ތައިލެންޑުގައި އަލިފާން ރޯވި ސްކޫލް ބަސް: 20 ދަރިވަރުންނާއި 3 ޓީޗަރުން ވަނީ މަރުވެފައި
ބެންކޮކުގެ ސްކޫލް ބަހެއްގައި ރޯވެ 20 ދަރިވަރުންނާއި 3 ޓީޗަރުން މަރުވެއްޖެ
ތައިލެންޑުގެ ބެންކޮކުގައި ސްކޫލް ދަރިވަރުން ގޮވައިގެން ދަތުރުކުރި ބަހެއްގައި އިއްޔެ ރޯވެ އެ ބަހުން ދަތުރުކުރި 20 ކުއްޖަކާއި ތިން ޓީޗަރުން މަރުވެއްޖެ އެވެ.
ތައި ފުލުހުން ބުނި ގޮތުގައި ތައިލެންޑުގެ އުތުރުގެ އަވަށަކަށް ކުރި ސްކޫލް ދަތުރަކަށް ފަހު އެނބުރި ވެރިރަށް ބެންކޮކަށް ދަތުރުކުރަމުން ދިޔަ ސްކޫލް ބަހުގައި ރޯވީ ބަހުގެ ކުރީފުރޮޅެއް ފަޅައިގެން ގޮސް ބަސް ކޮންޓްރޯލުން ނެއްޓި ހައިވޭގެ އެއް ފަރާތެއްގައި ޖަހާފައިވާ ކޮންކްރީޓް ޑިވައިޑާތަކެއްގައި ޖެހިގެންނެވެ.
އާންމުވެފައިވާ ކެމެރާގެ ފްޓޭޖްތަކުން ފެންނަ ގޮތުގައި އެކްސިޑެންޓު ހިނގުމާ އެކު ބޯ ކަޅު ދުމާ އެކު ބަހުގައި ވަނީ ކުއްލިއަކަށް އަލިފާން ރޯވެފަ އެވެ. އަދި އަލިފާންގަނޑު މުޅި ބަހަށް ފެތުރުމުން ސަލާމަތްވާން ދަރިވަރުން ނިކުންނަން ފުރުސަތު ނުލިބި ބަހުގެ ތެރޭ ތާށިވީ އެވެ. އަދި ބަހުގެ އަލިފާން ނިއްވާ ފުޅި ބޭނުންކޮށްގެން އަލިފާންގަނޑު ކޮންޓްރޯލްކުރަން ބަސް ޑްރައިވަރު ފުރަތަމަ މަސައްކަތްކުރި ނަމަވެސް އޭނާ ވަނީ ފަހުން އެތަމުން ފިލައިފަ އެވެ. ފަހުން އޭނާ ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފަ އެވެ.
ތައި ފުލުހުން ބުނި ގޮތުގައި އެ ހާދިސާގައި ސަލާމަތްވީ 19 ދަރިވަރުންނެވެ. އަދި ތިން ޓީޗަރުން ސަލާމަތްވި އެވެ. އެ މީހުންގެ ތެރެއިން 16 މީހުންނަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލްތަކުގައި ވަނީ ފަރުވާދީފަ އެވެ.
އެ ބަހުގައި ތިބި ދަރިވަރުންގެ އުމުރަކީ 3 އަހަރާއި 15 އަހަރާ ދޭތެރެ އެވެ.
ބަހުގައި އެހާ ފަސޭހައިން ރޯވި ގޭސް އަޅައިގެން ދުއްވާ ބަހަކަށްވުމުން ކަމަށް ތައި ފުލުހުން ބުނެ އެވެ.
ތައިލެންޑަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑު އެންމެ ދަށް ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ރައްކާތެރި ނޫން އުޅަނދުތައް ގިނަވުމާއި އާންމުން އުޅަނދުތައް ދުއްވުމުގައި ޓްރެފިކް ގަވައިދުތަކަށް އަމަލުނުކުރުމުގެ މައްސަލަ އެ ގައުމުގައި ބޮޑެވެ. މަގުމަތީ އެކްސިޑެންޓުތަކުގެ ސަބަބުން އެ ގައުމުގައި އަހަރަކު ގާތްގަނޑަކަށް 20،000 މީހުން މަރުވެ އެވެ.
ކޮމެންޓް