ބަޔަކު ތެޔޮ ނެގުމުގެ މަސައްކަތް ކުރަނީ
ޕާކިސްތާނުން ޕެޓްރޯލިއަމް އަދި ގުދުރަތީ ގޭހުގެ ބޮޑު ރިޒާވެއް ފެނިއްޖެ
ޕާކިސްތާނުގެ ކަނޑުގެ ސަރަހައްދުން ޕެޓްރޯލިއަމް އަދި ގުދުރަތީ ގޭހުގެ ބޮޑު ރިޒާވެއް ފެނިފައިވާ ކަމަށާއި އެ ގޭހުގެ ބޭނުން ހިފުމުގެ ސަބަބުން ޕާކިސްތާނުގެ ނަސީބު ބަދަލުވެދާނެ ކަމަށް ޕާކިސްތާނުގެ ސަލާމަތީ އިސް އޮފިޝަލަކާ ހަވާލާދީ ޑޯން ނިއުސް ޓީވީން ބުނެފި އެވެ.
ތެލާއި ގޭހުގެ ރިޒާވް އެ ސަރަހައްދުގައި ހުރިތޯ ބެލުމަށް އެކުވެރި ގައުމަކާ ގުޅިގެން ތިން އަހަރުގެ ސާވޭއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ޕާކިސްތާނުގެ އޮފިޝަލަކާ ހަވާލާދީ ޑޯން ނިއުސް ބުންޏެވެ.
ޖިއޮގްރަފިކް ސާވޭގެ ސަބަބުން ޕާކިސްތާނަށް ރިޒާވު ހުރި ތަނެއް ދެނެގަތުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ. އަދި ޕާކިސްތާނުގެ ކަނޑުގެ ސަރަހައްދުން ފެނުނު ވަސީލަތްތަކުގެ މައުލޫމާތު މިހާރު ވަނީ ކަމާބެހޭ ސަރުކާރުގެ ޑިޕާޓްމަންޓްތަކާ ހިއްސާކޮށްފަ އެވެ.
މިއީ "ނޫކަނޑު އިގުތިސާދު"ގެ ނަމުން ނަން ދީފައިވާ ކަންކަމުން މަންފާ ހޯދުމުގެ މަސައްކަތެއް ކަމަށް ސިފަކުރައްވައި އޮފިޝަލް ވިދާޅުވީ ބީލަން ކުރުމާއި އެކަން ތަހުލީލު ކުރުމަށް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
ބިޑް ކުރުމާއި އެކްސްޕްލޯ ކުރުމަށް ހުށަހަޅާ ޕްރޮޕޯސަލްތައް ދިރާސާ ކުރަމުން އަންނަ ކަމަށާއި އޭގެ މާނައަކީ ކައިރި މުސްތަގުބަލެއްގައި އެކްސްޕްލޮރޭޝަންގެ މަސައްކަތް ފެށޭނެ ކަމަށެވެ. މާނައަކީ ކުރިއަށް އޮތްތާނގައި ގޭސް ހޯދުމުގެ މަސައްކަތް ފަށައިގަނެވިދާނެ ކަމެވެ.
ނަމަވެސް ވަޅުތައް ކޮނުމާއި ހަގީގަތުގައި ތެޔޮ ނެގުމުގެ މަސައްކަތަށް އެތައް އަހަރެއް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު "ނޫ ކަނޑު އިގުތިސާދު" އަށް ތެލާއި ގޭހަށް ވުރެ ބޮޑު ފައިދާއެއް ލިބިދާނެ އެވެ. އޭގެ ތެރޭގައި ކަނޑުން ނެގޭނެ އެހެނިހެން އަގު ހުރި މިނަރަލްތަކާއި އެ ނޫން ބާވަތްތައް ވެސް ހިމެނެ އެވެ.
އޮފިޝަލް ވިދާޅުވީ އިސްނަގައިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ގައުމުގެ އިގްތިސާދީ ނަސީބު ބަދަލުކޮށްލެވޭނެ ކަމެއް ކަމަށެވެ.
ބައެއް އަންދާޒާތަކުން ދައްކާ ގޮތުގައި މި ހޯދުމަކީ ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ބޮޑު ތެލާއި ގޭހުގެ ރިޒާވް އެވެ.
ގާތްގަނޑަކަށް 3.4 ބިލިއަން ފީފާއާ އެކު ތެލުގެ ރިޒާވްގައި މިހާރު އެންމެ ކުރީގައި އޮތީ ވެނެޒުއޭލާ ކަމަށް ބެލެވޭއިރު، އަތް ނުލައި ހުރި ޝެލް އޮއިލް ރިޒާވް އެންމެ ގިނަ ގައުމަކީ އެމެރިކާ އެވެ.
ގަދަ ފަހެއްގައި ދެން ހިމެނެނީ ސައުދީ އަރަބިއްޔާ، އީރާން، ކެނެޑާ އަދި އިރާގެވެ.
ޑޯން ނިއުސްޓީވީއާ ވާހަކަ ދައްކަވަމުން އޮގްރާ (އޮއިލް އެންޑް ގޭސް ރެގިއުލޭޓަރީ އޮތޯރިޓީ)ގެ ކުރީގެ މެމްބަރު މުހައްމަދު އާރިފް ވިދާޅުވީ ގައުމު އުއްމީދު ކުރިއަސް، އުއްމީދުކުރާ ގޮތަށް ރިޒާވް ހޯދޭނެ ކަމުގެ ސައްތައިން ސައްތަ ޔަގީންކަން ދުވަހަކު ވެސް ނެތް ކަމަށެވެ.
މި ރިޒާވަކީ ޕާކިސްތާނުގެ ހަކަތައިގެ ބޭނުންތައް ފުއްދުމަށް ފުދޭ ރިޒާވެއްތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެކަން ނިސްބަތްވާނީ ރިޒާވުގެ ސައިޒާއި ތެޔޮ ނެގޭ މިންވަރެއްގެ މައްޗަށް ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އެކްސްޕްލޮރޭޝަނަށް އެކަނި ވެސް ގާތްގަނޑަކަށް 5 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރަން ޖެހޭނެ ކަމަށާއި ކަނޑުގެ ސަރަހައްދުން ރިޒާވް ނެގުމަށް ހަތަރު އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއް ނަގާފާނެ އެވެ.