ސްރީލަންކާގެ ރައީސް އަދި ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރަނިލް ވިކްރަމަސިންހަގެ ސަޕޯޓަރުން އިންތިހާބީ އެއްވުމެއްގެ ތެރެއިން (ފޮޓޯ: އިޝާރާ އެސް. ކޮޑިކަރާ / އޭއެފްޕީ)

ސްރީ ލަންކާ

ސްރީ ލަންކާގައި އާ ރައީސަކު ހޮވަން ވޯޓުލާން ފަށައިފި

21 ސެޕްޓެމްބަރު 2024

މީގެ ދެ އަހަރު ކުރިން 2022 ވަނަ އަހަރު ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ކާރިސާއަށް ފަހު، އެ ގައުމުގައި ބާއްވާ ފުރަތަމަ ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

މި ފަހަރުގެ ވޯޓުގައި 17 މިލިއަން މީހުންނަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ. އަދި ގާތްގަނޑަކަށް 13،400 އަށް ވުރެ ގިނަ ވޯޓުލާ މަރުކަޒުގައި އެ މީހުން މިއަދު ވޯޓުލާނެ އެވެ.

މިއަދު ހެނދުނު 7:00 އިން ފެށިގެން ހަވީރު 4:00އާ ހަމައަށްދާ ވޯޓުލުން އިންތިޒާމު ކުރުމަށް 200،000 އަށް ވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވެ އެވެ. އަދި އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓަން 63،000 ފުލުހުން ހަރަކާތްތެރިވެ އެވެ. އަދި 38 ކެންޑިޑޭޓަކު ވާދަ ކުރާ އިންތިހާބުގެ ނަތީޖާ ލިބޭނެ ކަމަށް ލަފާ ކުރަނީ މާދަމާގެ ވަގުތެއްގަ އެވެ. 

މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ، 75، މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ފަސް އަހަރުގެ ދައުރަކަށް ވާދަކުރައްވަނީ އިގްތިސާދީ ހީނަރުކަމުން ގައުމު ނެރުމަށް ކުރެއްވި މަސައްކަތުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށެވެ.

އިންތިހާބުގައި ކުރީ ސަފުގައި ވާދަ ކުރައްވާ ތިން ކެންޑިޑޭޓުންނަކީ ވިކްރަމަސިންހާ އެކު ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ)ގެ އަނޫރާ ކުމާރާ ޑިސާނަޔަކަ، 56، އާއި ސަމާގީ ޖަނާ ބަލަވެގަޔާ (އެސްޖޭބީ) އަދި އިދިކޮޅު މައި ލީޑަރު ސަޖިތު ޕްރޭމަދާސާ، 57، އެވެ.

މީގެ ދެ އަހަރު ކުރިން 2022 ވަނަ އަހަރު ސްރީ ލަންކާ އިގްތިސާދީ ބޮޑު އަނދަވަޅަށް ވެއްޓުމާ އެކު، އަދި ރައްޔިތުން ކެކި އުތުރި އެރުމުން ކެތް ނުކެރިވެން އޭރުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ވަނީ ގައުމު ދޫކޮށް ފިއްލަވައިފަ އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ބެއިލްއައުޓް ޕެކެޖާ އެކު ހަރުކަށި އިސްލާހުތަކާ ގުޅިފައިވާ ވިކްރަމަސިންހަގެ ރިކަވަރީ ޕްލޭނަކީ މަގުބޫލު ޕްލޭނަކަށް ނުވިއަސް، އެކަމުގެ ސަބަބުން ސްރީލަންކާ އަށް ވަނީ އެ ނުތަނަވަސްކަމުން އަރައިގަތުމަށް މަގުފަހިވެ އެވެ.

ސްރީލަންކާ އަށް ކުރިމަތިވި އެ ކާރިސާއަކީ އަނޫރާއަށް ލިބުނު ފުރުސަތެކެވެ. އަދި އެ ގައުމުގައި އަށަގެންފައިވާ ކޮރަޕްޓް ސިޔާސީ ސަގާފަތް ބަދަލުކުރައްވާނެ ކަމުގެ ވައުދާ އެކު އޭނާގެ ތާއީދު ވަނީ އިތުރުވެފަ އެވެ.

މިފަހަރުގެ އިންތިހާބުގައި ބައި މަދު ތަމަޅައިންގެ މައްސަލަ އަކީ މައިގަނޑު ތިން ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓެއްގެ އެޖެންޑާގައި އޮތް މައްސަލައެއް ނޫނެވެ.  އޭގެ ބަދަލުގައި ގައުމުގެ އިގުތިސާދު އަލުން ކޮޅަށް ޖެހުމަށް ވައުދުވެ، އައިއެމްއެފްގެ ބެއިލް އައުޓް ޕެކޭޖުގެ ތެރޭގައި ދެމިތިބޭނެ ކަމަށް އެންމެ ކުރީސަފުގައި ތިއްބެވި ތިން ބޭފުޅުން ވެސް ވައުދުވެވަޑައިގަންނަވަ އެވެ.

އަނޫރާ އާއި ސަޖިތުގެ ވައުދަކީ އައިއެމްއެފްގެ ޕްރޮގްރާމަށް ބަދަލު ގެނެސް ރައްޔިތުންނަށް އިގްތިސާދީ ގޮތުން އިތުރު ލުޔެއް ހޯދައިދިނުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް