އިޒްރޭލުގެ ބޮމުގެ ހަމަލާއެއްގައި ލުބުނާންގެ އިމާރާތެއް ހަލާކުކޮށްލާފައި

ލުބުނާން

އިޒްރޭލް ނުހުއްޓުވުނު؛ ލުބުނާނަށް ބޮން އަޅައި މީހުން މެރުން ކުރިއަށް

އިޒްރޭލުން ލުބުނާނަށް ދޭން ފެށި ހަމަލާތަކުގައި މަރާލާފައިވާ މީހުންގެ އަދަދު 1،000 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު ގެދޮރު ގެއްލި މިލިއަނެއްހާ މީހުން ވަނީ ހާލުގައި ޖެހިފައި
30 ސެޕްޓެމްބަރު 2024

އެމެރިކާ ހިމެނޭ ގޮތުން ހުޅަނގުގެ ގައުމުތަކުން ހުށަހެޅި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އިޒްރޭލުން ދެކޮޅު ހަދައި ލުބުނާނަށް ދެމުން ގެންދާ ހަމަލާތައް އެ ގައުމުން އިތުރުކޮށް ވަރުގަދަކޮށްފި އެވެ. 

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުން ވަނީ ލުބުނާންގެ ވެރިރަށް ބެއިރޫތުގެ ކާރޫބާރޫ ބޮޑު ސަރަހައްދަކަށް ވެސް ބޮން އަޅައިފަ އެވެ. މިއީ އިޒްރޭލުގެ ހަމަލާތައް ލުބުނާނަށް ދޭން ފެށިފަހުން ވެރިރަށް ބެއިރޫތުގެ އެތެރެއަށް އިޒްރޭލުން ހަމަލާތަކެއް ދިން ފުރަތަމަ ފަހަރެވެ. މީގެ ކުރިން އިޒްރޭލުން ހަމަލާތައް ދެމުން ދިޔައީ ރަށްފުށު ސަރަހައްދުތަކަށާއި ބެއިރޫތުގެ ބޭރު ސަރަހައްދުތަކަށެވެ. 

އިޒްރޭލުގެ ހަމަލާތައް އަންނަނީ މުޅި ލުބުނާންގެ އެކި ސަރަހައްދުތަކަށް މެދުނުކެނޑި އަމާޒުކުރަމުންނެވެ. އެންމެ ފަހުން ވެރިރަށުގެ އެތެރެއަށް ވެސް ހަމަލާތައް ދޭން ފެށުމުން މުޅި ލުބުނާނަށް ވަނީ ހަނގުރާމައިގެ ބިރުވެރިކަން ފެތުރިފަ އެވެ. 

ލުބުނާންގެ ހެލްތް މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ 24 ގަޑިއިރު ތެރޭ އިޒްރޭލުން އެ ގައުމަށް ދިން ހަމަލާތަކުގައި 105 މީހަކު ވަނީ މަރާލައިފަ އެވެ. އަދި 359 މީހަކު ޒަހަމްވެފައިވެ އެވެ. ލުބުނާންގެ ސަރުކާރުން ބުނީ އިޒްރޭލުގެ ހަމަލާތައް އަމާޒުވަމުން ދަނީ އާންމުން ދިރިއުޅޭ އިމާރާތްތަކަށް ކަމަށެވެ. އަދި މިއީ އިޒްރޭލުން ހިންގާ ގަތުލުއާންމެއްގެ ގޮތުގައި ވެސް އެގައުމުގެ ސަރުކާރުން ވަނީ ހަމަލާތައް ސިފަކޮށްފަ އެވެ.

އިޒްރޭލުން ބުނަނީ އެ ގައުމުން ހަމަލާތައް ދެމުން ދަނީ ލުބުނާންގެ ނުފޫޒުގަދަ ހިޒްބުﷲ ޖަމާއަތުގެ ލީޑަރުންނަށާއި އެހެން ވެސް ހަނގުރާމަވެރި ޖަމާއަތްތަކުގެ ވެރިން ދިރިއުޅޭ ތަންތަނަށާއި އެ ގުރޫޕްތަކުން ހަތިޔާރު ފޮރުވާފައިވާ ތަންތަނަށް ކަމަށެވެ. 

މިދިޔަ 24 ގަޑިއިރުގެ ހަމަލާތަކުގައި ލުބުނާންގައި ދިރިއުޅެމުން ދިޔަ ހަމާސް ޖަމާއަތުގެ ލީޑަރާއި އޭނާގެ މުޅި އާއިލާ ވެސް އިޒްރޭލުން ވަނީ މަރާލައިފަ އެވެ. އަދި އިޒްރޭލުގެ ކިބައިން ފަލަސްތީނު މިނިވަންކުރުމަށް ހަނގުރާމަކުރާ ޖަމާއަތެއްކަމަށްވާ ޕޮޕިއުލާ ފްރޮންޓް އޮފް ލިބަރޭޝަން އޮފް ޕަލަސްދީން (ޕީއެފްއެލްޕީ)ގެ އިސް ތިން ކޮމާންޑަރަކު ވެސް ވަނީ މަރާލައިފަ އެވެ. 

އިޒްރޭލުގެ ހަމަލާތަކުގައި ލުބުނާނުން މަރުވި މީހުންގެ އަދަދު 1،000 އަށް ވުރެ މައްޗަށް ވަނީ ގޮސްފަ އެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 6،000 އަށް ވުރެ މައްޗަށް ވަނީ ގޮސްފަ އެވެ. އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ބިރުން ގެދޮރު ދޫކޮށް ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު މިލިއަނަކާ ގާތްކުރާނެ ކަމަށް އެ ގައުމުގެ ވަގުތީ ބޮޑު ވަޒީރު ވަނީ އިއްޔެ ވިދާޅުވެފަ އެވެ. 

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިޒްރޭލުން ބެއިރޫތުގެ ރަށް ބޭރަށް ދިން ހަމަލާތަކެއްގައި ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ ވަނީ އަވަހާރަކޮށްލައިފަ އެވެ. އެކަމާ ގުޅިގެން އީރާން ހިމެނޭ ގޮތުން މެދުއިރުމަތީގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވަނީ ހީވެފަ އެވެ. ހިޒްބުﷲ އާއި އިރާނުން ވެސް ވަނީ އެ ހަމަލާގެ ބަދަލު ހިފާނެ ކަމަށް ބުނެފަ އެވެ.

އިޒްރޭލުން އިއްޔެ ވަނީ ޔަމަނަށް ވެސް ބޮން އަޅައިފަ އެވެ. އެގޮތުން ޔަމަނުގެ މުހިންމު ބަނދަރަކަށާއި ތެޔޮ ރައްކާކުރާ ތަންތަނަށް ވަނީ ހަމަލާދީފަ އެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް