އީރާނުން އިޒްރޭލަށް އަމާޒުކޮށް ފޮނުވި ބައެއް މިސައިލުތައް: މެދުއިރުމަތީގެ މަސްރަހު މިދަނީ އިތުރަށް ހޫނުވަމުން

އީރާން

އީރާނުން ބަދަލުހިފުމުގެ ގޮތުން އިޒްރޭލަށް މިސައިލް ހަމަލާތަކެއް ދީފި

އީރާނުގެ ހަމަލާތަކުގެ ބަދަލު ހިފާނޭ ކަމަށް އިޒްރޭލާއި އެމެރިކާއިން ވަނީ ބުނެފައި
1 އޮކްޓޯބަރު 2024

އެމެރިކާއިން އިންޒާރުދީފައި ވަނިކޮށް އީރާނުން އިޒްރޭލަށް މިސައިލް ހަމަލާތަކެއް ދީފި އެވެ.

އީރާނުގެ އަސްކަރިއްޔާގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ބުނި ގޮތުގައި އިޒްރޭލުގެ މުހިންމު ސަރަހައްދުތަކަށް އަމާޒުކޮށް މިރޭ ފޮނުވާލި މިސައިލް ހަމަލާތަކަކީ މިދިޔަ ހަފްތާ އަވަހާރަކޮށްލި ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އާއި މިއަހަރުގެ ކުރީކޮޅު ތެހެރާންގައި އަވަހާރަކޮށްލި ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާގެ މަރަށް ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. އަދި އިޒްރޭލުން ރައްދު ދިނުމުގެ ގޮތުން އީރާނަށް ހަމަލާދީފި ނަމަ އިތުރު ހަމަލާތައް ދޭނޭ ކަމުގެ އިންޒާރު ވެސް ރިވޮލިއުޝަނަރީ ގާޑުން ވަނީ ދީފަ އެވެ. 

އދ. އަށް ކަނޑައަޅާފައިވާ އީރާންގެ މިޝަންއިން ވެސް ވަނީ އީރާނުން އިޒްރޭލަށް ހަމަލާދީފައިވާކަން ކަށަވަރުކޮށްދީފަ އެވެ. 

އިޒްރޭލުގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި އީރާނުން ވަނީ އިޒްރޭލަށް އަމާޒުކޮށް 200 އެއްހާ މިސައިލް ފޮނުވާލައިފަ އެވެ. އޭގެ ތެރެއިން ގިނަ މިސައިލްތައް، ވައިގެ މަގުން ދޭ ހަމަލާތަކުން ދިފާއުވުމަށް އެ ގައުމުގައި ގާއިމްކޮށްފައިވާ އަޔަން ޑޯމް ނިޒާމުން ވައްޓާލާފައިވާ ކަމަށް އިޒްރޭލުން ބުންޏެވެ. 

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުގެ މިސައިލްތައް އަމާޒުކުރީ އިޒްރޭލު ސިފައިންގެ ވައިގެ މަރުކަޒަކަށެވެ. އެ ހަމަލާތަކުގައި އެ މަރުކަޒަށް ލިބުނު ގެއްލުންތަކެއް އަދި ސާފެއް ނުވެ އެވެ. އެހެން ނަމަވެސް ދެ މީހަކު ޒަހަމްވި ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. 

އެ ހަމަލާތަކާ ގުޅިގެން އިޒްރޭލާއި އެމެރިކާއިން ވަނީ އިރާނުގެ ކިބައިން ބަދަލު ހިފާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. އަދި އީރާނުން އިތުރު ހަމަލާތަކެއް ދީފާނެތީ އިޒްރޭލުގެ އަސްކަރިއްޔާއިން އޮތީ ކުއްލި ހާލަތުގައި ކަމަށް ވެސް ބުންޏެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް