އައިއެމްއެފްގެ ލޯނުތަކަށް ބަރޯސާވެ، ޕާކިސްތާނުން ކުރަން ހުރިކަންކަން ވަރަށް ގިނަ
ޕާކިސްތާނަށް 7 ބިލިއަން ޑޮލަރުގެ ލޯނެއް ދޫކުރުމަށް އައިއެމްއެފުން ފާސްކޮށްފި
ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ޕާކިސްތާނަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން 7 ބިލިއަން ޑޮލަރުގެ ލޯނެއް ދޭން ފާސްކޮށްފި އެވެ.
އެއްބަސްވުމުގައިވާ ގޮތުން އެ ލޯނުގެ ފުރަތަމަ ބައި، 1 ބިލިއަން ޑޮލަރު ވަގުތުން އެ ގައުމަށް ދޭން ޖެހެ އެވެ. ބާކީ އަނެއް 6 ބިލިއަން ޑޮލަރު ދޫކުރަން ޖެހެނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގަ އެވެ.
ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ މި ނިންމުމަށް މަރުހަބާ ވިދާޅުވެ، އައިއެމްއެފްގެ ވެރިޔާ ކްރިސްޓަލީނާ ޖޯޖީވާ އާއި އެކަމަނާގެ ޓީމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ވޭތުވެ ދިޔަ 66 އަހަރު، 1958 އިން ފެށިގެން ޕާކިސްތާނަށް ވަނީ އައިއެމްއެފުން 20 އަށް ވުރެ ގިނަ ލޯނު ނަގައިފަ އެވެ. ޕާކިސްތާނަކީ މިހާރު ފަސް ވަނައަށް އެންމެ ބޮޑު ދަރަނިވެރި ގައުމެވެ.
އައިއެމްއެފުން ބުނީ އާ ޕްރޮގްރާމާ އެކު އިގްތިސާދު ހަމައަކަށް އެޅުމަށާއި އިގްތިސާދު ހަރުދަނާ ކުރުމަށް "ހަރުދަނާ ސިޔާސަތުތަކާއި އިސްލާހުތަކެއް ގެންނަން ޖެހޭނެ" ކަމަށެވެ.
ޕާކިސްތާނުން ބުނީ މިއީ އެ ގައުމުން ބައިނަލްއަގުވާމީ ބޭންކުން ނަގާނެ އެންމެ ފަހު ލޯނަށް ވާނެ ކަމަށެވެ.
އައިއެމްއެފުގެ އެއްބަސްވުމާ އެކު އިސްލާމްއާބާދުން ވަނީ އާންމުންނާއި ވިޔަފާރިތަކުން ނަގާ ޓެކްސްގެ އަދަދު އިތުރުކުރުން ފަދަ މަގުބޫލު ނޫން ގިނަ ފިޔަވަޅުތަކަކަށް އެއްބަސްވެފަ އެވެ.
އައިއެމްއެފްގެ ލޯނުތަކަށް ބަރޯސާވެ، ޕާކިސްތާނުގައި، އެތައް ޒަމާނެއް ވަންދެން ދިގުލައިގެން ގޮސްފައިވާ މައްސަލަތައް ބައިވަރެވެ.
މިދިޔަ އަހަރު އެ ގައުމު އޮތީ ދަރަނި ނުދެއްކުމުގެ ނުރައްކަލަށް ވެއްޓި، އިމްޕޯޓްގެ އެއް މަސް ދުވަހަށް ފައިސާ ދެއްކޭވަރަށް ބޭރު ފައިސާގެ އަދަދު މަދުވެފަ އެވެ.
އައިއެމްއެފުން ޕާކިސްތާނަށް 3 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ދޭން 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފާސްކުރި އެވެ. އަދި އެކުވެރި ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް އެ ގައުމަށް ފައިސާ ލިބުނެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަރީފް އޭރު ވިދާޅުވީ އެ ބެއިލްއައުޓަކީ އިގްތިސާދު ހަމައަކަށް އެޅުވުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ކޮމެންޓް