މަރާލާފައިވާ އަންހެން މީހާއަށް އިންސާފު ހޯދައިދިނުމަށާއި އާންމުކޮށް އަންހެނުންނަށް އިތުރު ހިމާޔަތެއް ދިނުމަށް ގޮވާލައި އިންޑިއާގެ އެކި ކަންކޮޅުތަކުގައި ވަނީ މުޒާހަރާކޮށްފައި
އިންޑިއާގައި ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލާގައި އިންސާފަށް އަޑުއުފުލައިފި
އިންޑިއާގެ ވެސްޓް ބެންގާލް ސިޓީ، ކަލްކަތާގައި އަންހެން ޑޮކްޓަރަކު ރޭޕްކޮށް މަރާލުމާ ގުޅިގެން އެ ގައުމުގެ ޑޮކްޓަރުން ގައުމީ ބޮޑު ހަޅުތާލެއް އިއްޔެ ކޮށްފި އެވެ.
އިންޑިއާގެ އެކި ހިސާބުތަކުގައި ހުރި ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އިމަޖެންސީ ނޫން ބަލި މީހުން ނުބަލައި އިއްޔެ އަނބުރާ ފޮނުވާލާފައި ވާއިރު، އެ ހަޅުތާލުގައި މިލިއަނަކަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ބެލެވެ އެވެ.
އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ) އިން މިދިޔަ ހަފުތާގައި ހިންގި ރޭޕް ސިފަކޮށްފައި ވަނީ "އަންހެނުންނަށް ރައްކާތެރި ތަންތަން ނެތް އަނިޔާވެރި ޖަރީމާއެއް"ގެ ގޮތުގަ އެވެ. އަދި އިންސާފު ހޯދުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް ވަނީ ގޮވާލައިފަ އެވެ.
އެ އަނިޔާވެރި ހަމަލާއާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާއި އަންހެނުންނަށް ރަނގަޅު ރައްކާތެރިކަމެއް ކަށަވަރުކޮށްދިނުމަށް ގޮވާލާ މުޒާހަރާތައް މިފަހަކަށް އައިސް ވަނީ ވަރުގަދަކޮށްފަ އެވެ.
އައިއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އިމަޖެންސީ އަދި ކެޝުއަލިޓީގެ ހިދުމަތް ކުރިއަށް ދާނެ ކަމަށެވެ. ހަޅުތާލު ނިމުނީ މިއަދު ހެނދުނު 6ގަ އެވެ.
އެ އެސޯސިއޭޝަންގެ ރައީސް އާރުވީ އަސޯކަން ބީބީސީއަށް ވިދާޅުވީ އަނިޔާއާ ދެކޮޅަށް ޑޮކްޓަރުން އަޑުއުފުލާތާ އެތައް އަހަރެއްވެ، ތަހައްމަލުކޮށް އިހުތިޖާޖުކޮށްފައިވާ ކަމަށާއި ނަމަވެސް "މިއީ ހުރިހާ ގޮތަކުން ވެސް ތަފާތު" ހާދިސާއެއް ކަމަށެވެ.
ބޮޑު ސިޓީއެއްގެ މެޑިކަލް ކޮލެޖެއްގައި މިފަދަ ޖަރީމާއެއް ހިނގާ ނަމަ އެއިން ދޭހަވަނީ "އެއްވެސް ތަނެއް ޑޮކްޓަރުންނަށް ރައްކާތެރި ނޫން" ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ބައެއް ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން ވަނީ އިލެކްޓިވް ޕްރޮސީޖާތައް މުއްދަތެއް ނެތް ގޮތަށް މަޑުޖައްސާލައިފަ އެވެ.
އައިއެމްއޭ އިން ވަނީ މެޑިކަލް ސްޓާފުން މާރާމާރީއިން ރައްކާތެރިކުރުމަށް ގާނޫނު ހަރުދަނާ ކުރުން ފަދަ ޑިމާންޑްތަކުގެ ލިސްޓެއް ވެސް އާންމުކޮށްފަ އެވެ. އަދި ހޮސްޕިޓަލްތަކުގެ ސެކިއުރިޓީ ލެވެލް އިތުރުކޮށް، އަރާމު ކުރުމަށް ރައްކާތެރި ތަންތަން ގާއިމުކުރުމަށް ވަނީ ގޮވާލައިފަ އެވެ.
އެ މަރާ ގުޅިގެން "ވަރަށް ވިސްނުންތެރިކަމާއި ޕްރޮފެޝަނަލް ތަހުގީގެއް" ހިންގައި އެ ޖަރީމާ ހިންގުމަށް ބައިވެރިވި މީހުންގެ މައްޗަށް ދައުވާ ކުރުމަށާއި ނިޔާވި އަންހެން ޑޮކްޓަރުގެ އާއިލާއަށް ބަދަލު ދިނުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.
އުމުރުން 31 އަހަރުގެ އަންހެން ޓްރެއިނީ ޑޮކްޓަރު ރޭޕްކުރި ހާދިސާއާ ގުޅިގެން މުޅި ގައުމު ވަނީ ހައިރާންވެފަ އެވެ.
ދެބައިކުޅަ އެއް ބައި އޮރިޔާން ހާލުގައި އާރުޖީ ކަރް މެޑިކަލް ކޮލެޖުގެ ސެމިނާ ހޯލަކުން އޭނާގެ ހަށިގަނޑު ފެނުނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. އޭނާ އެތަނަށް ދިޔަ ކަމަށް ވަނީ ޝިފްޓް ޑިއުޓީގައި އަރާމު ކުރުމަށް ބުނެ އެވެ.
އެ މައްސަލައާ ގުޅިގެން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރި ވޮލަންޓިއަރަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ މައްސަލަ ލޯކަލް ޕޮލިހުން އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)އަށް ބަދަލުކުރީ ކުރިއެރުން ނުލިބޭ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެންނެވެ.
އެ ޑޮކްޓަރުގެ މަރަށް ފަހު ރޭޕްގެ އިތުރު ހާދިސާތައް އިންޑިއާގެ ނޫސްތަކުގެ ސުރުހީތަކަށް އެރުމުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ "އަންހެނުންނާ މެދު ހިންގާ ނުރައްކާތެރި އަމަލުތަކަށް ހަރުކަށި އަދި އަވަސް އަދަބު ދޭން ޖެހޭ" ކަމަށް ވިދާޅުވެފަ އެވެ.
އަންހެން މީހާ ރޭޕްކޮށް މަރާލުމުގެ ސަބަބުން ވެސްޓް ބެންގާލްގައި ސިޔާސީ ގޮތުން ކުށްވެރިކުރުމުގެ ކުޅިވަރެއް ވަނީ އުފެދިފަ އެވެ. އެ ސްޓޭޓްގެ އިދިކޮޅު ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ވަނީ ވެރިކަން ކުރާ ޓްރިނަމޫލް ކޮންގްރެސް ޕާޓީ (ޓީއެމްސީ) އިން އެ ހަމަލާ ދޭން ރޭވި ކަމަށް ތުހުމަތުކޮށްފަ އެވެ.
ޓީއެމްސީން ވަނީ އެ ތުހުމަތު ދޮގުކޮށް، ހަމަނުޖެހުންތައް އުފައްދަން މަސައްކަތް ކުރަނީ "ސިޔާސީ ބޭރު މީހުން" ކަމަށް ތުހުމަތުކޮށްފަ އެވެ.
"މިނިވަންކަމާއި ބިރުވެރިކަމެއް ނެތި ދިރިއުޅުމުގެ މިނިވަންކަމަށް" ގޮވާލައި ބުދަ ދުވަހުގެ ރޭ ބޭއްވި ހިނގާލުމުގައި ވެސްޓް ބެންގާލްގެ އެތައް ހާސް އަންހެނުންނެއް ބައިވެރިވި އެވެ.
މި މުޒާހަރާތަކަކީ ވަރަށް ބޮޑަށް ސުލްހަވެރި މުޒާހަރާތަކަކަށް ވިޔަސް، އާރުޖީ ކަރް ހޮސްޕިޓަލަށް ވަތް ނުދަންނަ މަދު ބަޔަކާއި ފުލުހުންނާ ދެމެދު ވަނީ ހަމަނުޖެހުންތަކެއް ހިންގައިފަ އެވެ. އަދި އެ ތަނުގެ އިމަޖެންސީ ވޯޑު ވަނީ ފަޅާލައިފަ އެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް 25 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އިންޑިއާގެ ދިއްލީ، ހައިދަރުއާބާދު، މުމްބާއީ އަދި ޕޫނޭ ފަދަ އެހެން ސިޓީތަކުގައި ވެސް ވަނީ މުޒާހަރާކޮށްފަ އެވެ.
ހުކުރު ދުވަހު ކޮލްކަތާގެ މަގުތަކުގައި އެތައް ހާސް ބަޔަކު ކުރި މުޒާހަރާގައި ބައިވެރިވި މީހަކު އޭއެފްޕީ ނިއުސް އެޖެންސީއަށް ބުނީ އުއްމީދު އާވަމުން އަންނަ ކަމަށެވެ.