ކަޝްމީރުގައި އިންޑިއާގެ އެތައް ހާސް ސިފައިން ދަނީ ހަރަކާތްތެރިވަމުން

އިންޑިއާ

10 އަހަރުގެ މެދުކެނޑުމަކަށް ފަހު އިންޑިއާއިން ކަޝްމީރުގެ އިންތިހާބު އިއުލާނުކޮށްފި

ތިން ފޭހަކަށް ބަހާލައިގެން ބާއްވާ 90 ދާއިރާގެ ވޯޓުލުން 1 އޮކްޓޯބަރުގައި ނިމޭނެ. ވޯޓު ގުނުމަށް ހަމަޖެހިފައިވަނީ 4 އޮކްޓޯބަރުގައި
17 އޯގަސްޓު 2024

އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ދެބަސްވެފައިވާ ސަރަހައްދުގައި އަންނަ މަހުގެ 18 ވަނަ ދުވަހު ސަރަހައްދީ މުހިންމު އިންތިހާބެއް އިންޑިއާ އިން ބާއްވަން ނިންމައިފި އެވެ. 

މިއީ އެ ސަރަހައްދުގައި ވޭތުވެ ދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ބާއްވާ ފުރަތަމަ އިންތިހާބެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން 2019 ވަނަ އަހަރު އެ ސަރަހައްދުގެ ހާއްސަ ދަރަޖަ އުވާލި ފަހުން ބާއްވާ ފުރަތަމަ އިންތިހާބެވެ.

ތިން ފޭހަކަށް ބަހާލައިގެން ބާއްވާ 90 ދާއިރާގެ ވޯޓުލުން 1 އޮކްޓޯބަރުގައި ނިމޭނެ އެވެ. ވޯޓު ގުނުމަށް ހަމަޖެހިފައިވަނީ 4 އޮކްޓޯބަރުގަ އެވެ. 

ޗީފް އިލެކްޝަން ކޮމިޝަނަރު ރަޖީވް ކުމާރު ވިދާޅުވި ގޮތުގައި 4.26 މިލިއަން އަންހެނުންނާ އެކު ގާތްގަނޑަކަށް 8.7 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

އާންމުގޮތެއްގައި ކޮންމެ ފަސް އަހަރަކުން އެއްފަހަރު އެސެމްބްލީ އިންތިހާބު އޮވެ އެވެ. ނަމަވެސް ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން އިންތިހާބު ލަސްވި އެވެ.

"ދިގު މެދުކެނޑުމަކަށް ފަހު ޖައްމޫ އެންޑް ކަޝްމީރުގައި އިންތިހާބެއް އޮންނާނެ،" އިއްޔެ ދިއްލީގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ކުމާރު ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި އާންމު އިންތިހާބުގައި އެ ސަރަހަހައްދުގައި ވޯޓު ލުމަށް ނުކުތް މީހުން ވަނީ 2019 ވަނަ އަހަރުގެ އިންތިހާބަށް ވުރެ %30 އިތުރުވެފަ އެވެ.

އެ ކޮމިޝަނުން ފަހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އާންމު އިންތިހާބާގައި ގިނަ ބަޔަކު ވޯޓުލާން ނުކުމެ ހެދި ދިގު ކިޔޫތަކަކީ ކަޝްމީރުގެ ރައްޔިތުންގެ އަމިއްލަ ނިންމުންތައް އަމިއްލައަށް ނިންމަން ބޭނުންވާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

ހުކުރު ދުވަހު މިކަން ހާމަކޮށްފައި މިވަނީ ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލުމަށް ސަރުކާރުން ނިންމި ނިންމުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ތާއީދުކުރިތާ މަސްތަކެއް ފަހުންނެވެ. އަދި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެސެމްބްލީ އިންތިހާބު ބޭއްވުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ކަޝްމީރުގެ ހާއްސަ ދަރަޖަ އުވާލި އިރު، ސަރުކާރުން ވަނީ 12 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ސްޓޭޓް، ފެޑެރަލްކޮށް ހިންގާ ދެ ސަރަހައްދެއް ކަމަށްވާ ލަޑާކް އާއި ޖައްމޫ އެންޑް ކަޝްމީރު ވެސް ބަހާލައިފަ އެވެ.

އެ ދަރަޖަ އުވާލުމަކީ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން 2019 ވަނަ އަހަރުގެ އިންތިހާބުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި އެ ނިންމުމުގެ ސަބަބުން އެ ސްޓޭޓްގައި އެ ޕާޓީގެ މަގުބޫލުކަން ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ. 

މިދިޔަ މާޗް މަހު ބޮޑުވަޒީރު ވަނީ 2019 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެ ސަރަހައްދަށް ވަޑައިގެންފަ އެވެ. އަދި ވިދާޅުވީ "ތިޔަ ބޭފުޅުންގެ ހިތްތައް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރައްވާނެ" ކަމަށެވެ. ލޯކަލް އެގްރިކަލްޗާ އަދި ޓޫރިޒަމަށް އެހީވުމުގެ ގޮތުން 774 މިލިއަން ޑޮލަރުގެ މަޝްރޫއުތައް ވެސް އިއުލާނު ކުރެއްވި އެވެ.

ދާދި ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކަޝްމީރުގައި %58.46 މީހުން ވޯޓުލާފައިވޭ

ނަމަވެސް ތަޖުރިބާކާރުންނާއި ލޯކަލް ސިޔާސީ ފަރާތްތަކުން ބުނަނީ ބީޖޭޕީއާ މެދު އޮތް ރުޅިވެރިކަން އަދި ވެސް އެ މީހުންގެ އެބައޮތް ކަމަށެވެ.

ހިމާލިޔާ ސަރަހައްދު ބައިބައިވީ 1947 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނަށް އިނގިރޭސިވިލާތުން މިނިވަންކަން ދިން ހިސާބުންނެވެ. ނިއުކްލިއާ ހަތިޔާރު ލިބިފައިވާ މި ދެ ގައުމުން ވެސް އެ ސަރަހައްދުގެ މިލްކުވެރިކަމަށް ދެ ހަނގުރާމައެއް ކޮށްފައިވެ އެވެ. އަދި އޭގެ ފަހުން ވެސް މަދު ކުދިކުދި ހަމަނުޖެހުންތައް ހިނގާފައިވެ އެވެ.

1989 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ އެ ސަރަހައްދުގައި ދިއްލީގެ ވެރިކަމާ ދެކޮޅަށް ހަތިޔާރު އެޅި ހަރުކަށި ފިކުރުގެ ޖަމާއަތްތަކުން ހަތިޔާރު ބަދަލުކޮށް އެތައް ހާސް އާންމުންގެ ބަޔަކު މަރުވެފައިވާ އިރު، އެ ސަރަހައްދުގައި އިންޑިއާގެ އަސްކަރިއްޔާގެ ބާރު ވަރަށް ގަދަ އެވެ.

ދިއްލީން ތުހުމަތު ކުރާ ގޮތުގައި، ޕާކިސްތާނުން ހަނގުރާމަވެރިންނަށް ހިމާޔަތްދީ، ސަރަހައްދުގެ ސުލްހަ މަސަލަސްކަން ނަގާލަން މަސައްކަތް ކުރެ އެވެ. ނަމަވެސް އެ ތުހުމަތަށް ޕާކިސްތާނުން އިންކާރު ކުރެ އެވެ.

ކަޝްމީރުގައި ހަމަނުޖެހުންތަކަށް ނިމުމެއް ނެތެވެ. އެ ތަޅާފޮޅުން ކުރިއަށް ދަނީ އެވެ. އަދި ފަހަކަށް އައިސް ހަނގުރާމަވެރި ހަރަކާތްތައް އިތުރުވުމަކީ ކަންބޮޑުވާން ޖެހޭ ހާއްސަ ސަބަބެކެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ދިން އެންމެ ނުރައްކާތެރި އެއް ހަމަލާގައި މިދިޔަ ޖޫން މަހު ރެއަސީ ސަރަހައްދުގެ ބަހަކަށް ހަނގުރާމަވެރިން ދިން ބަޑީގެ ހަމަލާތަކުގައި ހިންދޫންގެ ނުވަ ހައްޖާޖީން މަރުވެ އެތައް ބަޔަކު ޒަހަމްވި އެވެ.  މީގެ އިތުރުން ވެސް އަސްކަރިއްޔާއަށާއި އާންމުންނަށް ވަނީ ގިނަ ހަމަލާތަކެއް ދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް