ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ ކުރިން ޓީވީގަައި ދެއްވި ތަގުރީރެއްގައި
ހިޒްބުﷲއާ ދެކޮޅަށް އިޒްރޭލުން ދެމުން އަންނަ ވަރުގަދަ ހަމަލާތަކުގައި އެ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލައިފި ކަމަށް އިޒްރޭލުން މިއަދު ބުނެފި އެވެ. އަދި ހިޒްބުﷲއިން އެކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ރޭ އިޒްރޭލުން ވަނީ ބެއިރޫތަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެއީ ނަސްރުﷲ ހުންނެވި ތަން އެނގިގެން އިޒްރޭލުން ދިން ހަމަލާތަކެކެވެ.
އިޒްރޭލުން ބުނީ ބެއިރޫތުގައި ހުންނަ ހިޒްބުﷲގެ މައި މަރުކަޒަަށް ދިން ހަމަލާގައި ނަސްރުﷲގެ އިތުރުން އެހެން އިސް ބޭފުޅެއް ކަމަށްވާ އަލީ ކަރާކީ ވެސް އަވަހަރާވި ކަމަށެވެ.
މިދިއަ ހޯމަދުވަހުން ފެށިގެން އިޒްރޭލުން ގެންދަނީ ދެކުނު ލުބުނާނަށާއި ބެއިރޫތަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތަކުގައި މިހާތަނަށް 800އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ލުބުނާންގެ ސިއްހީ އިދާރާތަކުން ބުނެ އެވެ.
ހަމާސްއާ ދެކޮޅަށް ގާޒާއަށް އިޒުރޭލުން ހަމަލާ ދޭން ފެށުމާ އެކު ހިޒްބުﷲއިން އަންނަނީ އުތުރު އިޒްރޭލަށް ރޮކެޓްތައް ފޮނުވަމުންނެވެ. އޭގެ ސަބަބުން އުތުރު އިޒްރޭލުން 60،000އަށް ވުރެ ގިނަ މީހުން ވަނީ އެހެން ހިސާބުތަކަށް ގޮސްފަ އެވެ.
އިޒްރޭލުން ބުނާ ގޮތުގައި އެ އެންމެން އެނބުރި ގެދޮރަށް ދެވޭހާ އަމާން ސަރަހައްދަކަށް އުތުރު އިޒްރޭލް ހެދެންދެން ހިޒްބުﷲއާ ދެކޮޅަށް ހަމަލާ ދޭނެ އެވެ. އެއްގަމު މަގުން ސިފައިން އަރަން ޖެހުނަސް ތިބީ ތައްޔާރަށް ކަމަށް އިޒްރޭލުން ބުނެ އެވެ.
އެކަމަކު މިއީ ގާޒާ ފުނޑާލުމަށް ފަހު ލުބުނާން ވެސް ފުނޑާލުމުގެ އަމަލެއް ކަމަށް، ލުބުނާންގެ ރައްޔިތުން ދެކެ އެވެ. އެހެންކަމުން ދެކުނު ލުބުނާން ދޫކޮށް އެތައް ހާސް ބަޔަކު މިހާރު ވަނީ އެހެން ހިސާބުތަކަށް ގޮސްފަ އެވެ.
އިޒްރޭލުން އޭނާއަށް ހަމަލާދީފާނެތީ ނަސްރުﷲ އާންމުންގެ ތެރެއަށް ނުކުންނަވައިގެން ނޫޅުއްވާތާ ވެސް މިހަރު އެތައް އަހަރެއް ވެއްޖެ އެވެ.
އީރާނުން ހަތިޔާރާއި މާލީ އެހީތެރިކަން ލިބޭ ހިޒްބުﷲގެ ލީޑަރަަށް ވުމުގެ އިތުރުން އޭނާއަކީ މެދުއިރުމަތީގެ ވެސް އެންމެ ނުފޫޒު ގަދަ އެއް ލީޑަރެވެ.
ކޮމެންޓް (1)
ފިރާޒް