ހިމާލިޔާ ފަރުބަދައިގެ އެންމެ އުސްދިމާ މައުންޓް އެވަރެސްޓަށް އެރުމަށް ބަޔަކު މަސައްކަތް ކުރަނީ: އެ ފަރުބަދައިގެ އުސްމިނަށް ބަދަލުތައް ދަނީ އަންނަމުން

މޫސުމީ ބަދަލުތަކާ ހުރެ ހިމާލިޔާ ފަރުބަދަ އިތުރަށް އުސްވަނީ

ފަރުބަދައިގެ އުސްމިނަށް އިތުރުވުމެއް އައިސްފައި ވަނީ ހިމާލިޔާއާ 75 ކިލޯމީޓަރު ދުރުގައިވާ އަރޫން ކޯރުގެ އަޑީގައި ހުންނަ ހިލަ އާއި ފަސްގަނޑު ގިރަމުން ދިއުމުގެ ސަބަބުން
1 އޮކްޓޯބަރު 2024

ދުނިޔޭގެ އެންމެ އުސް ފަރުބަދަ ހިމާލިޔާގެ މައުންޓް އެވަރެސްޓްގެ އުސްމިނަށް ކުރިއަށް ވުރެ 15-50 މީޓަރު އިތުރުވެފައިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އިނގިރޭސިވިލާތުގެ ޔުނިވަސިޓީ ކޮލެޖް ލަންޑަންގެ ސައިންސްވެރިން ހެދި އާ ދިރާސާއަކުން ދައްކާ ގޮތުގައި މައުންޓް އެވަރެސްޓު ފަރުބަދައިގެ އުސްމިނަށް އިތުރުވުމެއް އައިސްފައި ވަނީ ހިމާލިޔާއާ 75 ކިލޯމީޓަރު ދުރުގައިވާ އަރޫން ކޯރުގެ އަޑީގައި ހުންނަ ހިލަ އާއި ފަސްގަނޑު ގިރަމުން ދިއުމުގެ ސަބަބުންނެވެ. 

ނޭޗާ ޖިއޯ ސައިންސް ޖާނަލްގައި ޝާއިއުކޮށްފައިވާ އެ ދިރާސާގައި ބުނާ ގޮތުގައި އަރޫން ކޯރުގެ ފެންގަނޑު ހިމާލިޔާ ފަރުބަދައިގެ ތެރެއިން ދައުރުވާއިރު ބިމުގެ ފަށަލަތަކުގައި ހުންނަ ބައެއް މާއްދާތައް ނެތިގެން ގޮސް ބިމުގެ ބައެއް ފަށަލަތައް ތުނިވާ ގޮތް ދިމާވެ އެވެ. މިކަމުގެ ސަބަބުން ބިމުގެ އަޑީ ފަށަލައެއް ކަމަށްވާ، މެންޓުލްގައި ހުންނަ ފަސްގަނޑުގެ ބާރު ދަށްވެ، ބިންގަނޑުގެ ހަރު ފަށަލަ ނުވަތަ ކުރަސްޓް ތުނިވެ ލުއިވެ އެވެ. އެއާ އެކު ބިންގަނޑުގެ މަތީ ފަށަލަ މައްޗަށް އަރައި ނުވަތަ ފްލޯޓްވާވަރު އިތުރުވެ އެވެ. 

އަރޫން ކޯރު

"މިއީ މުދާ ބަރުކޮށްފައި ހުރި އޮޑިއަކުން މުދާ ހުސްކުރުން ކަހަލަ ކަމެއް،" ދިރާސާ ކަރުދާސް ލިޔުއްވި މައި ލިޔުންތެރިޔާ، އެޑަމް ސްމިތު ބީބީސީއަށް ވިދާޅުވެފައިވެ އެވެ.

"އެހެން ހެދުމުން އޮޑި، ލުއިވެ ތަންކޮޅެއް މައްޗަށް ފްލޯޓްވޭ. ހަމައެފަދައިން ބިންގަނޑުގެ ކްރަސްޓް ތުނިވެ ލުއިވުމުން ތަންކޮޅެއް މައްޗަށް ބިންގަނޑު އުފުލޭނެ ނުވަތަ ފްލޯޓްވާވަރު ބޮޑުވާނެ."

ހިމާލިޔާ ފަރުބަދަތައް ހިމެނޭ ސަރަހައްދު އުފެދުނީ މީގެ 40-50 މިލިއަން އަހަރު ކުރިން އިންޑިޔާ އާއި ޔޫރޭޝިއަން ޕްލޭޓްތައް ޖެހި މުޑިއެރުމުން އުފެދުނު ޕްރެޝަރުގަ އެވެ.

އެ ދިރާސާގައި ފާހަގަކުރި ގޮތުގައި އަރޫން ކޯރު ގިރާތީ ބިންގަނޑު ލުއިވެ ފަރުބަދަ މައްޗަށް ޖެހެން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ވެސް ހިމާލިޔާއާ ގުޅިފައިވާ ބިންގަނޑު މިހާރު ވެސް ކޮންމެވެސް ވަރަކަށް ދައުރުވަމުން ދިޔުން ނުވަތަ ޕްލޭޓް ޓެކްޓޯނިކް މޫވްމަންޓެެވެ. 

"ޖީޕީއެސް ހިމެނޭ އާލާތްތައް ބޭނުންކޮށްގެން ބަލާއިރު އަހަރަކު ގާތްގަނޑަކަށް 2 މިލިމީޓަރު އިތުރުވާ ތަން ފެނޭ މައުންޓް އެވަރެސްޓް. އޭގެ ސަބަބެއް އަދި ކިރިޔާ މި ހޯދުނީ،" ދިރާސާ ކަރުދާސް ލިޔުއްވުމުގައި ދެވަނައަށް އެންމެ އިސްކޮށް އުޅުއްވި، ޑރ. މެތިއު ފޮކްސް ބީބީސީއަށް ވިދާޅުވި އެވެ. 

ހިމާލިޔާ ފަރުބަދައިގައި ހިމެނޭ މައުންޓް އެވަރެސްޓް ނޫނަސް އެހެން އުސް ދިމާތައް ވެސް އިތުރަށް އުސްވާ ކަމަށް އެ ދިރާސާއިން ވަނީ ދައްކައިފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް