ހާމަނާއީ ތަގުރީރު ކުރައްވަނީ: ވަރަށް މަދުން ނޫނީ ހާމަނާއި އާންމުކޮށް ތަގުރީރެއް ނުކުރައްވާ

އީރާން

އިޒުރޭލަށް ދިން ހަމަލާތައް އީރާނުގެ ލީޑަރު ދިފާއު ކުރައްވައިފި

އަންގާރަ ދުވަހު ދިން މިސައިލް ހަމަލާއަށް އިޒްރޭލުން ރައްދު ދީފި ނަމަ އީރާނުން ބަދަލު ހިފާނެ ކަމަށް ހާމަނާއީ ވިދާޅުވި
4 އޮކްޓޯބަރު 2024

އީރާނުން އިޒުރޭލަށް ދިން މިސައިލް ހަމަލާތަކަކީ "ސައްހަ، ލޮޖިކަލް އަދި ގާނޫނީ" ހަމަލާތަކެއް ކަމަށް މިއަދު ތެހެރާނުގައި ކުރެއްވި ހުކުރު ނަމާދުގައި އީރާންގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ހާމަނާއީ ވިދާޅުވެއްޖެ އެވެ. ހާމަނާއީގެ ތަގުރީރު އަޑުއަހަން އެތައް ހާސް ބަޔަކު އެއްވި އެވެ.

އީރާންގެ ސުޕްރީމް ލީޑަރު ސިފަކުރެއްވި ގޮތުގައި އެ ހަމަލާއަކީ އިޒުރޭލުގެ "ހައިރާން ކުރުވަނިވި ޖަރީމާތަކަށް" ދެވޭ ވަރަށް ކުޑަ އަދަބެކެވެ. ވެރި ރަށުގައި ހުކުރު ނަމާދު އިމާމުވެ ކުރެއްވުމަކީ ވަރަށް މަދުން ނޫނީ ހާމަނާއީ ކުރައްވާ ކަމެއް ނޫނެވެ. ހާމަނާއީ އެންމެ ފަހުން އެ ފަދަ ނަމާދެއް އިމާމުވެ ކުރެއްވީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ.

ހާމަނާއީ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރުالله އަވަހާރަކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން އިޒުރޭލަށް ގާތްގަނޑަކަށް 200 މިސައިލް ފޮނުވާލިތާ ތިން ދުވަސް ފަހުންނެވެ.

ހާމަނާއީ މައިގަނޑު ގޮތެއްގައި ހުތުބާ ދެއްވީ ފާރިސީ ބަހުންނެވެ. ނަމަވެސް ފަލަސްތީނާއި ލުބްނާނުގެ ސަޕޯޓަރުންނާ މުހާތަބުކުރެއްވުމަށް ހުތުބާގެ ބައެއް އަރަބި ބަހުން ވެސް ދެއްކެވި އެވެ.

ހުތުބާގައި ހާމަނާއީ ވަނީ ނަސްރުاللهއަށް ތައުރީފު ކުރައްވައި ހަމާސް އާއި ހިޒްބުاللهއަށް ވެސް ތާއީދު ކުރައްވާކަން ހާމަކުރައްވައިފަ އެވެ. އަދި މުޅި ސަރަހައްދަށާއި މުޅި އިސްލާމީ ދުނިޔެއަށް ވެސް ވަރަށް މުހިންމު ހިދުމަތްތަކެއް އެ ފަރާތްތަކުން ކޮށްދެއްވި ކަމަށް ހާމަނާއީ ވިދާޅުވި އެވެ.

ހާމަނާއީ ވިދާޅުވީ އީރާނާ ގުޅިފައިވާ ހަތިޔާރު އެޅި ޖަމާއަތްތަކުން އިޒުރޭލާ ދެކޮޅަށް ހަމަލާތައް އުފެއްދުމާއި ހަމަލާތައް ދިނުމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ. 

އިޒުރޭލާ ދެކޮޅަށް ހަމަލާތައްދޭ، ހިޒްބުالله އާއި ހަމާސްގެ އިތުރުން މެދުއިރުމަތީގެ އެ ނޫން ހަތިޔާރު އެޅި ޖަމާއަތްތަކުގެ ފަހަތުގައި ވަނީ އީރާން އެވެ. 

ފާއިތުވި ހަފުތާތަކުގައި، އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުގެ ލީޑަރުންނާއި އީރާނުގެ ބާރުގަދަ އަސްކަރީ ގޮފި، ރިވޮލިއުޝަނަރީ ގާޑްސްގެ އިސް ވެރިންތަކެއް އަވަހާރަކޮށްލާފައި ވަނީ އިޒުރޭލުން ކަމަށް ގަބޫލުކުރެެވެ އެވެ.

ތެހެރާނުގައި އެތައް ހާސް ބައެއްގެ ކުރިމަތީގައި އީރާންގެ އެންމެ މަތީ ލީޑަރު ތަގުރީރު ކުރެއްެވުމަކީ ދާހިލީ ހިތްހަމަނުޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ އީރާނުގެ ސަރުކާރަށް މި ވަގުތު އޮތް ނުތަނަވަސްކަން ދައްކުވައިދޭ ކަމެކެވެ. 

ޢާންމުންގެ ތެރެއިން ހަމަނާއީ ފެނުމުގެ އެއް ބޭނުމަކީ އޭނާ ހުންނެވީ ފިއްލަވައިގެން ނޫން ކަން އާންމުންނަށް އެންގުމެވެ. ނަސްރުالله އަވަހާރަކޮށްލުމާ ގުޅިގެން ހާމަނާއީ އަމާން ތަނަކަށް ގެންގޮސްފައިވާ ކަމުގެ އަޑުތަކެެއް ވެސް ވަނީ ފެތުރިފަ އެވެ.

އީރާންގެ ގްރޭންޑް މޮސައްލާ މިސްކިތް ވަނީ ފުރި ބާރުވެފަ އެވެ. އަދި ސުޕްރީމް ލީޑަރުގެ ހުތުބާ އަޑުއެހުމަށް ދަތުރު ފަތުރުގެ ހަރަދު ވަނީ ދީފަ އެވެ.

އީރާންގައި އެންމެ ފަހު ބަސް ބުނުމުގެ ބާރު އޮންނަނީ ހާމަނާއީ އަށެވެ. ނަމަވެސް ވަރަށް މަދުން ނޫނީ ހުކުރު ނަމާދު އިމާމުވެ ހާމަނާއީ ނުކުރައްވަ އެވެ.

ހާމަނާއީ އެންމެ ފަހުން އެފަދަ ހުތުބާއެއް ދެއްވީ 2020 ވަނަ އަހަރު އެމެރިކާއިން އީރާނުގެ އެންމެ އިސް އަސްކަރީ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ.  އެ ފަހަރު އެ ހުތުބާ ދެެއްވުމުގެ ކުރިން އެފަދަ ހުތުބާއެއް ދެއްވީ 2012 ވަނަ އަހަރު އެވެ.

ހާމަނާއީގެ ތަގުރީރު އަޑުއަހަން އެތައް ހާސް ބަޔަކު

މިދިޔަ ޖުލައި މަހު ތެހެރާނުގައި އަވަހާރަކޮށްލި ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއިލް ހަނިއްޔާ އާއި ނަސްރުالله ގެއްލުމުން އީރާނުން އަދިވެސް ދަނީ ހިތާމަ ކުރަމުންނެވެ.

ހަނިއްޔާ އަވަހާރަކޮށްލުމުގެ ފަހަތުގައި ވަނީ އިޒުރޭލު ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް، އެ މަރާ ބެހޭ ގޮތުން އިޒުރޭލުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އަންގާރަ ދުވަހު ދިން މިސައިލް ހަމަލާއަށް އިޒްރޭލުން ރައްދު ދީފި ނަމަ އީރާނުން ބަދަލު ހިފާނެ ކަމަށް ހާމަނާއީ ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އީރާނުގެ ތެލުގެ އިންފްރާސްޓްރަކްޗާއަށް އިޒުރޭލުން ހަމަލާއެއް ދީފާނެ ކަމުގެ އިޝާރާތެއްދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް