އިޒްރޭލުން އިހުތިޖާޖު ކުރަނީ: އިޒުރޭލުގެ މުޒާހަރާގެ ބައިވެރިން ތެލްއަވީވްގައި ހަޅުތާލު ކުރަނީ އިތުރު ހަ މީހެއްގެ ހަށިގަނޑު ޓަނަލްއެއްގެ ތެރެއިން ފެނުމާ ގުޅިގެން [އޮރެން އަލޮން/ރޮއިޓާސް]
ހަނގުރާމަ ހުއްޓާލަން އިޒްރޭލު ރައްޔިތުން ކުރާ ހަޅުތާލު ވަރުގަދަކޮށްފި
ހަމާސްގެ ހަނގުރާމަވެރިން ރަހީނުކުރި މީހުންގެ ތެރެއިން ހަ މީހަކު މަރާލާއި އެ މީހުންގެ ހަށިތައް ފެނުމާ ގުޅިގެން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިޒްރޭލުގެ މައި ލޭބާ ޔޫނިއަނުން ގިނަ ބަޔަކު މަގުތަކަށް ނެރެ ބޮޑު ހަޅުތާލެއް ކޮށްފި އެވެ.
މީގެ ގާތްގަނޑަކަށް 11 މަހެއްހާ ދުވަސް ކުރިން ގާޒާ ހަނގުރާމަ ފެށި ފަހުން އިޒްރޭލު ސަރުކާރާ ދެކޮޅަށް ބޭއްވި އެންމެ ބޮޑު އެއް މުޒާހަރާގައި، ރޭ މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ހަނގުރާމަ ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައިފަ އެވެ. އަދި އިޒްރޭލުގައި މިހާރު ރަހީނުކޮށްފައިވާ އިޒްރޭލުގެ މީހުން މިނިވަންކޮށް ވަގުތުން ގައުމަށް ގެނައުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފަލަސްތީނުގެ ހަމާސް ޖަމާއަތާ އެކު ސުލްހައިގެ އެއްބަސްވުމަކަށް އައިސް، ހަނގުރާމަ ހުއްޓާލުމަށް ވެސް އެ މީހުން ވަނީ ގޮވާލައިފަ އެވެ.
އިޒްރޭލުގެ ގިނަ ބަޔަކު ވަނީ އެ ގައުމުގެ ވެރިރަށް ތެލްއަވީވްގެ މަގުތައް ބަންދުކޮށް ހުޅަނގު ގުދުސްގައި ހުންނަ ނަތަންޔާހޫގެ އޮފީސް ބޭރުގައި މުޒާހަރާކޮށްފަ އެވެ.
ގާޒާގައި ބަންދުކޮށްފައި ރަހީނުންގެ އާއިލާތައް ތަމްސީލުކުރާ ފޯރަމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ހަ މީހުން މަރުވުމުގެ ޒިންމާ ސީދާ އުފުއްލަންވަން ޖެހޭނީ ނަތަންޔާހޫ ކަމަށާއި އެކަން އެގޮތަށް ހިނގަން މެދުވެރިވީ ނަތަންޔާހޫ ސުލްހަ ގާއިމުނުކޮށް ހަނގުރާމަ ނުހުއްޓުމުން ކަމަށެވެ.
"ހަމާސްގެ ބަންދުގައި ގާތްގަނޑަކަށް 11 މަހެއްހާ ދުވަސް ވަންދެން އަނިޔާ އާއި ބަނޑުހައިހޫނުކަމުގައި ބޭތިއްބުމަަށް ފަހު، ފާއިތުވި ދުވަސްތަކުގައި އެ އެންމެން ވެސް މަރާލާފައިވޭ،" ފޯރަމްގައި ބުނެފައިވެ އެވެ.
ހަމާސް އިން ރަހީނުކޮށް މަރާލި މީހުންގެ އާއިލާތަކުން އެދިފައިވަނީ، އިޒްރޭލު ސަރުކާރަށް އިތުރު ޕްރެޝަރު ކުރުމަށް އިޒްރޭލުގެ ރައްޔިތުންގެ ކިބައިން އެދިފަ އެވެ.
"ރަހީނުކޮށް ހިފަހައްޓާފައިވާ މީހުން އެނބުރި ގައުމަށް ގެނެވެންދެން ރައްޔިތުން މަގުތަކަށް ނުކުމެ ގައުމު ބަންދު ކުރަން ޖެހޭ. އޭރުން ދެން ވެސް ބާކީ ތިބި މީހުން ސަލާމަތް ކުރެވޭނީ،" އާއިލާ އިން ބުންޏެވެ.
އިޒްރޭލުގެ ހާރެޓްޒް ނޫހުގެ ކޮލަމިސްޓް، ގިޑިއޯން ލެވީ އަލްޖަޒީރާއަށް ވިދާޅުވީ ހަމާސްއަށް އެއްވެސް ލުޔެއް ދިނުމަށް ނަތަންޔާހޫ ދެކޮޅު ހައްދަވަނީ އޭނާގެ ސަރުކާރުގައި ހިމެނޭ ކަނާތު ފިޔައިގެ ޕާޓީތަކުން ބާރުލިބިގެން ކަމަށެވެ.
"އެ މީހުންނަށް [ޕާޓީތަކަށް] ރަހީނުންނާ ދޭތެރޭ ކުޑަކޮށް ވިސްނާކަށް ބޭނުމެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ލެވީ ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު ބައިވެރިއާ، ނަތަންޔާހޫގެ ލިކޫޑް ޕާޓީގެ ތެރޭގައި ނަތަންޔާހޫއަށް ވަރަށް ބޮޑު ބާރުތަކެއް ލިބިފައިވާ ކަމަށާއި އެ ޕާޓީން އޭނާއަށް ތާއީދުކުރާ ކަމަށެވެ.
"އެހެންވީމާ ސަރުކާރުގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ވަރަށް މަދު،" އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި ހަމައެކަނި ކުރެވެން އޮތް ކަމަކަށް ވާނީ މަގުތަކަށް ނުކުތުން. އެކަމަކު ގޮތެއް ނިންމަން އަދި މާ އަވަސް."
އާންމު ހަޅުތާލަށް ޔޫނިއަނުން ގޮވާލައިފި
މިދިޔަ 7 އޮކްޓޯބަރަށް ފަހު، ފުރަތަމަ ފަހަރަށް އިޒްރޭލުގެ އެންމެ ބޮޑު ޓްރޭޑާސް ޔޫނިއަން ފެޑެރޭޝަން، ހިސްޓަޑްރޫޓުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސަރުކާރަށް ޕްރެޝަރު ކުރުމަށް އާންމު ހަޅުތާލެއް ކުރުމަށް ގޮވާލައިފަ އެވެ.
އެ ޔޫނިއަނުން ބުނީ އިޒްރޭލުގެ ވައިގެ ދަތުރުފަތުރުގެ މައި މަރުކަޒު، ބެން ގުރިއަން އެއާޕޯޓު މިއަދު ހެނދުނު 8 އިން ފެށިގެން ބަންދުކުރާނެ ކަމަށެވެ. އޭގެ ބޭނުމަކީ އިޒްރޭލުގެ އިގުތިސާދުގެ މައި ތަނބު ބަންދުކުރުން ނުވަތަ ހުރަސް އެޅުމުގެ މަގުސަދުގައި ކުރާ ކަމެއް ކަމަށެވެ. އެއާ އެކު ބޭންކިން އަދި ސިއްހީ ހިދުމަތް މެދުކަނޑާލުން ހިމެނެ އެވެ.
"އެހެން ހުރިހާ ކަމަކަށް ވުރެ ޑީލެއް މުހިންމު،" ހިސްޓަޑްރޫޓްގެ ވެރިޔާ އާނަން ބާ ޑޭވިޑް ވިދާޅުވި އެވެ.
"ޑީލެއްގެ ބަދަލުގައި ގޯނި ގޯނީގައި ހަށިގަނޑުތައް މި ލިބެނީ."
އޭނާ ވިދާޅުވީ އޭނާއަށް ތާއީދު ކުރަނީ އިޒްރޭލުގެ މައި އުފެއްދުންތެރިންނާއި ޓެކްނޮލޮޖީ ދާއިރާގެ ވިޔަފާރިވެރިން ކަމަށެވެ. އިޒްރޭލުގެ އިގުތިސާދުގެ އެންމެ ބާރުގަދަ ބައެއް އަޑުތަކުގެ އިއްތިހާދުން ދައްކުވައިދިނީ އެ ހަ މީހުން މަރުވުމާ ގުޅިގެން އާންމުންގެ ރުޅިވެރިކަން އުފެދިފައިވާ މިންވަރެވެ.
އިޒްރޭލުގެ އިގްތިސާދީ މައި މަރުކަޒު ތެލްއަވީވްގެ މުނިސިޕަލް ހިދުމަތްތައް ވެސް މިއަދުގެ ބައެއްގައި ބަންދުކުރާނެ އެވެ.
އިޒްރޭލުގެ މެނުފެކްޗާސް އެސޯސިއޭޝަނުން ބުނީ އެ ހަޅުތާލަށް ތާއީދުކުރާ ކަމަށާއި ރަހީނުން އެނބުރި ގެނައުމަށް ސަރުކާރުން އަދާކުރަންޖެހޭ "އަހްލާގީ ވާޖިބު" އަދާނުކުރާ ކަމަށެވެ.
"ރަހީނުން އެނބުރި ނުގެނެސް ހަނގުރާމަ ނިމުމަކަށް ނާންނާނެ. މުޖުތަމައެއްގެ ގޮތުގައި ރިހެބިލިޓޭޓް ނުކުރެވޭނެ، އިޒްރޭލުގެ އިގްތިސާދު ރިހެބިލިޓޭޓް ކުރަން ނުފެށޭނެ،" އެސޯސިއޭޝަނުން ބުންޏެވެ.
އިޒްރޭލުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ޔައިރު ލަޕިޑް ވިދާޅުވީ އޭނާ ހަޅުތާލަށް ތާއީދު ކުރައްވާ ކަމަށެވެ.
ނަމަވެސް ފިނޭންސް މިނިސްޓަރު ބެޒަލޭލް ސްމޮޓްރިޗް ވަނީ އެ ގައުމުގެ ބަންޑާރަނައިބު ގަލީ ބަހާރަވް-މިއާރާގެ ކިބައިން މުޅި ގައުމުގައި ކުރިއަށް ގެންދަން ރާވާފައިވާ ހަޅުތާލު ހުއްޓުވުމަށް އަވަސް ހުށަހެޅުމެއް ކޯޓުތަކަށް ހުށަހެޅުމަށް އެދިވަޑައިގެންފަ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ބާކީ ތިބި ރަހީނުން ސަލާމަތް ކުރުމުގައި ހުރި ދަތިތައް ގަބޫލުކޮށް، އެ މީހުން އެނބުރި ގެނެވޭނީ އެއްބަސްވުމަކުން ކަމަށް ބުނެފަ އެވެ.
ކޮމެންޓް