ސްރީ ލަންކާގެ މަސްވެރިންތަކެއް މަސައްކަތުގައި: އެ ގައުމުގެ އާ ރައީސް ވަނީ މަސްވެރިންނަށް ތެލުގެ ސަބްސިޑީއެއް ތައާރަފްކުރަން ނިންމަވާފައި

ސްރީ ލަންކާ

ލަންކާގައި މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދީ ދަނޑުވެރިންގެ އިނާޔަތް ބޮޑުކުރަނީ

އެ ސަބްސިޑީތައް އިއުލާން ކުރީ ކުރީގެ ރައީސް ރަނިލް ނަމަވެސް އިންތިހާބުގެ ދުވަސްވަރު ކަމަށްވުމުން އެ އިނާޔަތްތައް ދިނުން އިލެކްޝަންސް ކޮމިޝަނުން ހުއްޓުވި
29 ސެޕްޓެމްބަރު 2024

އަންނަ މަހުން ފެށިގެން ސްރީ ލަންކާގެ މަސްވެރިންނަށް ތެލުގެ ސަބްސިޑީއެއް ދިނުމަށާއި ދަނޑުވެރިންނަށް މިހާރު ދެމުން އަންނަ އިނާޔަތް ވެސް އިތުރަށް ބޮޑުކުރާނެކަން އެ ގައުމުގެ އާ ރައީސް އަނޫރާ ކުމާރަ ދިސަނެޔަކާ އިއުލާންކުރައްވައިފި އެވެ. 

އޭނާގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓުތަކެއްގައި އިއުލާން ކުރެއްވި ގޮތުގައި އަންނަ މަހުގެ 1އިން ފެށިގެން: 

  • ދުވަހު މަސްވެރިކަމަށް ނިކުންނަ އުޅަނދުތަކަށާއި ގިނަ ދުވަހަށް މަސްވެރިކަމަށް ނިކުންނަ އުޅަނދުތަކަށް ތެލުގެ ސަބްސިޑީއެއް ދޭނެ، އެ ފައިސާ ޖަމާކުރާނީ މަސްވެރިންގެ ބޭންކު އެކައުންޓަށް މަހަކު އެއްފަހަރު 

  • ގޮވާމުގެ ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ހެކްޓަރަކަށް 15،000 ލަންކާ ރުޕީސްގެ މަގުން މިހާރު ދެމުން އަންނަ ގަސްކާނާގެ ސަބްސިޑީ 25،000 ރުޕީސްއަށް ބޮޑުކުރާނެ

އެ ސަބްސިޑީތައް ދޭން ނިންމީ އިންތިހާބުގައި ނާކާމިޔާބުވި ކުރީގެ ރައީސް ރަނިލް ވިކްރަމަ ސިންހަގެ ސަރުކާރުން މިދިޔަ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އެހެން ނަަމަވެސް އެއީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ކަމަށްވުމުން އެ ސަބްސިޑީތައް ދިނުން އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން އޮތީ ހުއްޓުވާފަ އެވެ. 

ކުރީގެ ވެރިންނަށް ދިން ވެހިކަލްތައް އަތުލައިފި

ރައީސް އަނޫރާ މިހާރު ވަނީ ކުރީގެ ވެރިންނަށް ސަރުކާރުން ދީފައިވާ ވެހިކަލްތައް އަނބުރާ ހަވާލުކުރަން ވެސް އަންގަވައިފަ އެވެ. އަދި އެގޮތަށް ނަގާ ވެހިކަލްތައް ސަރުކާރުން ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ދިނުމަށް ބޭނުން ކުރުމަށް ވެސް ނިންމެވިކަން އެމަނިކުފާނު ވަނީ އިއުލާން ކުރައްވައިފަ އެވެ. 

މީގެ އިތުރަށް އަނޫރާ ވަނީ ލަންކާއަށް ދުވަހުން ދުވަހަށް ބޭނުންވާ ހަކަތަ މެދުނުކެނޑި ލިބޭނޭކަން ޔަގީންކުރުމުގެ ގޮތުން އެކަށީގެންވާ މިންވަރަކަށް ތެލާއި ގޭހުގެ ރިޒާވެއް ބެހެއްޓުމަށް ފިޔަވަޅުތަކެއް އަޅަން ނިންމައިވައިފަ އެވެ. އެ ސިޔާސަތުގެ ދަށުން އިންޑިއާ ސަރުކާރުގެ އެހީގައި އެ ގައުމަށް ލިބިފައިވާ 800 ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއު އަވަހަށް ފެށުމަށް ވެސް ރައީސް އަނޫރާ ވަނީ ނިންމަވައިފަ އެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް