ކެނެޑާގެ ބޮޑުވަޒީރާއި އިނގިރޭސި ބޮޑުވަޒީރު ބައްދަލު ކުރައްވަނީ.

އިނގިރޭސިވިލާތް

ކެނެޑާއަށް އެއްބާރުލުން ދޭން އިނގިރޭސިވިލާތާއި އެމެރިކާއިން އިންޑިއާއަށް ގޮވާލައިފި

ކެނެޑާގައި މިދިޔަ އަހަރު މަރާލި ސިކް ވަކިވެގަތުމުގެ ލީޑަރުގެ މަރުގެ ފަހަތުގައި އިންޑިއާ އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ވިދާޅުވެފައި
17 އޮކްޓޯބަރު 2024

ކެނެޑާގެ ފަސްގަނޑުގައި އެ ގައުމުގެ ރައްޔިތަކު މަރާލުމުގައި އިންޑިއާގެ އަތެއްވާ ކަމަށް އެ ގައުމުން ކުރާ ތުހުމަތުތަކަށް އިންސާފު ހޯދައިދިނުމުގައި އެއްބާރުލުން ދިނުމަށް އިނގިރޭސިވިލާތާއި އެމެރިކާއިން އިންޑިއާއަށް ގޮވާލައިފި އެވެ.

އިނގިރޭސި ހާރިޖީ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކެނެޑާގެ މިނިވަން ތަހުގީގުން ބަޔާންކޮށްފައިވާ ސީރިއަސް ކަންތައްތަކާ ބެހޭ ގޮތުން ކެނެޑާ ސަރުކާރާ އެކު ގާތުން އެކަން ބަލަމުން އަންނަ ކަމަށެވެ.

އެ ބަޔާނުގައި ބުނީ ކެނެޑާގެ ޝަރުއީ ނިޒާމަށް އިނގިރޭސިވިލާތުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

"ކެނެޑާގެ ގާނޫނީ މަރުހަލާއަށް އިންޑިއާ ސަރުކާރުން އެއްބާރުލުން ދިނުމަކީ ކުރިއަށް އޮތް އެންމެ ރަނގަޅު ފިޔަވަޅު،"

ކެނެޑާގެ އަނެއް އެކުވެރިޔާ، އެމެރިކާ އިން ބުނީ ވައިޓް ހައުސްއިން އުއްމީދުކުރި ފަދައިން އިންޑިއާ އިން ކެނެޑާގެ ކަމާ ބެހޭ ފަރާތްތަކަށް އެއްބާރުލުން ނުދޭ ކަމަށެވެ.

"އެ ތުހުމަތުތަކަކީ ވަރަށް ސީރިއަސް ތުހުމަތުތަކެއްކަން އަޅުގަނޑުމެން ވަރަށް ސާފުކޮށް އެނގޭ،" އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މެތިއު މިލާ ވިދާޅުވި އެވެ.

އެކަން ސީރިއަސްކޮށް ނަގަން ޖެހޭ ކަމަށާއި އިންޑިއާ ސަރުކާރުން ކެނެޑާގެ ތަހުގީގަށް އެއްބާރުލުން ދޭ ތަން ދެކެން ބޭނުންވާ ކަމަށް މިލާ ވިދާޅުވި އެވެ.

ކެނެޑާގެ ހާރިޖީ ވަޒީރު މެލަނީ ޖޮލީ ވިދާޅުވީ އެ މައްސަލައާ ގުޅޭ ގޮތުން ފަސް އިންޓެލިޖެންސް އެލަޔަންސްއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމަށެވެ. އެ ފަސް އިންޓެލިޖެންސް ބައިވެރިންނަކީ އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިއާ އަދި ނިއު ޒީލޭންޑެވެ.

ކެނެޑާގައި މިދިޔަ އަހަރު މަރާލި، ސިކް ވަކިވެގަތުމުގެ ލީޑަރުގެ މަރުގެ ފަހަތުގައި އިންޑިއާ އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ވިދާޅުވެފަ އެވެ. އެއީ ހަގީގަތެއް ނަމަ، އެކަމާ ފިޔަވަޅު ނާޅައި ކެނެޑާއަށް ނޯވެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޓްރޫޑޯ އެހެން ވިދާޅުވީ ކެނެޑާގައި އިންޑިއާގެ ހިޔާލު ތަފާތުވާ ފަރާތްތަކަށް އަމާޒުކޮށް މީހުން މެރުމާއި މަކަރާއި ހީލަތުން ފައިސާ ހޯދުމާއި އެ ނޫން ވެސް ހަރުކަށި އަމަލުތައް ހިންގަމުންދާ ކަމަށް ކެނެޑާގެ އޮފިޝަލުން ތުހުމަތުކުރިތާ ދެ ދުވަސް ފަހުންނެވެ.

ކެނެޑާއިން މިދިޔަ ހޯމަ ދުވަހު މި ތުހުމަތުތައް ކުރުމާ އެކު، ދެ ގައުމުން ވެސް ވަނީ އިސް މަންދޫބުންނާއި ޑިޕްލޮމެޓުން ބޭރުކޮށްފަ އެވެ.

އިންޑިއާ އިން ވަނީ އެ ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ތުހުމަތުތަކެއް ކަމަށް ބުނެ އެކަން ދޮގުކޮށް، ކެނެޑާގައި އުޅޭ ސިކް ކޮމިއުނިޓީން ސިޔާސީ މަންފާއެއް ހޯއްދެވުމަށް ޓްރޫޑޯ ކުރައްވާ މަސައްކަތެއް ކަމަށް ތުހުމަތުކޮށްފަ އެވެ.

ކެނެޑާގެ ސިޔާސީ މައިދާނަށް ބޭރުގެ ނުފޫޒު ފޯރުވި މައްސަލަ ބަލާ ޕަބްލިކް އިންކުއަރީއެއްގެ ކުރިން ބުދަ ދުވަހު ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ޖޫން 2023ގައި ހަރްދީޕް ސިންގް ނިއްޖާރު މަރާލި މައްސަލައިގެ ތަހުގީގަށް އިންޑިއާއިން ދިން ޖަވާބަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ޓްރޫޑޯ ވިދާޅުވީ އޭނާއަށް ލިބިވަޑައިގެންފައިވާ އިންޓެލިޖެންސް މައުލޫމާތުން ކަށަވަރުވާ ގޮތުގައި އެެއްވެސް ޝައްކެއް ނެތް މިންވަރަށް އެ މަރުގެ ފަހަތުގައި ވަނީ އިންޑިއާ އެވެ.

އޭނާ ވިދާޅުވީ ކެނެޑާގެ އިސްތިގުލާލާއި ބައިނަލްއަގްވާމީ ގާނޫނުގެ ވެރިކަމާ ހިލާފުވާ ކަމަށް ތުހުމަތު ކުރެވޭ ކޮންމެ ކަމެއް ސީރިއަސްކޮށް ނަންގަވާނެ ކަމަށެވެ.

ނިއްޖާރު މަރާލީ ދެ މީހަކު ވެގެން ބަޑިން ހަމަލާދީގެންނެވެ. އޭނާ އަކީ ވަކި ސިކް ގައުމެއް ހޯދަން ގޮވާލާ ހާލިސްތާން ހަރަކާތަށް ވަރަށް ބޮޑަށް ތާއީދުކުރެއްވި އަދި އެ ކަމަށް ފާޅުގައި ކެމްޕޭން ކުރެއްވި ބޭފުޅެކެވެ.

އޭރު ކެނެޑާގެ އިންޓެލިޖެންސުގެ އަތުގައި ހަރުދަނާ ހެއްކެއް ނެތް ކަމަށް ޓްރޫޑޯ ވިދާޅުވި އެވެ.

ނަމަވެސް ނިއްޖާރުގެ މަރުގެ މައްސަލާގައި ފުލުހުން ވަނީ އިންޑިއާގެ ހަތަރު މީހެއްގެ މައްޗަށް ފަހުން ދައުވާ އުފުލައިފަ އެވެ.

ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވީ ރޯޔަލް ކެނެޑިއަން މައުންޓެޑް ޕޮލިސް (އާރްސީއެމްޕީ) އިން މި ހަފުތާގައި އިތުރު ތަފުސީލު ހާމަ ކުރާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް