ކަތުމަންޑުއަށް ބޯކޮށް ވާރޭވެހި ބަގްމަތީ ކޯރު ފެންބޮޑުވުމުގެ ސަބަބުން ފުށް ބަސްތާއެއް ހިފައިގެން މީހަކު ދަނީ [ޕްރަކާޝް މަތެމާ/އޭއެފްޕީ]
ނޭޕާލަށް ބޯކޮށް ވާރޭވެހި ލިބުނު ގެއްލުންތައް ދެނެގަންނަން ފަށައިފި
ނޭޕާލްގެ ވެރިރަށަށް ކަތަމަންޑުއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހަލާކުވެފައިވާ ގެތައް ބަލައި ފާސްކުރުމުގެ މަސައްކަތް ސާޗު އެންޑް ރެސްކިއު ޓީމުތަކުން ފަށައިފި އެވެ.
އޮފިޝަލުން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި ނޭޕާލުގެ އެކި ހިސާބުތަކުގައި ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 193 އަށް އަރައިފަ އެވެ. އަދި އިތުރު 31 މީހަކު ގެއްލި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ކަތުމަންޑު އާއި ކަތަމަންޑޫގެ ވަށައިގެން ހުރި އަވަށްތަކަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެފައި ވަނީ ފާއިތުވި 20 އަހަރުގެ ތެރޭގައި ނުވާ ވަރަށެވެ. އަދި ބިންގަނޑު ކަނޑައިގެން ގޮސް ހައިވޭތައް ބަންދުވުމާ ގުޅިގެން ވެރިރަށާ ވަގުތީ ގޮތުން އެހެން ހިސާބުތަކާ ވަނީ ގުޅުން ކެނޑިފަ އެވެ.
"އަޅުގަނޑުމެންގެ ފޯކަސް އަކީ ހައިވޭތަކުގައި ތާށިވެފައި ތިބި މީހުން ހިމެނޭ ގޮތަށް ސާޗު އެންޑް ރެސްކިއުއެއް ހިންގުން،" ހޯމް މިނިސްޓްރީގެ ތަރުޖަމާނު ރިޝީ ރާމް ތިވާރީ ވިދާޅުވި އެވެ.
ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދެމިގެންދާ ވިއްސާރަ މޫސުމުގައި ދެކުނު އޭޝިއާގެ އެކި ސަރަހައްދުތަކުގައި ނުރައްކާތެރި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމަކީ އާންމު ކަމެއް ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެކަންކަން އިތުރަށް ގޯސްވަމުންދާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ނޭޕާލްގެ ތިންކް ޓޭންކެއް ކަމަށްވާ އިންޓަނޭޝަނަލް ސެންޓާ ފޯ އިންޓަގްރޭޓެޑް މައުންޓަން ޑިވެލޮޕްމަންޓުން ބުނީ އެ ކާރިސާ އިތުރަށް ގޯސްވެފައި ވަނީ ވެރި ރަށާ ގުޅިފައިވާ ބަގުމަތީ ކޯރުގެ ވަށައިގެން ހުރި ތަންތަން ރަނގަޅަށް ޕްލޭންކޮށް އިންތިޒާމު ކުރެވިފައި ނުވާތީ ކަމަށެވެ.
ނޭޕާލްގެ އަސްކަރިއްޔާއިން ބުނީ ހެލިކޮޕްޓަރާއި މޯޓަރު ބޯޓާއި ކަނދުފަތި ބޭނުންކޮށްގެން 4،000 އަށް ވުރެ ގިނަ މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.
ކަތުމަންޑުއަށް ވަންނަ މައި ހައިވޭތަކުގެ ގާތްގަނޑަކަށް 24 އަށް ވުރެ ގިނަ ތަންތަން ހުސްކުރުމަށް ބުލްޑޯޒަރު ބޭނުންކުރަމުން ދިޔަ އިރު، އެ މަގުތައް ވަނީ ކުނިތަކެއްގެ ސަބަބުން ބަންދުވެފަ އެވެ.
ނޭޕާލްގެ މޫސުމާ ބެހޭ އިދާރާ އިން ބުނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ނިޔަލަށް 14 އަވަށަކަށް ރެކޯޑް މިންވަރަކަށް ވާރޭ ވެހިފައިވާ ކަމަށެވެ.
ކަތުމަންޑޫ އެއާޕޯޓުގެ މޮނިޓަރިން ސްޓޭޝަނަކުން އަންދާޒާ ކުރާ ގޮތުގައި ހޮނިހިރު ދުވަހު 240 މިލިމީޓަރު (9.4 އިންޗި) ވާރޭ ވެހިފައިވާ އިރު، މިއީ 2002 ވަނަ އަހަރަށް ފަހު އެންމެ ގިނަ އިން ވާރޭ ވެހުނު ދުވަހެވެ.
ދެކުނު އޭޝިއާގެ އަހަރީ ވިއްސާރައަކީ %70-80 އާ ދެމެދުގެ އަދަދަކަށް ދަނޑުތަކަށް ބޭނުންވާ ފެން ލިބޭ މޫސުމެކެވެ. އަދި އެއީ ގާތްގަނޑަކަށް ދެ ބިލިއަން މީހުން ދިރިއުޅޭ ސަރަހައްދުގައި ދަނޑުވެރިކަމާއި ކާބޯތަކެތީގެ ބާވަތްތައް އުފެއްދުމަށް ވަރަށް މުހިންމު ވަސީލަތެކެވެ.
ނަމަވެސް މޫސުމީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ގިނަ މަރުތަކާއި ގެއްލުންތައް ލިބެ އެވެ.
ތަޖުރިބާކާރުން ބުނަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އޭގެ އަވަސް ކަމާއި ގެއްލުން އިތުރަށް ގޯސްވެފައިވާ ކަމަށެވެ.
ނޭޕާލަށް މިއަހަރު ކުރި ވިއްސާރައިގެ ކާރިސާތަކުގައި މިހާތަނަށް ވަނީ 300 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.