވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އޭނާ 2022 ވަނަ އަހަރު މަގާމުން ދުރުކުރުމާއި އޭގެ ފަހުން އަސްކަރިއްޔާއާ އެކު ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ޕާކިސްތާނުގެ ސިޔާސީ މަސްރަހު އެންމެ ބޮޑަށް ހަލަބޮލިވެގެން ދިޔަ އެވެ.

"މިއީ އަޅުގަނޑުމެންގެ ދުސްތޫރީ ތާރީހުގައި ވެސް އަދި ޝަރުއީ މިނިވަންކަމަށް ވެސް ކަޅު ދުވަހެއް،"  އިމްރާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި)ގެ ޗެއާމަން ގޯހަރު އަލީ ހާން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް