ރަޝިޔާއިން ޔޫކްރެއިންއަށް ދިން އެފް -16 މަރުކާގެ މަތިން ދާބޯޓުތައް ވައިގެ ތެރޭ [ވެލެންޓިން އޮގިރެންކޯ/ރޮއިޓާސް]

ޔޫކްރެއިން

ޔޫކްރެއިންގެ އެފް-16ގެ ހަނގުރާމަމަތީ ބޯޓު ވެއްޓި ޕައިލެޓް މަރުވުމުން ކޮމާންޑަރު ވަޒީފާއިން ވަކިކޮށްފި

31 އޯގަސްޓު 2024

ހުޅަނގުގެ ބައިވެރިންގެ އަތުން ޔޫކްރޭނަށް ލިބުނު އެފް-16 ހަނގުރާމަމަތީ މަތިންދާބޯޓެއް ރަޝިއާ އިން ހަމަލާދީ ވައްޓާލައި ޕައިލެޓް މަރުވިތާ ހަތަރު ދުވަސް ފަހުން، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އެގައުމުގެ ވައިގެ ސިފައިންގެ ކޮމާންޑަރު މަގާމުން ވަކިކޮށްފި އެވެ.

ލެފްޓިނެންޓް ޖެނެރަލް މައިކޯލާ އޮލެޝްޗުކް މަގާމުން ވަކިކުރުމުގެ އަމުރު އިއްޔެ ވަނީ ރިޔާސީ ވެބްސައިޓުގައި ޝާއިއުކޮށްފަ އެވެ.

"ރައްޔިތުން ހިމާޔަތް ކުރަން ޖެހޭ. މުވައްޒަފުން ހިމާޔަތް ކުރަން ޖެހޭ. އަހަރެމެންގެ ހުރިހާ ސިފައިން ބަލަހައްޓަން ޖެހޭ،" ޒެލެންސްކީ ވިދާޅުވީ ކޮމާންޑް ލެވެލްގައި ޔޫކްރެއިންގެ އަސްކަރިއްޔާ ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.

 އެކްޓިން އެއާފޯސް ކޮމާންޑަރަކަށް ހަމަޖެއްސީ ލެފްޓިނެންޓް ޖެނެރަލް އަނަޓޮލީ ކްރިވޮނޯޒްކޯ އެވެ.

މައިކޯލާ މަގާމުން ވަކިކުރީ އެފް-16 ވައްޓާލީ ޕެޓްރިއޮޓް އެއާ ޑިފެންސް ސިސްޓަމަކުން ކަމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ވިދާޅުވެ ދެއްކެވި ވާހަތަކަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ގުނާ އަދަދު ނުކުރެވޭހާ ގިނަ، އެމެރިކާގައި އުފެއްދި، ދިފާއީ ނިޒާމުތައް ޔޫކުރެއިނަށް ވަނީ ފޮނުވައިފަ އެވެ.

މަރިއާނާ ބެޒުހްލާ އެ ވާހަކަ ދެއްކެވީ ނަން ހާމަނުކުރާ ފަރާތްތަކާ ހަވާލާދީ އެވެ. އަދި އެކަމުގައި އިހުމާލުވި ފަރާތްތަކަށް އަދަބު ދިނުމަށް ވެސް އޭނާ އެދުނެވެ.

މައިކޯލާ ވަނީ ބެޒުހްލާ އަކީ ވައިގެ ސިފައިންގެ އަބުރު ކަތިލާ މީހެއް ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެމެރިކާގެ ހަތިޔާރު އުފައްދާ ކުންފުނިތަކުގެ އަގުވައްޓާލުމަށް އޭނާ ވާހަކަ ދައްކަވާފައިވާ ކަމަށާއި ސާބިތު ނުހިފޭ ވާހަކަ ދައްކާ ނަމަ އޭނާއާ ދޭތެރޭ ފިޔަވަޅު އެޅުމަށް ވެސް އޭނާ ވަނީ އެދިފަ އެވެ.

"ހަގީގަތަށް ނަސްރު ލިބޭނެ،" މައިކޯލާ ވަޒީފާއިން ވަކިކުރުމުގެ އަމުރު ޝާއިއުކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ބެޒުހްލާ އޭނާގެ އެކްސްގައި ލިއުއްވި އެވެ.

އެފް-16 މަރުކާގެ މަތިންދާ ބޯޓަށް ޕެޓްރިއޮޓް މިސައިލެއް އެރިކަން ވައިގެ އަސްކަރިއްޔާއިން ސީދާ އިންކާރުކޮށްފައެއް ނުވެ އެވެ.

މަތިންދާބޯޓު ވެއްޓުނު މައްސަލައިގެ ޔޫކްރެއިންގެ ތަހުގީގަށް އެމެރިކާގެ ތަޖުރިބާކާރުން ވެސް ބައިވެރިވެފައިވާ ކަމަށް ވައިގެ އަސްކަރިއްޔާއިން ބުނެ އެވެ.

އެމެރިކާގެ ދިފާއީ އޮފިޝަލަކު ރޮއިޓާސް ނިއުސް އެޖެންސީއަށް ވިދާޅުވީ ބޯޓު ވެއްޓުނީ ރަޝިއާގެ މިސައިލަކުން ކަމަށް ނުބެލެވޭ ކަމަށާއި ޕައިލެޓަށް ގޯހެއް ހެދުން ނޫނީ މެކޭނިކަލް ފެއިލިއާއެއް މެދުވެރިވިތޯ ވެސް ބަލަމުން އަންނަ ކަމަށެވެ.

އެފް-16 އަކީ ރަޝިޔާގެ މޫނުމަތީގެ ފަހަތުގައި ހުރި ބޭސްތަކަށް ހަމަލާދިނުމަށް ބޭނުންކުރެވިދާނެ އެއް ހަތިޔާރެވެ.

ޓެލެގްރާމްގައި މައިކޯލާ ވިދާޅުވީ ރަޝިއާއިން ޔޫކްރެއިންއަށް ބޮޑު މިސައިލަކާއި ޑްރޯން ބެރޭޖެއް ފޮނުވާލި އިރު، އެފް-16 ޖެޓް ވެއްޓުނީ ކީއްވެގެންތޯ މިހާރު ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"ވީ ގޮތާއި ހާލަތަކީ ކޮބައި ކަމާއި، އެއީ ކާކުގެ މަސްއޫލިއްޔަތެއްކަން ވަރަށް ރަނގަޅަށް ވިސްނަން ޖެހޭ." މައިކޯލާ މަގާމުން ވަކި ކުރުމުގެ ކުޑަ އިރުކޮޅެއް ކުރިން އޭނާ ސޯޝަލް މީޑިއާގައި ލިއުއްވި އެވެ.

މިއީ މިދިޔަ މަހު ފަހުކޮޅު ލިބުނު އެފް-16 މަރުކާގެ މަތިންދާބޯޓެއް ވެއްޓުނު ފުރަތަމަ ފަހަރެވެ. ޔޫރަޕްގެ ގައުމުތަކުން މަދުވެގެން ހަ ބޯޓު ލިބިފައިވާ ކަމަށް ބެލެވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް