އިންޑޮނޭޝިއާގައި އަލަށް އިންތިހާބު ކުރި ރައީސް ޕްރަބޯވޯ ސުބިއަންޓޯ.
އިންޑޮނޭޝިއާގެ އާ ރައީސް 109 މެންބަރުންގެ ކެބިނެޓެއް އެކުލަވާލައިފި
އިންޑޮނޭޝިއާގައި އަލަށް އިންތިހާބު ކުރި ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވަރުގަދަ ސަރުކާރެއް އުފެއްދަވާނެ ކަމަށް ކުރެއްވި ވައުދާ އެއްގޮތަށް 109 މެންބަރުންގެ ކެބިނެޓެއް އިއުލާން ކުރައްވައިފި އެވެ.
އިންޑޮނޭޝިއާގެ ދިދައިގެ ކުލަތަކަށް އިޝާރާތްކުރައްވައި ވަޒީރުންގެ މަޖިލީހުގެ ވަޒީރުންނާއި ނައިބު ވަޒީރުންނާއި ގައުމީ އިދާރާތަކުގެ އިސްވެރިންގެ ކެބިނެޓަށް "ރަތް އަދި ހުދު ކެބިނެޓް"ގެ ނަން ދެއްވި އެވެ.
ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު އިގްތިސާދުގެ އަށް ވަނަ ރައީސްގެ މަގާމު ސުބިއަންޓޯ ވަނީ ކާމިޔާބު ކުރައްވައިފަ އެވެ.
ސުބިއަންޓޯގެ ކުރިން ރައީސް ކަމުގައި ހުންނެވި ޖޯކޯ ވިޑޯޑޯގެ ކެބިނެޓުގައި ތިއްބެވީ 34 ވަޒީރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނެވެ.
ސުބިއަންޓޯގެ ކެބިނެޓަކީ 1965 ވަނަ އަހަރުގެ ނާކާމިޔާބު ބަގާވާތަށް ފަހު އިންޑޮނޭޝިއާގެ ފުރަތަމަ ރައީސް ސުކަރްނޯގެ ނުތަނަވަސް ސިޔާސީ ހާލަތެއްގައި އެކުލަވާލެއްވި 132 ވަޒީރުންގެ މަޖިލީހަށް ފަހު އެންމެ ބޮޑު ކެބިނެޓެވެ. ނަމަވެސް 'އެސްއޯ ޑްވިކޯރާ'ގެ ނަމުގައި އުފެއްދެވި ކެބިނެޓް އޭގެ މަހެއްހާ ދުވަސް ފަހުން އުވާލެއްވި އެވެ.
ސުބިއަންޓޯގެ ބޮޑު ކެބިނެޓަކީ ބިއުރޯކްރަސީއެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވަމުން ގެންދެވިޔަސް އޭނާ ވިދާޅުވީ ވަރަގަދަ ވެރިކަމެއް ބޭނުންވާ ކަމަށެވެ.
"އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ މަލްޓިކަލްޗަރަލް މުޖުތަމައު އާއި ތަފާތު ސިޔާސީ މަސްލަހަތުތައް އެއްބައިވަންތަކޮށްދޭނެ ހަރުދަނާ ސަރުކާރެއް އުފައްދަން،" ސުބިއަންޓޯ ވިދާޅުވި އެވެ.
"އެއީ ބޮޑު ކޯލިޝަނަކަށް ވާން ޖެހޭނެ. ބައެއް މީހުން ބުނާނެ އަޅުގަނޑުގެ ކެބިނެޓަކީ 'ފަލަ/ ކެބިނެޓެއް ކަމަށް."
ކެބިނެޓުގައި ހިމެނިވަޑައިގަންނަވަނީ ފެބްރުއަރީ މަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވުމަށް ތާއީދުކުރި ހަތް ޕާޓީގެ އިއްތިހާދުގެ ސިޔާސީ ބޭފުޅުންނާއި ސުބިއަންޓޯގެ ވެރިކަމުގައި ވަޒީފާތައް ދެމެހެއްޓުމަށް އަލުން އައްޔަން ކުރެއްވި ވިޑޯޑޯގެ ކެބިނެޓާ ގުޅިފައިވާ ބޭފުޅުންނެވެ. ތަޖްރިބާކާރުން ވިދާޅުވަމުން ގެންދަވަނީ މިއީ ވިޑޯޑޯއަށް ސިޔާސީ ގޮތުން ލިބުނު އިނާމެއް ކަމަށާއި އެއީ އިންތިހާބަށް ވިޑޯޑޯގެ ސިއްރު ތާއީދު އޮތް ކަމަށެވެ.
ސުބިއަންޓޯ ހުވާ ކުރެއްވީ އޭނާގެ އާ ނައިބު ރައީސް، އުމުރުން 37 އަހަރުގެ ސުރްކާޓާގެ ކުރީގެ މޭޔަރު ޖިބްރާން ރަކަބުމިން ރަކާއާ އެކުގަ އެވެ. އޭނާގެ ރަނިންމޭޓަކަށް ހަމަޖެއްސީ ވިޑޯޑޯގެ ދަރިކަލުން ރަކާ އެވެ.
ސުބިއަންޓޯއަކީ ވިޑޯޑޯއާ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ވާދަކުރެއްވި ބޭފުޅެކެވެ. އޭނާއާ ދެކޮޅަށް ދެ ފަހަރެއްގެ މަތިން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިރު، 2014 ވަނަ އަހަރާއި 2019 ވަނަ އަހަރު ވެސް އޭނާ ބަލި ގަބޫލު ކުރަން ދެކޮޅު ހެއްދެވި އެވެ.
ނަމަވެސް، ވިޑޯޑޯ ވަނީ ސުބިއަންޓޯއަށް ވާދަވެރި ސިޔާސީ ޕާޓީތަކާ އެކު ވެސް ކޯލިޝަނެއް ހެދުމަށް މަގުފަހިކޮށްދެއްވި އެވެ. ކެމްޕެއިންގައި ސުބިއަންޓޯ ވަނީ ކުރީގެ ސަރުކާރުން އިއުލާން ކުރި އެތައް ބިލިއަން ޑޮލަރުގެ އާ ވެރިކަން ކުރާ ސިޓީ އެޅުމާއި އެތެރޭގެ ސިނާއަތް ކުރިއެރުވުމަށް ރޯ މެޓީރިއަލް އެކްސްޕޯޓު ކުރުން ލިމިޓްކުރުން ފަދަ ސިޔާސަތުތައް ކުރިއަށް ގެންދަވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
ވިޑޯޑޯގެ ތާއީދާ އެކު ސުބިއަންޓޯ ވަނީ މިދިޔަ ފެބްރުއަރީ މަހު ބޭއްވި ސީދާ ރިޔާސީ އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯއްދަވައިފަ އެވެ.
ފިނޭންސް މިނިސްޓަރު ސްރީ މުލިއާނީ އިންދްރަވަތީ ހިމެނޭ ގޮތަށް ވިޑޯޑޯގެ ކެބިނެޓުގެ ގާތްގަނޑަކަށް ދެ ބައިކުޅަ އެއް ބައި މެމްބަރުން ސުބިއަންޓޯ އަލުން އައްޔަން ކުރެއްވި އިރު، އޭނާ އަކީ ތަފާތު ތިން ރައީސުންގެ ދަށުން އެ މިނިސްޓްރީ ފުރުއްވި ފުރަތަމަ ބޭފުޅާ އެވެ.