އިންޑިއާ އިން ވެރިކަން ކުރާ ކަޝްމީރުގައި އިއްޔެ ބަޔަކު ވޯޓުލާން ކިޔޫގައި ތިބި އިރު އިންޑިއާގެ ސަލާމަތީ ބާރުތަކުން ބަލަހައްޓައިގެން [ތައުސެފް މުސްތަފާ/އޭއެފްޕީ]

ކަޝްމީރު

އިންޑިއާގެ ކަޝްމީރުގެ އަމިއްލަ ވަންތަންކަން ނިގުޅައިގަތް ފަހުން ބާއްވާ ފުރަތަމަ އިންތިހާބުގައި ވޯޓުލާން ފަށައިފި

19 ސެޕްޓެމްބަރު 2024

އިންޑިއާ އިން ވެރިކަން ކުރާ ކަޝްމީރު ފަޅީގައި ފަސް އަހަރުގެ ތެރޭ ބާއްވާ ފުރަތަމަ ސަރަހައްދީ އިންތިހާބުގައި ވޯޓުލާން ފަށައިފި އެވެ.

މީގެ ފަސް އަހަރު ކުރިން، 2019 ވަނަ އަހަރު ކަޝްމީރުގެ ސެމީ އޮޓޮނަމީގެ ދަރަޖަ ގެއްލުނު ފަހުން އެ ސަރަހައްދުގައި ފުރަތަމަ ފަހަރަށް ބާއްވާ ލޯކަލް ގަވާމަންޓް އިންތިހާބެއްގައި ވޯޓުލުމަށް ކަޝްމީރުގެ ރައްޔިތުން ވަނީ ވޯޓުލާ މަރުކަޒުތަކުގެ ބޭރުގައި ސަފު ހަދައިފަ އެވެ.

ހިމާލިޔަން ސަރަހައްދުގެ ގާނޫނު ހަދާ މަޖިލީހުގެ 90 ގޮނޑިއަށް މެންބަރުން ހޮވުމަށް ނުވަ މިލިއަން މީހުން ވަނީ ވޯޓުމަށް ރަޖިސްޓްރީކޮށްފަ އެވެ. އިއްޔެ ފެއްޓި ފުރަތަމަ ފިޔަވަހީގެ ވޯޓަށް ފަހު ދެވަނަ އަދި ތިންވަނަ ބުރު އޮންނާނީ މި މަހުގެ 25 އަދި އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު އެވެ. ވޯޓު ގުނާނީ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ކަމަށާއި އެ ދުވަހު ނަތީޖާ ލިބޭނެ ކަމަށް ބެލެވެ އެވެ.

ކަޝްމީރުގެ ސިޔާސީ އެނަލިސްޓް ޝެއިހު ޝައުކަތު ހުސައިން އަލްޖަޒީރާއަށް ވިދާޅުވީ މި އިންތިހާބަކީ މުހިންމު އިންތިހާބެއް ކަމަށާއި މި އިންތިހާބު މުހިންމު ވަނީ އެ ސަރަހައްދުގެ ތާރީހީ ހާއްސަ ދަރަޖަ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އުވާލެއްވުން ފަދަ "އެއް ދަރަޖައެއްގެ އިންތިހާބަކަށް" މި އިންތިހާބުވެފައިވާތީ ކަމަށެވެ.

މޯދީ އުވާލެއްވި، އިންޑިއާގެ ހަމައެކަނި މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ، ކަޝްމީރު ހާއްސަ ދަރަޖަ މިދިޔަ އަހަރު އެ ގައުމުގެ ސުޕްރީމް ކޯޓުން ތާއީދު ކުރުމާ އެކު އެ ސަރަހައްދުގެ ރައްޔިތުންގެ ރުޅިވެރިކަމާއި އެ ސަރަހައްދުގައި ހިންދޫންގެ އަގުލަބިއްޔަތެއް އުފައްދައިފާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ.

މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ސަރުކާރުން ބުނެފައިވަނީ އެ ސަރަހައްދުގެ ހާއްސަ ދަރަޖައިން ސަލާމަތްވުމުން އެ ސަރަހައްދު އާންމު ހާލަތަށް ރުޖޫއަވެ، އެ ސަރަހައްދުގެ ތަރައްގީއަށް އެހީވި ކަމަށެވެ.

ބޮޑުވަޒީރު ވަނީ "ޑިމޮކްރަސީގެ ފެސްޓިވަލް ހަރުދަނާ ކުރުމަށް" ގިނަ އަދަދެއްގެ ބަޔަކު ވޯޓުލުމަށް ނުކުތުމަށް ކަޝްމީރުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ކަޝްމީރުގެ މިނިވަންކަމަށް ތާއީދުކުރާ ހަތިޔާރު އެޅި ޖަމާއަތްތަކުން މީގެ ކުރީގެ އިންތިހާބުތަކުގައި ނުކުމެ ވަނީ ހަމަނުޖެހުން ހިންގައިފަ އެވެ. އަދި އެއާ އެކު ވޯޓުލާ މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ. ނަމަވެސް މިދިޔަ އޭޕްރީލް މަހާއި މެއި މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، 35 އަހަރުގެ ތެރޭގައި އެންމެ ގިނަ މީހުން ވޯޓުލި އެ ސަރަހައްދުގައި، %58.46 މީހުން ވޯޓުގައި ބައިވެރިވި އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1947 ވަނަ އަހަރުން ފެށިގެން ވެސް އޮންނަ މައްސަލައަކީ ކަޝްމީރުގެ މައްސަލަ އެވެ. އެ ދެ ގައުމުން ވެސް އެ ސަރަހައްދުގެ ފުރިހަމަ މިލްކުވެރިކަމަށް ދައުވާ ކުރެ އެވެ. އަދި ދެ ގައުމުގެ ދޭތެރޭ ތިން ހަނގުރާމައެއް ކުރުމަށް ފަހު ދެ ގައުމުން ވެސް އެ ސަރަހައްދުގެ ބައެއްގައި މިހާރު ވެރިކަން ކުރެ އެވެ.

މައްސަލައަކީ ކޮބާ؟

ކަޝްމީރުގެ ލޯކަލް އިންތިހާބުގައި ސަރަހައްދީ ޕާޓީތަކުން ވާދަކުރަނީ އެ ގައުމުގެ ހާއްސަ ދަރަޖަ އަލުން ހޯދައިދޭނެ ކަމަށް ބުނެ އަދި ސަރަހައްދީ ގޮތުން ފާހަގަކޮށްލެވޭ ގްރޫޕަކާ ގުޅިފައިވާ އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ކޮންގްރެސް ޕާޓީ އެވެ.

އަމިއްލަ މައްސަލަތަކަށް ބަހުސްކުރުމާއި ގާނޫނުތައް ހެދުމާއި އެ ސަރަހައްދު ހިންގުމަށް ޓަކައި ނިންމުންތައް ފާސްކުރުމުގެ ބާރު ގާނޫނު ހަދާ މަޖިލިހަށް ލިބިގެންވެ އެވެ.  އެހެންނަމަވެސް އެއީ ސަރަހައްދީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫނެކެވެ. 

ބީޖޭޕީން ދަނީ ތަރައްގީ ގެނައުމަށާއި "ހަރުކަށި ފިކުރު" ދާއިމީކޮށް ނިމުމަކަށް ގެނައުމަށް ބާރު އަޅަމުންނެވެ.

ކަޝްމީރުގެ ގިނަ ޒުވާނުންތަކެއް ދުރު އިންޑިއާގެ ޖަލުތަކުގައި ޖަލަށްލުމާއި މަސްތުވާތަކެތީގެ ވަބާ އިންތިހާއަށް އިތުރުވުމާއި ވަޒީފާ ނެތް މީހުން ފަދަ އެތެރޭގެ ގޮންޖެހުންތަކަކީ ބޮޑެތި މައްސަލަތަކެކެވެ.

ކަޝްމީރުގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް %18.3 އަށް އަރާ އިރު، މިއީ ގައުމީ އެވްރެޖަށް ވުރެ ދެގުނަ އިތުރު އަދަދެކެވެ.

"އަޅުގަނޑު ވޯޓުދޭނީ ވަޒީފާގެ މައްސަލަތަކަށް ބަދަލު އަންނާނެ ކަމަށް ނުވަތަ ޖަލުތަކުގައި ތިބި އެތައް ބަޔަކު މިނިވަން ކުރުމަށް އެހީތެރިވެދޭނެ ކަމަށް އުއްމީދުކޮށްގެން،" ދަރިވަރަކު ބުންޏެވެ. "ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ކޮންމެ މީހަކަށް ވެސް ބޮޑު ތަކުލީފެއް ލިބިއްޖެ، ކަންކަން ބަދަލުވެދާނެ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް