ގާޒާގެ މެދުތެރޭގެ ނުސީރަތުގައި މީހުން ދިރިއުޅޭ އިމާރާތަކަށް އިޒުރޭލުން ދިން ވައިގެ ހަމަލާއަކުން ދުން އަރަނީ [ފައިލް: އުމަރު ނާމާން/ރޮއިޓާސް]
ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އިނގިރޭސިވިލާތުން އިޒްރޭލަށް ފޯރުކޮށްދޭ ހަތިޔާރު ބޭނުން ކުރާތީ އިނގިރޭސިވިލާތުން އިޒްރޭލަށް ބައެއް ހަތިޔާރު ވިއްކުން މެދުކަނޑާލައިފި އެވެ.
ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ އިއްޔެ ވިދާޅުވީ އިނގިރޭސިވިލާތުން އިޒްރޭލަށް ހަތިޔާރު އެކްސްޕޯޓް ކުރުމުގެ 350 ލައިސަންސްގެ ތެރެއިން 30 ލައިސަންސެއް ސަސްޕެންޑް ކުރާނެ ކަމަށެވެ. އޭގެ ސަބަބުން ހަނގުރާމަމަތީ މަތިންދާބޯޓާއި ހެލިކޮޕްޓަރު އަދި ޑްރޯން ފަދަ އާލާތްތަކަށް އަސަރު ކުރާނެ އެވެ.
އިޒްރޭލުގެ ވަޒީރަކު ބީބީސީއަށް ވިދާޅުވީ އެ ނިންމުމުގެ ސަބަބުން ގޯސް މެސެޖެއް ދޭ ކަމަށެވެ. އަދި އެއީ މާޔޫސްކަމެއް ކަމަށާއި ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް ޔޫކޭ އިން ބުނީ ސަސްޕެންޝަން "ވަރަށް މަދު" ކަމަށެވެ.
ލަމީ ވިދާޅުވީ އިޒްރޭލުން ދިފާއުވުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތަށް އިނގިރޭސިވިލާތުން އަބަދު ވެސް ތާއީދުކުރާ ކަމަށާއި އެ ނިންމުމަކީ ހަތިޔާރު ވިއްކުން މަނާކުރުން ނޫން ކަމަށެވެ.
ރޭޑިއޯ 4އަށް ދެއްވި އިންޓަވިއުއެއްގައި އިޒްރޭލުގެ ޑައިސްޕޯރާ އެފެއާޒް މިނިސްޓަރު އަމިޗާއީ ޗިކްލީ ވިދާޅުވީ އިޒްރޭލުން "ހަމާސް ޓަނަލްތަކުގައި މަރާލާފައިވާ" ހަ މީހަކު ވަޅުލަމުންދާ "ވަރަށް ނާޒުކު ދަނޑިވަޅެއްގައި" ނިންމި ނިންމުމެއް ކަމަށެވެ.
އިޒްރޭލުގެ ހާރިޖީ ވަޒީރު އިޒުރާއީލް ކާޓްޒް އެ ނިންމުމަށް ރައްދު ދެއްވަމުން ވިދާޅުވީ އިޒްރޭލުން އަމަލު ކުރަމުންދަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް ޔޫކޭގެ ޗީފް އެގްޒެކެޓިވް ސަޗާ ދޭޝްމުކް ވިދާޅުވީ އެ ފިޔަވަޅުތަކަކީ ވަރަށް ހަނި އަދި ފުށުއެރުންތަކެއް ހުރި ފިޔަވަޅުތަކެއް ކަމަށެވެ.
އެ ޖަމިއްޔާއިން ދަނީ ހަނގުރާމަ ހުއްޓާލުމަށާއި ގާޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށް ގޮވާލަމުންނެވެ.
"މިއަދުގެ ނިންމުމުގެ މާނައަކީ އިޒުރޭލުން ގާޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާ ކަމަށް ވަޒީރުން ގަބޫލުކުރުން. ގާޒާގައި އިޒްރޭލު ސިފައިން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ނަސްލީ ތަފާތުކުރުންތަކުގައި ބައިވެރިވުމުގެ ނުރައްކާ [ސަރުކާރުން] އަދިވެސް އެބައޮތް،" އޭނާ ވިދާޅުވި އެވެ.
އޭގެ ތެރޭގައި ނަސްލެއް ނައްތާލުމުގެ ތުހުމަތު ވެސް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ގާޒާގައި ހަމާސް ޖަމާއަތާ ދެކޮޅަށް އިޒްރޭލުން ހަނގުރާމަ ކުރަމުންދާ ގޮތާ މެދު ނުރުހި، ހުޅަނގުގެ ސަރުކާރުތަކަށް ދަނީ ހަތިޔާރު ވިއްކުން ހުއްޓާލުމަށް ޕްރެޝަރު ބޮޑުވަމުންނެވެ.
ފޮރިން ސެކްރެޓަރީ ވިދާޅުވީ އިނގިރޭސިން އިޒްރޭލަށް ހަތިޔާރު އެކްސްޕޯޓް ކުރުމުގެ ލައިސަންސް ދިނުމާ މެދު ގިނަ މެމްބަރުންނާއި ގާނޫނީ ވަކީލުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
ލެމީ ވިދާޅުވީ މިދިޔަ ޖުލައި މަހު ލޭބާ ޕާޓީން ސަރުކާރާ ހަވާލުވުމާ އެކު އިނގިރޭސިވިލާތުން އިޒްރޭލަށް ހަތިޔާރު އެކްސްޕޯޓު ކުރި ގޮތް މުރާޖައާ ކުރުމަށް އޭނާ ވަގުތުން އެދިވަޑައިގެންނެވި ކަމަށެވެ.
އޭނާ ވިދާޅުވީ އެ ރިވިއުގައި އިޒްރޭލުން ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ހިލާފުވިތޯ ނުވަތަ ނޫންތޯ ނުބަލާނެ ކަމަށާއި އެއީ ކުށެއް ނެތްކަން ސާބިތު ކުރުމުގެ ކަމެއް ނޫން ކަމަށެވެ.
ނަމަވެސް އެކްސްޕޯޓް ލައިސަންސްތައް މުރާޖައާ ކުރުމަކީ ސަރުކާރުގެ އަމިއްލަ ގާނޫނީ ވާޖިބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް