ލަންކާގެ ކުރީގެ ރައީސުން ކަމަށްވާ ރަނިލް ވިކްރަމަސިންހަ (ކ) އަދި މަހިންދާ ރާޖަޕަކްސަ. (ފޮޓޯ/ރޮއިޓާސް)

ސްރީ ލަންކާ

ލަންކާގެ ކުރީގެ ރައީސުންނަށް ދޭ ސަލާމަތީ ކަންކަން ދަށްކޮށްފި

16 ކައްކާއިންނާއި 163 ސެކިއުރިޓީ މުވައްޒަފުންނާއި 30 ކުޑަ އާއި 20އަށް ވުރެ ގިނަ އުޅަނދަށް ރަނިލް އެދިވަޑައިގަތް
20 އޮކްޓޯބަރު 2024

ސްރީ ލަންކާގެ ކުރީގެ ރައީސުންގެ ސަލާމަތީ ކަންކަން އާ ސަރުކާރުން ދަށްކޮށް، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަލާމަތީ ކަންކަމަށް މިހާރު އޮތީ ހަ އުޅަނދު ކަމަށް އޭނާގެ މީޑިއާ ޔުނިޓުން ބުނެފި އެވެ.

އޭގެ ތެރެއިން އެމްބިއުލާންސާ އެކު ތިން އުޅަނދެއް މާދަމާ ސަރުކާރާ ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ ޔުނިޓުން ބުންޏެވެ.

ކުރީގެ ރައީސްގެ މީޑިއާ ޔުނިޓުން މިއަދު ބުނީ، ލަންކާގެ ފަސް ވަނަ ރައީސްގެ މަގާމު ފުރުއްވާފައިވާ މަހިންދަ އަކީ ލަންކާގައި ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ނުރައްކާ ބޮޑު ކުރީގެ ލީޑަރު ކަމަށް އިންޓެލިޖެންސް އޮތޯރިޓީއަށް އެނގޭ ކަމަށެވެ. އަދި އެ އުޅަނދުތައް ބޭނުން ކުރަނީ އޭނާގެ ސަލާމަތާއި ރައްކާތެރި ކަމަށް ކަމަށް ވެސް އެ ތަނުން ބުންޏެވެ.

ލަންކާގެ މިހާރުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ވިދާޅުވީ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހައަށް ފުޅާ ދާއިރާއެއްގައި އިމްތިޔާޒުތަކެއް ދިނުމަށް އެދިވަޑައިގަތް ކަމަށެވެ. އެގޮތުން، 16 ކައްކާ އިންނާއި 163 ސެކިއުރިޓީ މުވައްޒަފުންނާއި 30 ކުޑަ އާއި 20އަށް ވުރެ ގިނަ އުޅަނދު ދިނުމަށް އެދިވަޑައިގަތް ކަމަށް އަނޫރާ ވިދާޅުވި އެވެ.

ނަމަވެސް އެ ކަމަށް އިންކާރު ކުރެއްވި ކަމަށް އަނޫރާ ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ މިހާރުގެ ގަވައިދު ބުނާ ގޮތުން ރަނިލްއަށް ލިބިވަައިގަންނަވާނީ ތިން އުޅަނދު ކަމަށެވެ. 

އަނޫރާ ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ކުރީގެ ރައީސުންނަށް އެހީތެރިކަން ފޯރުކޮށްނުދެވޭ ގޮތް ހެދުމަށް ގާނޫނަށް ބަދަލު ގެންނަވާނެ ކަމަށެވެ. 

އަނޫރާ ވިދާޅުވީ ރަނިލް އާއި މަހިންދަ ދިރިއުޅުއްވާ ގޭގައި އޮތް ދެ އެމްބިއުލާންސް އަނބުރާ ނަގާފައިވާ ކަމަށާއި އެ އެއްޗެއްްސަކީ އެ ބޭފުޅުންގެ އަމިއްލަ މުދަލެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށެވެ.

މީގެ 14 އަހަރު ކުރިން 2010 ވަނަ އަހަރު އޭރުގެ ރައީސްގެ ސެކްރެޓަރީ ލަލިތު ވީޓަޓުންގާ ނެރުއްވި ސާކިއުލާގައިވާ ގޮތުން ކެބިނެޓް މިނިސްޓަރަކަށް ނުވަތަ ސްޓޭޓް މިނިސްޓަރަކަށް ތިން އުޅަނދު ހައްގުވެ އެވެ. އެހެންކަމުން، ކުރީގެ ދެ ރައީސުންނަށް ގާނޫނީ ގޮތުން ހައްގުވާ އަދަދަށް ވުރެ އިތުރަށް ހުރި ހުރިހާ ވެހިކަލްތަކެއް އަނބުރާ ނެގުމަށް ނިންމާފައިވާ ކަމަށް މިހާރުގެ ސަރުކާރުން ބުންޏެވެ.

ސަރުކާރުން ބުނި ގޮތުގައި، މަހިންދަ މިހާރު ބޭނުން ކުރައްވާ 16 އުޅަނދުގެ ތެރެއިން އަށް އުޅަނދު އަނބުރާ ނަގާފައި ވާއިރު، ރަނިލް މިހާރު ވެސް 11 އުޅަނދެއް ބޭނުން ކުރައްވަ އެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް