އިޒްރޭލު ސިފައިންގެ ޓޭންކަރެއް ދެކުނު ލުބުނާނާއި އިޒްރޭލު ގުޅޭ ސަރަހައްދީ ރޮގުގައި ހަރަކާތްތެރިވަނީ
އިޒްރޭލުގެ ސިފައިން ދެކުނު ލުބުނާނަށް އަރައި ހަމަލާދޭން ފަށައިފި
އިޒްރޭލުން ލުބުނާނަށް ދެމުން ގެންދާ ބޮމުގެ ހަމަލާތަކަށް ފަހު އިޒްރޭލުގެ ސިފައިން ދެކުނު ލުބުނާންއަށް އަރައި އެއްގަމު މަގުން އެ ގައުމަށް ހަމަލާތައް ދޭން ފަށައިފި އެވެ.
އިޒްރޭލުގެ ސިފައިން ހާމަކުރި ގޮތުގައި ލުބުނާންގެ ސަރަހައްދީ ރޮގު ހުރަސްކޮށް ދެކުނު ލުބުނާނަށް އިޒްރޭލުގެ ސިފައިންގެ ފައުޖުތައް ވަދެ ގަނެފައި ވަނީ އެ ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ހިޒްބުﷲގެ ތަންތަނާއި ހަނގުރާމަވެރިން ނައްތާލުމުގެ ގޮތުންނެވެ. އެގޮތުން އެ އޮޕަރޭޝަން ހާއްސަކޮށްފައި ވަނީ ސަރަހައްދީ ރޮގާ ކައިރީގައިވާ ލުބުނާންގެ ތިން އަވަށަކަށް ކަމަށް ވެސް އިޒްރޭލުގެ ސިފައިން ބުންޏެވެ.
މިއީ 2006ގައި އިޒްރޭލާއި ހިޒުބުﷲ އިން ކުރި ހަނގުރާމައަށް ފަހު އިޒްރޭލުން އެއްގަމު މަގުން ލުބުނާނަށް އެރި ފުރަތަމަ ފަހަރެވެ.
ލުބުނާނަށް އެރުމަށް އެެމެރިކާގެ ތާއީދު
އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާގެ ދިފާއީ ވުޒާރާ އާއި ސްޓޭޓް ޑިޕާޓްމަންޓުން ވެސް ހާމަކުރި ގޮތުގައި އިޒްރޭލުން އެއްގަމު މަގުން ލުބުނާނަށް އެރުމުގެ ކުރިން އެކަމާ ގުޅޭގޮތުން ވަނީ ދެ ގައުމުން މަޝްވަރާކޮށްފަ އެވެ.
އެ މަޝްވަރާތަކާ ހަވާލާދެއްވާ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޯސްޓިން ވިދާޅުވީ އިޒްރޭލުގެ ޑިފެންސް މިނިސްޓަރާ މަޝްވަރާކުރައްވާފައިވާ ކަމަށާއި އިޒްރޭލުގެ ފަށާ އެ އޮޕަރޭޝަނަށް އެމެރިކާގެ ފުރިހަމަ އެއްބާރުލުން އޮންނާނޭ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. އަދި ލުބުނާނާއި އިޒްރޭލު ގުޅޭ ސަރަހައްދީ ރޮގުގައި ހިޒްބުﷲ އިން ގާއިމްކޮށްފައިވާ ތަންތަނާއި އެ މީހުންގެ ބާރު އެ ސަރަހައްދުން ނައްތާލުން ކޮންމެހެން މުހިންމު ކަމަށް ލޮއިޑް ވިދާޅުވި އެވެ. އެހެން ނަމަވެސް މައްސަލައަށް މަޝްވަރާގެ އުސޫލުން ޑިޕްލޮމެޓިކް ހައްލެއް ހޯދުން މުހިންމުކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.
މީގެ އިތުރަށް އޭނާ ވަނީ އީރާނުން އިޒްރޭލަށް ސީދާ ހަމަލާއެއްދީ ހަނގުރާމައިގެ ތެރެއަށް ނުވަނުމަށް އިންޒާރު ކުރައްވައިފަ އެވެ. އީރާނާއި އެގައުމާ ގުޅިފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުން ދީފާނޭ ހަމަލާއަކުން އިޒްރޭލާއި އެމެރިކާގެ މަސްލަހަތުތައް ހިމާޔަތްކުރަން އެމެރިކާއިން އަސްކަރީގޮތުން ތައްޔާރަށް އޮތް ކަމަށް އޯސްޓިން ވަނީ ވިދާޅުވެފަ އެވެ.
އެމެރިކާއިން މިހާރު ވަނީ މެދުއިރުމައްޗަށް އިތުރު ސިފައިނާއި މަނަވަރުތައް ޖަމާކޮށްފަ އެވެ.
އިޒްރޭލުގެ ރޭވުމަކީ ކޮބާ؟
އިޒްރޭލް ސިފައިން ލުބުނާންގެ އެތެރެއަށް ވަދެ ފަށާފައިވާ އޮޕަރޭޝަނާ ގުޅޭ ގޮތުން އަސްކަރީ ދާއިރާގެ ތަޖުރިބާކާރުން ބުނަނީ އިޒްރޭލުގެ ބޭނުމަކީ ލިޓާނީ ކޯރުގެ އައްސޭރީގައި ގާއިމްވެ ތިބޭ ހިޒްބުﷲގެ ހަނގުރާމަވެރި ހާއްސަ ފައުޖުތައް ވަށާލުމަށް ފަހު އެ މީހުން ނައްތާލުން ނުވަތަ އެ ސަރަހައްދުން ފައްސާލުން ކަމަށެވެ.
އިޒްރޭލުން އެ އޮޕަރޭޝަނަށް ހާއްސަކޮށް 18 ފައުޖެއް ސަރަހައްދީ ރޮގުގެ ކައިރިއަށް ޖަމާކޮށްފައިވީ ނަމަވެސް މި ވަގުތު ލުބުނާންގެ އެތެރެއަށް އަރާފައި ވަނީ ވަރަށް މަދު އިޒްރޭލުގެ ސިފައިންނެވެ. އެގޮތަށް އަމަލުކުރަނީ ހިޒްބުﷲގެ ހަނގުރާމަވެރިންނާ ދެމެދު ހިނގަނީ ކިހާވަރެއްގެ ކުރިމަތިލުމެއްތޯ ބެލުމަށް ފަހު އިތުރު ފައުޖުތައް ފޮނުވަން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އަދި ހިޒްބުﷲގެ އަސްކަރީ ބާރުވެރިކަން މިވަގުތު ހުރީ ކިހާވަރެއްގައިތޯ ބެލުމަކީ ވެސް އޭގެ ބޭނުމެކެވެ.
ލުބުނާނަށް އެއްގަމު މަގުން އެރުމަށް 70،000-100،000 ދެމެދުގެ އިޒްރޭލް ސިފައިންނާއި އަސްކަރީ ވެހިކަލްތައް ވަނީ ސަރަހައްދީ ރޮގަށް ޖަމާކޮށްފަ އެވެ.
ތަޖުރިބާކާރުން ލަފާކުރަނީ އިޒްރޭލުން ދެމުންދާ ބޮމުގެ ހަމަލާތަކުގައި ހިޒްބުﷲގެ އަތުގައި ހުރި މިސައިލާއި ބަރު ހަތިޔާރުގެ %50 ހަލާކުކޮށްލެވިފައިވާ ކަމަށެވެ. ހިޒްބުﷲގެ އެންމެ ބޮޑު ބާރަކީ އެ މީހުންގެ އަތުގައި ހުންނަ ދުރު ރާސްތާ މިސައިލްތަކެވެ. މީގެ އިތުރަށް ވެސް ހިޒްބުﷲގެ ހަނގުރާމަވެރިންގެ އަދަދު ވެސް ނިސްބަތުން ގިނަ އެވެ.
އެ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އާއި އިސް ކޮމާންޑަރުން މަރާލެވުމުން އެ ޖަމާއަތުގެ ބާރު މިހާރު ދަށްވެފައިވާ ކަމަށް އިޒްރޭލުން ލަފާކުރެ އެވެ.
އިޒްރޭލް ސިފައިން އެއްގަމު މަގުން ލުބުނާނަށް އަރަމުންދާއިރު އެގައުމުގެ ވެރިރަށާއި އެހެން ސަރަހައްދުތަކަށް އިޒްރޭލުން ދެމުންދާ ބޮމުގެ ހަމަލާތައް ހުއްޓާނުލާ ކުރިއަށް ގެންދެ އެވެ. އަދި އެ ހަމަލާތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވެ ހާލުގައި ޖެހޭ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.
މީގެ އިތުރަށް އިޒްރޭލުން ރޭ ވަނީ ސީރިޔާގެ ވެރިރަށް ދިމިސްގަށް ވެސް ވެސް ހަތަރު ފަހަރަށް ބޮން އަޅައިފަ އެވެ.
ކޮމެންޓް