އީޔޫގެ އެންމެ އިސް ޑިޕްލޮމެޓް ޖޯސެފް ބޮރެލް.
ސިންވާރު އަވަހާރަވުމުން ހަނގުރާމަ ހުއްޓާލަން އީޔޫގެ ވެރިއަކު ގޮވާލައްވައިފި
މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަކީ އިސްކަންދޭ ކަމެއް ކަމަށާއި ހަމާސްގެ ލީޑަރު ޔަހުޔާ ސިންވާރު އިޒުރޭލު ސިފައިން އަވަހާރަކޮށްލުމަށް ފަހު އެ ފުރުސަތު އިތުރަށް ބޮޑުވާނެ ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ހާރިޖީ ސިޔާސަތުގެ އިސްވެރިޔާ އިއްޔެ ވިދާޅުވެޖެ އެވެ.
"ސިންވާރު އަވަހާރަކޮށްލުމާ އެކު އާ ނަޒަރެއް ހުޅުވި، އެކަން ހަނގުރާމަ ހުއްޓާލުމުގެ ފުރުސަތަކަށް ބޭނުންކޮށް، ބާކީ ތިބި އިޒުރޭލުގެ ރަހީނުން މިނިވަންކޮށް، ސިޔާސީ ނަޒަރަކުން ބަލަން ޖެހޭ،" އީޔޫގެ އެންމެ އިސް ޑިޕްލޮމެޓް ޖޯސެފް ބޮރެލް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލުބުނާނުގައި ތިބޭ އދ.ގެ ސުލްހަ ބަލަހައްޓާ މިޝަން ކަމަށްވާ ޔުނިފިލް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.
"އދ.ގެ ބާރުތަކަށް މުޅި ދުނިޔޭގައި ވެސް އިހުތިރާމް ކުރަން ޖެހޭ... ޔުނިފިލްގެ މިޝަން މުރާޖައާ ކުރަން ޖެހިދާނެ. އެކަމަކު އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ހަނގުރާމަ ހުއްޓާލުން،" ޔުނިފިލްއާ މެދު ގޮތެއް ނިންމާނީ އދ.ގެ ސަލާމަތީ މަޖިލީހުންކަން ފާހަގަކުރައްވައި ބޮރެލް ވިދާޅުވި އެވެ.