ސެޕްޓެމްބަރު 5، 2024ގައި ޔޫއެންއޭވީފޯ އެސްޕައިޑްސް އިން ދިން މި ފޮޓޯއިން ފެންނަނީ ރަތް ކަނޑުގެ ހުޑެއިދާގެ އައްސޭރިފަށުން ގްރީސްގެ ދިދަ ޖެހި ތެޔޮ ޓޭންކަރު ސޯނިއަންގައި ދުމާއި އަލިފާން ރޯވެފައިވާ މަންޒަރު
ޓޭންކަރު ޓޯކޮށް ރަތް ކަނޑަށް ތެޔޮ ލީކުވިޔަ ނުދިނުމުގެ އޮޕަރޭޝަން ފަށައިފި
މިދިޔަ މަހު ހޫތީ ހަނގުރާމަވެރިން ދިން ހަމަލާއަކާ ގުޅިގެން ރަތް ކަނޑުގައި ތާށިވެފައި އޮތް، ގްރީސްގައި ރަޖިސްޓްރީކޮށްފައިވާ ތެޔޮ ޓޭންކަރު ސަލާމަތް ކުރުމުގެ އޮޕަރޭޝަން ފަށާފައިވާ ކަމަށް ޝިޕިން ކުންފުންޏަކުން ބުނެފި އެވެ.
މިދިޔަ މަހު 21ގައި ތަކުރާރުކޮށް ހަމަލާދިނުމަށް ފަހު އަލިފާން ރޯވި 900 ފޫޓުގެ އެމްވީ ސޯނިއަން ސަލާމަތަށް ޓޯކުރުމަކީ ނުރައްކާތެރި އޮޕަރޭޝަނެއްގެ ފުރަތަމަ ފިޔަވަޅެވެ.
ދެވަނަ ފިޔަވަޅަކީ އެ އުޅަނދުގައި ހުރި ގާތްގަނޑަކަށް އެއް މިލިއަން ފީފާގެ ތެޔޮ އެހެން އުޅަނދަކަށް ބަދަލުކުރުން ކަމަށް މަސްދަރުތަކުން ބުނެ އެވެ. އަދި އެ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ސައޫދީ އަރަބިއްޔާއިން ކަމަށާއި ސައުދީ އިން ވަނީ އެކަމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައި ކަމަށް ވެސް އެ މަސްދަރުން ބުނެ އެވެ.
އެ އުޅަނދުން ތެޔޮ ލީކުވެއްޖެ ނަމަ އެ ވާނީ އުޅަނދަކުން ކަނޑަށް ތެޔޮ އެޅުމުގެ އެންމެ ބޮޑު އެއް ހާދިސާ އަށެވެ. އަދި އެކަމުގެ ސަބަބުން ތިމާވެއްޓަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކާ ކުރިމަތިވެދާނެ އެވެ. އެ ބޯޓު ސަލާމަތް ކުރަން ކުރި ފުރަތަމަ މަސައްކަތް މި މަހުގެ ކުރީކޮޅު މެދުކަނޑާލީ ސަލާމަތީ ސަބަބުތަކާ ހުރެ އެވެ.
ގްރީސްގެ ސެލްވޭޖް ކުންފުންޏެއްގެ ދެ ޓަގު ބޯޓެއް އެ ޓޭންކަރު ޓޯކުރުމުގެ މަސައްކަތުގައި އެންމެ ފަހުން ބައިވެރިވާ ކަމަށް ރޮއިޓާސް އިން ބުރާސްފަތި ދުވަހު ބުނެފައިވެ އެވެ.
ރަތް ކަނޑުގައި ހަރަކާތްތެރިވާ ޔޫރަޕިއަން ޔޫނިއަންގެ ކަނޑުގެ އަސްކަރީ މިޝަން އެސްޕިޑޭސް އިން އިއްޔެ ބުނީ އެ އުޅަނދު ހިމާޔަތް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަން ސިފަކޮށްފައިވަނީ "ހައިޖާނު ބޮޑު މަސައްކަތެއްގެ" ގޮތުގަ އެވެ.
"ޓަގު ބޯޓުތަކުން [ތެޔޮ ބޯޓް] ޓޯކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް،" އެސްޕިޑޭސްގެ ބަޔާނުގައި ބުންޏެވެ.
"އެމްވީ ސޯނިއަން ސަލާމަތް ކުރުމުގެ އޮޕަރޭޝަނަކީ މި ސަރަހައްދަށް ދިމާވެދާނެ ތިމާވެށީގެ ކާރިސާއަކުން ސަލާމަތްވުމަށް ޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް. އެކަން ހާސިލުކުރުމަށް ޕަބްލިކް އަދި ޕްރައިވެޓް ގިނަ ބަޔަކު ގުޅިގެން އަންނަނީ މަސައްކަތް ކުރަމުން."