އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ.

އިންޑިއާ

މަރުގެ މައްސަލާގައި އިންޑިއާ އާއި ކެނެޑާގެ ޑިޕްލޮމެޓުން ބޭރުކޮށްލައިފި

އިންޑިއާ އިން ބުނީ ކެނެޑާގެ ތުހުމަތުތަކަކީ ކެނެޑާގައި ދިރިއުޅޭ ބޮޑު ސިކް އާބާދީން ސިޔާސީ މަންފާ ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތެއް ކަމަށް
15 އޮކްޓޯބަރު 2024

ވަކިވެގަތުމަށް މަސައްކަތް ކުރާ ސިކުންގެ ލީޑަރަކު ކެނެޑާގައި މިދިޔަ އަހަރު މަރާލުމާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތައް އިތުރަށް ހޫނުވެ، އިންޑިއާ އާއި ކެނެޑާގައި ތިބި ދެ ގައުމުގެ ސަފީރުންނާއި އިތުރު ޑިޕޮލޮމޭޓުން ބޭރުކޮށްލައިފި އެވެ.

ކެނާޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ ހަރުދީޕު ސިންގް ނިއްޖާރު މަރާލުމުގައި ސީދާ އިންޑިއާގެ އެޖެންޓުން ބައިވެރިވާ ކަމަށް އިތުބާރު ކުރެވޭ ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި ސަރުކާރުން އެ ވާހަކަ ދެއްކީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކެނެޑާގެ ފުލުހުން ތުހުމަތުކުރާ ގޮތުގައި އިންޑިއާގެ އެޖެންޓުން "މީހުން މެރުމާއި މަކަރާއި ހީލަތުން ފައިސާ ހޯދުމާއި ހަރުކަށި އަމަލުތައް ހިންގުމުގައި" ބައިވެރިވާ ކަމަށާއި އިންޑިއާގައި ސިކުންނަށް ވަކި ވަޒަނެއް ހޯދުމަށް މަސައްކަތްކުރާ ހާލިސްތާނަށް ތާއީދުކުރާ ހަރަކާތަށް ތާއީދުކުރާ ފަރާތްތަކަށް އަމާޒުކޮށް ހަމަލާ ދޭ ކަމަށެވެ.

އެ ތުހުމަތުތައް އިންޑިއާ އިން ވަނީ ދޮގުކޮށްފަ އެވެ. އިންޑިއާ އިން ބުނީ ޓްރޫޑޯ ކެނެޑާގައި ދިރިއުޅޭ ބޮޑު ސިކް އާބާދީން ސިޔާސީ މަންފާ ހޯދުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

އިއްޔެ ލައިވް ޓީވީގައި ވާހަކަ ދައްކަވަމުން ޓްރޫޑޯ ވިދާޅުވީ ކެނެޑާގައި ހިންގާ "ޖިނާއީ" އަމަލުތަކަށް ތާއީދު ކުރުމުގައި އިންޑިއާއިން ހަދާފައި ވަނީ "އަސާސީ ގޯހެއް" ކަމަށެވެ. އަދި އެންމެ ފަހުގެ ހޯދުންތަކާ މެދު އޭނާގެ ސަރުކާރަށް ފިޔަވަޅު އަޅަން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އާރުސީއެމްޕީ [ރޯޔަލް ކެނެޑިއަން މައުންޓެޑް ޕޮލިސް؛ ކެނެޑާގެ ނޭޝަނަލް ޕޮލިސް ސާވިސް] އިން ފެންމަތިކުރި ހެކިތަކަށް އިހުމާލެއް ނުވެވޭނެ،" ބޮޑުވަޒީރު ވިދާޅުވި އެވެ.

"މިކަމުގެ ސަބަބުން އެއް ނިންމުމަކަށް މަގުފަހިވޭ. ކެނެޑާގައި އާންމުންގެ ސަލާމަތަށް ނުރައްކާވާ ފަދަ ޖިނާއީ އަމަލުތަކަށް ހުރަސް އެޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް. އެހެންވެ އަޅުގަނޑުމެން އަމަލު ކުރީ." 

ކެނެޑާގައި މަރާލި ސިކުންގެ ލީޑަރުގެ ފޮޓޯއެއް.

އިންޑިއާއިން ވަނީ އެ ހުރިހާ ތުހުމަތެއް ވަރަށް ބޮޑަށް ދޮގުކޮށް، ކެނެޑާއިން އެ ވާހަކަތައް ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށް ބުނެފަ އެވެ.

އިންޑިއާ އާއި ކެނެޑާއާ ދެމެދު އޮތް ގުޅުން ހީނަރުވެފައި މިވަނީ ނިއްޖާރުގެ މަރާ އިންޑިއާގެ އެޖެންޓުންނާ ގުޅުން ހުރި އިތުބާރު ހުރި ހެކިތަކެއް ކެނެޑާގައި އެބަހުރި ކަމަށް ޓްރޫޑޯ ވިދާޅުވުމާ ގުޅިގެންނެވެ.

އެ މައްސަލައިގެ ސަބަބުން ގުޅުން ހީނަރުވެ، އިންޑިއާ އިން ވަނީ ކެނެޑާގެ ޑިޕްލޮމެޓިކް މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ މުވައްޒަފުން އަނބުރާ ގެންދިއުމަށް ކެނެޑާއަށް އަންގައި ވިސާގެ ހިދުމަތް މެދުކަނޑާލައިފަ އެވެ.

އިންޑިއާގެ ހާރިޖީ ވުޒާރާއިން އިއްޔެ ނެރުނު ހަރުކަށި ބަޔާނެއްގައި ބުނެފައިވަނީ ކެނެޑާގެ ތުހުމަތުތަކަށް ނުފޫޒު ފޯރުވާފައިވަނީ ސިކް ވަކިވެގަތުމަށް މަސައްކަތްކުރާ ފަރާތްތަކުން ކަމަށެވެ.

އޭގެ ފަހުން އިންޑިއާ އިން ވަނީ ކެނެޑާގެ އެކްޓިން ހައި ކޮމިޝަނަރު ސްޓެވާޓް ރޮސް ވީލާ ހިމެނޭ ގޮތަށް އިންޑިއާގައި ތިބި އެ ގައުމުގެ ހަ ޑިޕްލޮމެޓުން މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން އިންޑިއާ ދޫކޮށް ދިއުމަށް އަންގައިފަ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ކެނެޑާ ސަފީރު ވީލާ ހާޒިރުކޮށްފަ އެވެ.

އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިލާ ވިދާޅުވީ ކެނެޑާގެ ހޯދުންތައް އިންޑިއާ ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށާއި މިހާރު އިންޑިއާ އިން އެ ތުހުމަތުތައް ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.

"މިކަމުގެ އެންމެ އަޑިއަށް ފީނުމަކީ ދެ ގައުމުގެ މަސްލަހަތާއި ދެ ގައުމުގެ ރައްޔިތުންގެ ވެސް މަސްލަހަތު އޮތް ކަމެއް،" އޭނާ ވިދާޅުވި އެވެ.

އިންޑިއާ އިން ވަނީ އެ ގައުމުގެ ހައި ކޮމިޝަނަރު ސަންޖޭ ކުމާރު ވަރްމާގެ "36 އަހަރުގެ ޝަރަފުވެރި ކެރިއަރަށް" އިޝާރާތްކުރައްވައި އޭނާގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ.

"ކެނެޑާ ސަރުކާރުން އޭނާއާ މެދު ކުރާ ތުހުމަތަކީ ހަޑިހުތުރު ވާހަކަތަކެއް. އެކަމާ މެދު އިހާނެތިކޮށް ކަންތައް ކުރަން ޖެހޭ،" އިންޑިއާ އިން ބުންޏެވެ.

އިންޑިއާގެ ހާރިޖީ ވުޒާރާއިން ބުނެފައި ވަނީ އެ ގައުމުގެ އިސް މަންދޫބާއި އެހެނިހެން ޑިޕްލޮމެޓުން އަނބުރާ ގެންދާނެ ކަމަށެވެ.

"ކެނެޑާގެ މިހާރުގެ ސަރުކާރުން އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވެފައިވާ ވައުދާ މެދު އެއްވެސް އިތުބާރެއް ނެތް. އެހެންވީމާ އިންޑިއާ ސަރުކާރުން ނިންމީ ހައި ކޮމިޝަނަރާއި އެހެނިހެން ޓާގެޓެޑް ޑިޕްލޮމެޓުންނާއި އޮފިޝަލުން އަނބުރާ ގެންދިއުމަށް،" އެ އޮފީހުން ބުންޏެވެ.

ކެނެޑާގެ ފުލުހުން ހޯމަ ދުވަހު ބުނެފައިވަނީ މިހާރު ކުރިއަށްދާ ތަހުގީގާ ގުޅޭ މައުލޫމާތު އާންމުކޮށް ހާމަކުރުމުގެ އާދަޔާ ހިލާފު ފިޔަވަޅެއް އެޅީ "އަޅުގަނޑުމެންގެ ގައުމުގައި އާންމުންގެ ސަލާމަތަށް ނުރައްކާވެދާނެތީ" ކަމަށެވެ.

އާރުސީއެމްޕީގެ ކޮމިޝަނަރު މައިކް ދުހެމޭ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، "ފުރާނައަށް ނުރައްކާވެދާނެ ކަމަށް ގަބޫލުކުރެވޭ އަދި އެފަދަ އެތައް ނުރައްކަލެއް" ކުރިމަތިވެފައިވާ ކަމަށާއި އެއީ "ހާއްސަކޮށް" ހާލިސްތާނަށް ތާއީދުކުރާ ހަރަކާތުގެ މެމްބަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.

"އިންޑިއާ ސަރުކާރާ ކުރިމަތިލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ދެކޭ ހިސާބަށް އަޅުގަނޑުމެން ދިޔައީ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލުން ވިދާޅުވީ ޖިނާއީ އަމަލުތަކުގައި އިންޑިއާގެ އެޖެންޓުންތަކެއް ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. ނަމަވެސް، ޖޫން 2023ގެ ތެރޭގައި، ސިކް ވަކިވެގަތުމުގެ ލީޑަރު ނިއްޖާރު މަރާލި ހާދިސާއާ ސީދާ ގުޅުމެއް އޮތް ކަމަށް އެޖެންޓުން އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ. 

ބްރިޓިޝް ކޮލަމްބިއާގެ ސަރީގައި ހަރްދީޕް ސިންގް ނިއްޖާރު ދަތުރުކުރަނިކޮށް ސިކް ފައްޅިއެއްގެ ބޭރުގައި މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ބަޑިޖަހައި އޭނާ ވަނީ މަރާލައިފަ އެވެ.

އޭނާ އަކީ ވަކި ސިކް ގައުމެއް ހޯދަން ގޮވާލާ ހާލިސްތާން ހަރަކާތަށް ވަރަށް ބޮޑަށް ތާއީދުކުރާ އަދި އެކަމަށް ފާޅުގައި ކެމްޕޭން ކުރާ މީހެކެވެ.

އިންޑިއާއިން މީގެ ކުރިން ވެސް އޭނާ ސިފަކޮށްފައި ވަނީ ހަނގުރާމަވެރި ވަކިވެގަތުމުގެ ޖަމާއަތެއްގައި އިސްކޮށް އުޅުނު ޓެރަރިސްޓެއްގެ ގޮތުގަ އެވެ. އަދި އެއީ އެ މީހުން ބަލައިގަންނަ އަސްލެއް ނެތް ކަމެއްެގެ ގޮތުގަ އެވެ.

ކެނެޑާގެ ފުލުހުން ބުނީ އޭނާ މަރާލީ ރޭވިގެން އަމާޒުކޮށްގެން ދިން ހަމަލާއަކުން ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޓްރޫޑޯ ކެނެޑާގެ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައި ވަނީ ނިއްޖާރު މަރާލުމުގައި އިންޑިއާގެ ބައިވެރިވުން އޮތް ކަމުގެ ތުހުމަތުތަކަކީ ކެނެޑާގެ އިންޓެލިޖެންސުން ކުރާ ތުހުމަތުތަކެއް ކަމަށެވެ.

އެ އަމަލަކީ ކެނެޑާގެ އިސްތިގުލާލާ ހިލާފު އަމަލެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

އިންޑިއާ އިން އޮކްޓޫބަރު 2023ގައި ވިސާ ޕްރޮސެސް ކުރަން ފެށުމުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ތަންކޮޅެއް ރަނގަޅުވި ކަމަށް ބެލެވެ އެވެ.

ނަމަވެސް މިދިޔަ ހަފުތާގައި ކެނެޑާގެ ހާރިޖީ ވަޒީރު މެލާނީ ޖޮލީ ވަނީ އިންޑިއާއާ އެކު އެ ގައުމުގެ ގުޅުން "ނުތަނަވަސް" އަދި "ވަރަށް އުނދަގޫ" ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ކެނެޑާގެ ބިމުގައި ނިއްޖާރު ފަދަ މީހުން މެރުމުގެ ބިރު އަދި ވެސް އެބައޮތް ކަމަށެވެ.

ކެނެޑާއަކީ އިންޑިއާ އިން ބޭރުގައި ސިކް މުޖުތަމައަތުގެ އެންމެ ބޮޑު އާބާދީ ދިރިއުޅޭ ގައުމެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް