ޖުލައި 27، 2023- މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ބޭއްވި އިންޓަވިއުގައި މެލޭޝިއާގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވާހަކަ ދައްކަވަނީ [ރޮއިޓާސް/ހަސްނޫރު ހުސައިން]

މެލޭޝިއާ

ރަސްގެފާނަށް ކުޑައިމީސް ބަސް ރައްދުކުރި ކަމަށް ބުނެ މެލޭގެ ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ދައުވާ އުފުލައިފި

27 އޯގަސްޓު 2024

މެލޭޝިއާގެ ކުރީގެ ރަސްގެފާނަށް ކުޑައިމީސް ބަސް ބުނެ ފުރައްސާރި ކުރިމުގެ ތުހުމަތުކޮށް އެ ގައުމުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ މައްޗަށް މިއަދު ދައުވާ އުފުލައިފި އެވެ.

މީގެ ހަތަރު އަހަރު ކުރިން، 2020 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ދެމެދު 17 މަސް ދުވަހު މެލޭޝިއާގައި އެންމެ އިސް މަގާމުގައި ހުންނެވި މުހްޔިއްދީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މި މަހުގެ ތެރޭގައި ސިޔާސީ ތަގުރީރެއްގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އުތުރު އިރުމަތީ ސްޓޭޓް، ކެލަންޓަންގެ ކޯޓަކަށެވެ.

މުހްޔިއްދީން އޭނާގެ ކުށަށް އޭނާ އިއުތިރާފުވެފައިވާ ކަމަށް އޭނާގެ ވަކީލް ވިދާޅުވި އެވެ.

މެލޭޝިއާގެ ރަސްކަމަކީ ތަފާތު ވައްތަރެއްގެ ސިފަތަކެއް އެކުލެވޭ ރަސްކަމެކެވެ. އެއީ އެ ގައުމުގެ ނުވަ ސުލްތާނުންގެ ތެރޭގައި ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ދައުރުވާ ގޮތަށް އޮންނަ ރަސްކަމެކެވެ. މެލޭގައި ރަސްގެފާނުގެ ދައުރަކީ ވަރަށް ރަމްޒީ ދައުރެއް އޮންނަ ރަސްކަމެކެވެ. ނަމަވެސް ރަސްގެފާނަކީ ވަރަށް އިހުތިރާމު އޮންނަ ބޭފުޅެކެވެ.

ރަސްމަތި ފުށާ ބެހޭ ގޮތުން ނަފުރަތުގެ ވާހަކަތައް ދެއްކުމަކީ އަންޒަމާނުގެ ދެކޮޅުވެރިކަން އުފެއްދުމުގެ ގާނޫނެއްގެ ދަށުން ދައުވާ ކުރެވޭނެ ކަމެކެވެ.

މި މަހުގެ 15 ވަނަ ދުވަހު ދެއްވި ސިޔާސީ ތަގުރީރުގައި މުހްޔިއްދީން ވަނީ 2022 ވަނަ އަހަރު މެލޭޝިއާގައި ބޭއްވި އާންމު އިންތިހާބަށް ފަހު ކުރީގެ ރަސްގެފާނު އަލްސުލްތާން އަބްދުالله އަހްމަދު ޝާހުގެ ސައްހަކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ. އެ އިންތިހާބު ނިމުނީ އެއްވެސް ޕާޓީއަކަށް އަގުލަބިއްޔަތު ނުލިބި އެވެ.

އެ ތަގުރީރުގައި މުހްޔިއްދީން ވިދާޅުވީ އެ އިންތިހާބަށް ފަހު ސަރުކާރެއް އުފެއްދުމަށް ބޭނުންވާ ވަރަށް މެމްބަރުންގެ ތާއީދު އޭނާ ހޯއްދެވި ކަމަށެވެ. ނަމަވެސް އަލްސުލްތާން އަބްދުالله އެ ގައުމުގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމަށް ދައުވަތު އޭނާއަށް ނުދެއްވީ ކީއްވެތޯއޭ ވިދާޅުވެ ސުވާލު އުފެއްދެވި އެވެ.

އަލްސުލްތާން އަަބްދުالله، އަންވަރު އިބްރާހީމް ބޮޑުވަޒީރު ކަމަށް އައްޔަންކުރެއްވީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އަބްދުالله ރަސްގެފާނުގެ ފަސް އަހަރުގެ ރަސްކަން ނިމުނީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

މުހްޔިއްދީން ދެއްކެވި ވާހަކަތަކާ ގުޅިގެން އަބްދުﷲ އާންމުކޮށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. އަދި އޭނާގެ އޮފީހުގެ ބަހުން ވެސް އެއްޗެއް ނުބުނެ އެވެ. 

މެލޭޝިއާގެ ކޮންޒަވޭޓިވް، މެލޭ ސެންޓްރިކް އިދިކޮޅު ބްލޮކްގައި އިސްކޮށް ހުންނެވި މުހްޔިއްދީންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ތިން އަހަރުގެ ޖަލު ހުކުމަކާއި ގިނަވެގެން 1،148 ޑޮލަރުގެ އަދަބެއް އަންނާނެ ކަމަށް އޭނާގެ ވަކީލް ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާގެ މައްޗަށް މިދިޔަ އަހަރު ވަކި މައްސަލައެއްގެ ގޮތުގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ވެސް ވަނީ އުފުލައިފަ އެވެ. އެއީ ސިޔާސީ ކުލަ ޖެހިގެން ކުރި ދައުވާއެއް ކަމަށް ތުހުމަތު ކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް