ކުޑަކުއްޖަކަށް ޕޯލިއޯ ވެކްސިން ދެނީ: 9 ދުވަހުގެ ތެރޭގައި ގާޒާގެ 10 އަހަރުން ދަށުގެ 640،000 ކުދިންނަށް ވެކްސިން ދޭނެ

ގާޒާ ހަނގުރާމަ

ގާޒާގެ 640،000 ކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

1 ސެޕްޓެމްބަރު 2024

ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ 640،000 ކުޑަ ކުދިންނަށް ޕޯލިއޯ އިން ދިފާއުވުމުގެ ވެކްސިން ދިނުމުގެ ޕްރޮގްރާމެއް އދ.ގެ ސިއްހަތާ ބެހޭ އިދާރާ އާއި ޕާޓްނަރުން މިއަދު ފަށައިފި އެވެ.

ގާޒާއިން މި ކެމްޕޭން ފަށާފައި މިވަނީ ފާއިތުވި 25 އަހަރުގެ ތެރޭގައި ގާޒާއިން ޕޯލިއޯގެ ފުރަތަމަ ކޭސް ފެނުމާ ގުޅިގެންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ ވާގިނެތިފައިވާ ކޭސްއެއް ފެނުމުން ދޭހަވަނީ މި ބަލި ޖެހި، ބަލީގެ އަލާމާތްތައް ނުފެންނަ އެތައް ސަތޭކަ ބަޔަކު ތިބޭނެ ކަމަށެވެ.

ޕޯލިއޯ ޖެހިފައިވާ ގިނަ މީހުންގެ ގައިން ބަލީގެ އަލާމާތްތައް ނުފެނިދާނެ އެވެ. އަދި އަނެއް ބައި މީހުން އާންމު ގޮތެއްގައި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބަލިން ރަނގަޅު ވެސް ވެދާނެ އެވެ. ނަމަވެސް ފަރުވާއެއް ނެތް މި ބަލީގައި ޕޯލިއޯ ޖެހިއްޖެ ނަމަ އާންމު ގޮތެއްގައި އެއީ ދާއިމަށް ދެމިގެންދާ ވައު ބައްޔެކެވެ. ވައު ބަލީގެ ސަބަބުން ނޭވާލުމުގެ ނިޒާމަށް އަސަރުކޮށްފި ނަމަ އެ ބައްޔަކީ ނުރައްކާތެރި  ބައްޔަކަށް ބަދަލުވެ އެވެ.

ވެކްސިން ޖެހުމުގެ މަސައްކަތް ފަށޭހައެއް ނުވާނެ އެވެ. އެއީ ގާޒާގެ މަގުތައް ވަރަށް ބޮޑަށް ހަލާކުވެ، ހޮސްޕިޓަލްތައް ވަރަށް ބޮޑަށް ފުނޑުފުނޑުވެ، އާބާދީ ވިއްސިވިހާލިވެފައިވާތީ އެވެ.

ޑަބްލިއުއެޗުއޯއިން ބުރާސްފަތި ދުވަހު ބުނީ ވެކްސިން ކެމްޕޭން ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލާ އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. އެހެންނަމަވެސް ފަލަސްތީނުގެ %90 މީހުން ގެދޮރު ގެއްލިފައިވާ ސަރަހައްދެއްގައި މިފަދަ ބޮޑު ކެމްޕެއިނެއް ހިންގުމަކީ ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމެެއް ކަމަށް ވެސް ޑަބުލިޔުއެޗުއޯ އިން ބުންޏެވެ.

މި ކެމްޕޭނާ ގުޅޭ ގޮތުން އިޒްރޭލުން ނެރުނު ފުރަތަމަ ބަޔާނެއްގައި ހޮނިހިރު ދުވަހު ބުނީ މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ވެކްސިން ޕްރޮގްރާމް ކުރިއަށް ދާނެ ކަމަށާއި މަދުވެގެން ދުވާލަކު އަށް ގަޑިއިރު ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށެވެ.

ހާން ޔުނިސްގެ މަދު އަދަދެއްގެ ކުޑަކުދިންނާ އެކު ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން އިއްޔެ ވަނީ ވެކްސިން ކެމްޕޭން ލުއިކޮށް ފަށައިފަ އެވެ. 

ކިހާ ދުވަހެއް ނަގާނެ؟

ގާޒާގެ މެދުތެރޭގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ވެކްސިން ކެމްޕޭން ރަސްމީކޮށް ފެށީ މިއަދު އެވެ.

ވެކްސިން ދޭނީ ކޮން ބަޔަކަށް؟ 

ޑަބްލިއުއެޗުއޯއިން ބުނީ ވެކްސިން ކެމްޕެއިންގައި 10 އަހަރުން ދަށުގެ 640،000 ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ކޮންމެ ކުއްޖަކަށް ވެސް ކަރުބުޑަށްދޭ ޕޯލިއޯ ވެކްސިންގެ ދެ ތިއްކެއް ދެ ބުރުގައި ދިނުމަށް ހަމަޖެހިފައިވާ އިރު، ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ބުރުގެ ހަތަރު ހަފުތާ ފަހުންނެވެ.

ކުރިއަށް އޮތީ ކޮން ގޮންޖެހުންތަކެއް؟

ގާޒާގެ ސަރަހައްދަށް ދަތުރުކޮށް، އެ ގައުމުގެ މެޑިކަލް ސިސްޓަމާއި މުއާމަލާތްކުރަން ޖެހޭ ކޮންމެ ކަހަލަ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަކީ ދަތިތަކެއް ކުރިމަތިވާނެ ކަމެކެވެ.

އދ. އިން ލަފާކުރާ ގޮތުގައި ގާޒާގެ މަގުތަކުގެ ނެޓްވޯކްގެ ގާތްގަނޑަކަށް %65 ވަނީ ހަލާކުވެފަ އެވެ. އަދި ގާޒާގެ 36 ހޮސްޕިޓަލުގެ ތެރެއިން 19 ހޮސްޕިޓަލެއް ވަނީ ހިދުމަތް ނުދެވޭވަރަށް ހަލާކުވެފަ އެވެ.

ގާޒާގެ އުތުރުން ދެކުނަށް ވަނީ ގުޅުން ކެނޑިފަ އެވެ. އަދި އިޒްރޭލުގެ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން މުޅި އެ ދެ ސަރަހައްދުގެ މެދުގައި ދަތުރުކުރުން ވެސް ވަނީ ގޮންޖެހުންތަކަކާ ކުރިމަތިވެފަ އެވެ. އިޒުރޭލުގެ އަސްކަރިއްޔާއިން ގާފިލާތަކަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން އެހީދޭ ޖަމާއަތްތަކުން ވަނީ އެހީ ހުއްޓާލައިފަ އެވެ. ޕީޕާކޯން ހުކުރު ދުވަހު ވިދާޅުވީ ޑަބްލިއުއެޗްއޯ އިން ގާޒާގައި ގޭގެއަށް ގޮސް ވެކްސިން ނުދެވޭނެ ކަމަށެވެ.

ގާޒާގައި މި ބަލި ފެތުރެން ފެށީ ކީއްވެ؟

އެންމެ ފަހުން ފެތުރެން ފެށި ޕޯލިއޯ ވައިރަހަކީ ކަރުބުޑަށްދޭ ޕޯލިއޯ ވެކްސިން ބަދަލުތަކެއް އައިސްގެން އުފެދުނު ވައިރަހަކުން ފެތުރުނު ވައިރަހެކެވެ. އަނގައިންދޭ ޕޯލިއޯ ވެކްސިނަކީ ބަލިކަށި ލައިވް ވައިރަހެއްގެ ވެކްސިނެއް ކަމަށާއި ވަރަށް މަދު ހާލަތްތަކުގައި އެ ވައިރަހަކީ ވެކްސިން ޖަހާ މީހުންގެ އާ ބަލިމަޑުކަމެއް ފެށުމުގެ ގާބިލުކަން ލިބިފައިވާ އާ ވައްތަރަކަށް ބަދަލުވެދާނެ ވައިރަހެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް