ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ.
ލަންކާއިން އައިއެމްއެފްއާ އެކު އަވަހަށް މަޝްވަރާތައް ފަށާނަން: ރައީސް
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ސްރީ ލަންކާއަށް ނަގާފައިވާ 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖު އަލުން މުރާޖައާ ކުރުމުގެ މަޝްވަރާތައް "ވަގުތުން" އަލުން ފެށުމަށް ލަންކާގެ އާ ރައީސް އަނޫރާ ކުމާރަ ދިސަނެޔަކާ ރޭ ގޮވާލައްވައިފި އެވެ.
"އިންޓަނޭޝަނަލް މަނިޓަރީ ފަންޑާ އެކު މިހާރުން މިހާރަށް މަޝްވަރާތައް ފަށަން ވިސްނަން،" ގައުމާ މުހާތަބުކޮށް ޓީވީ މެދުވެރިކޮށް ރޭ އަނޫރާ ދެއްކެވި ވާހަކައިގައި ވިދާޅުވި އެވެ.
ދިހަ މިނިޓުގެ ހިތޯބުގައި އޭނާ ވިދާޅުވީ ބައިނަލްއަގްވާމީ ސޮވެރިން ބޮންޑުތައް ރީސްޓްރަކްޗާކޮށް، އިތުރު ލުއިތަކެއް ހޯދައިދިނުމުގެ އެއްބަސްވުމެއް ވެސް ނިންމަން ބޭނުންވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި، ކަމާ ބެހޭ ކްރެޑިޓަރުންނާ އެކު މަޝްވަރާކޮށް، އެ މަސައްކަތް އަވަސްކޮށް، ބޭނުންވާ ދަރަންޏަށް ލުޔެއް ހޯދައިދިނުމަށް މިދަނީ މަސައްކަތް ކުރަމުން،" އަނޫރާ ވިދާޅުވި އެވެ.
އަނޫރާ އެ ވާހަކަ ދެއްކެވީ އަލުން މަޝްވަރާތައް ފެށުމަކީ އެންމެ ފަހު ގޮތް ކަމަށް އައިއެމްއެފުން ބުނެފައި ވަނިކޮށެވެ. ނަމަވެސް ބައިނަލްއަގުވާމީ ލޯނު ދޭ ބޭންކުން ބުނީ އާ ސަރުކާރާ އެކު އެ ބޭންކްގެ ބެއިލްއައުޓްއާ ބެހޭ ގޮތުން މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަމަށެވެ.
"ރައީސް ޑިސަނަޔަކައާ އެކު މަސައްކަތް ކުރަން އުންމީދު ކުރަން... އިގްތިސާދީ ކުރިއެރުމުގެ މަގަށް ސްރީ ލަންކާ ގެނައުމަށް އެހީތެރިވެދިން ބުރަ މަސައްކަތުން ހޯދާފައިވާ ކާމިޔާބީތައް ކުރިއަށް ގެންދަން،" އައިއެމްއެެފުގެ ތަރުޖަމާނު ވިދާޅުވި އެވެ.
"އައިއެމްއެފްގެ އެހީގައި ކުރިއަށްގެންދާ ޕްރޮގްރާމްގެ ތިންވަނަ ރިވިއު ކުރިއަށް ގެންދާނެ ވަގުތާ ބެހޭ ގޮތުން އަޅުގަނޑުމެން އާ ސަރުކާރާ އެކު ވީހާ ވެސް އަވަހަކަށް މަޝްވަރާކުރާނަން."
ލަންކާއަށް 2022 ވަނަ އަހަރު ކުރިމަތިވި އިގުތިސާދީ ކާރިސާގެ ސަބަބުން އޭރު އެ ގައުމުގެ ރައީސް ވަނީ މަގާމުން ދުރުކޮށްފަ އެވެ. އެއާ އެކު ފެނިގެން ދިޔައީ "ކޮރަޕްޓް" ސިޔާސީ ސަގާފަތް ބަދަލުކުރާނެ ކަމުގެ ވައުދާ އެކު، އަނޫރާގެ މަގުބޫލުކަން އިތުރުވެގެން ދިޔަ ތަނެވެ. އަދި އެކަން ވެގެން ދިޔައީ ވާތުފިޔައިގެ އަނޫރާއަށް ލިބުނު ފުރުސަތެކެވެ.
މިދިޔަ އަންގާރަ ދުވަހު އަނޫރާ ވަނީ އޭނާގެ ޕާޓީއަށް ތިން ގޮނޑި އޮތް 225 މެމްބަރުންގެ މަޖިލިސް އުވާލައި ނޮވެމްބަރު މަހަށް އާ އިންތިހާބެއް ބޭއްވުމަށް ނިންމަވާފަ އެވެ.
ކޮމެންޓް