ނޯޑް ސްޓްރީމް ގޭސް ހޮޅިތައް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ގޮއްވާލި ބޮމުގެ ހަމަލާތަކަކުން

ޔޫކްރެއިން

ގޭސް ހޮޅި ގޮއްވާލި މައްސަލާގައި ޔޫކްރެއިން މީހަކު ހައްޔަރު ކުރަން އަމުރު ނެރެފި

15 އޯގަސްޓު 2024

މީގެ ދެ އަހަރު ކުރިން 2022 ވަނަ އަހަރު ބޯލްޓިކް ކަނޑުގައި އޮތް ނޯޑް ސްޓްރީމް ގޭސް ހޮޅިތައް ގޮއްވާލީ ކާކުތޯ ބެލުމުގެ މަސައްކަތް ކުރާ ޖަރުމަނުގެ ދައުލަތުގެ ޕްރޮސެކިއުޓަރުން ޔޫކްރެއިންގެ ޑައިވިން އިންސްޓްރަކްޓަރަކު ހައްޔަރު ކުރުމުގެ އަމުރެއް ނެރެފި އެވެ.

ޖަރުމަނުގެ މީޑިއާތަކުން ތުހުމަތު ކުރާ މީހާގެ ނަމަކީ ވޮލޮޑިމިރް ޒެޑް އެވެ. ޖަރުމަނުގެ މީޑިއާ އިން އެ ހަރުކަށި އަމަލުތަކަކީ ހަގީގަތާ ހިލާފު ހަގީގަތެއް ކަމަށް ވަނީ ސިފަކޮށްފަ އެވެ.

ޖަރުމަނުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ ތަރުޖަމާނު އިނެސް ޕީޓާސަން ވަނީ ހައްޔަރު ކުރުމުގެ އަމުރެއް ނެރުނުކަން ކަށަވަރު ކޮށްދޭން ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ބީބީސީއަށް ވިދާޅުވީ ތުހުމަތު ކުރެވޭ މީހާއަށް ފިލަން ފުރުސަތު ދީގެން ތަހުގީގަށް ނުރައްކާވާ ގޮތަށް އޭނާގެ އޮފީހުން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށެވެ.

ނަމަވެސް، ވޯސާގައި ހުންނަ ޕޮލެންޑްގެ ޕްރޮސެކިއުޓާ ޖެނެރަލްގެ ތަރުޖަމާނު އެނާ އަޑަމިއާކް ބީބީސީއަށް ވިދާޅުވީ ހަގީގަތުގައި ވެސް އޭނާ ހައްޔަރު ކުރުމުގެ އަމުރު ޖަރުމަނުގެ ޕްރޮސެކިއުޓަރުން އެ މީހުންނަށް ފޮނުވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޕޮލެންޑުގެ އޮފިސަރުން ޖުލައި މަހުގެ ކުރީކޮޅު ވޮލޮޑިމީރް ޒެޑްގެ ގެއަށް ދިޔަ އިރު، އޭނާ ވަނީ ގައުމު ދޫކޮށް ޔޫކްރެއިންއަށް ގޮސްފައި ކަމަށެވެ.

ޖަރުމަނުގެ މީޑިއާތަކުން ބުނާ ގޮތުގައި އޭނާ އޭރު ދިރިއުޅެމުން ދިޔައީ ވޯސާ ކައިރީގައި އޮންނަ ހަމަހިމޭން އަވަށެއް ކަމަށްވާ ޕްރޫޒްކޯ ސަރަހައްދެއްގަ އެވެ.

ޕަބްލިކް ބްރޯޑްކާސްޓަރު އޭއާރުޑީ ހިމެނޭ ގޮތަށް ޖަރުމަނުގެ ތިން މީޑިއާއަކުން ކުރި ތަހުގީގަށް އެނގިފައިވާ ގޮތުގައި، ވޮލޮޑިމިރް ޒެޑް ވަނީ ސެޕްޓެމްބަރު 2022ގައި ޖަރުމަނުގެ ޔޮޓެއް ކުއްޔަށް ހިފައިގެން ބޯލްޓިކް ކަނޑުގެ ސަރަހައްދަށް ދަތުރުކޮށް، ނޯޑް ސްޓްރީމްގެ ހަތަރު ހޮޅިއެއްގެ ތެރެއިން ތިން ހޮޅިއެއްް ގޮއްވާލި ޔޫކްރެއިންގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމެއްގައި ހިމެނިފަ އެވެ.

މީގެ އިތުރުން، ޔޫކްރެއިންގެ ފިރިހެނަކާއި ޔޫކްރެއިންގެ އަންހެނަކު ވެސް އެ ހޮޅިތައް ގޮއްވާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެ އެވެ.

ޔޫކްރެއިންގެ ޑައިވަރުންގެ ބަޔަކު ހޮޅިތައް ގޮއްވާލި ކަމަށް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތެއް ނަމަ، ހަމަލާ ދޭން އަމުރުކުރީ ކާކުތޯ ކުރާ ސުވާލަށް އަދިވެސް ޖަވާބެއް ނުލިބެ އެވެ.

އެ މައްސަލާގައި ޔޫކްރެއިން ނުވަތަ ރަޝިއާގެ ދައުލަތާ ނުވަތަ އެހެން ގައުމަކާ ނުވަތަ ވަކިވަކި ޖަމާއަތަކާ ގުޅިފައިވާ ކަމުގެ އެއްވެސް އާންމު ހެއްކެއް އަދި މިހާތަނަށް ފެނިފައެއް ނުވެ އެވެ.

އެ ހަމަލާގެ ވަށައިގެން ތަފާތު ވާހަކަތައް ފެތުރެމުން ދާއިރު، އެ ހަމަލާގެ ފަހަތުގައި ޔޫކުރެއިން، ރަޝިޔާ، ނުވަތަ އެމެރިކާގެ ސަރުކާރު އޮތް ކަމަށް ކަށަވަރު ނުވާ ވާހަކަތައް ވަނީ ފެތުރިފަ އެވެ.

ޔޫކްރެއިންގެ ސަރުކާރަށް ނޭނގި ހަރަކާތްތެރިވި ޔޫކްރެއިން ނުވަތަ ރަޝިއާގެ އަސްކަރީ ޖަމާއަތްތަކުން އެކަމުގެ ޒިންމާ އުފުލަން ޖެހިދާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.

ނޯޑް ސްޓްރީމް ހޮޅިތަކުން ރަޝިއާއިން ޖަރުމަނަށް ގޭސް އުފުލާފައިވަނީ ބޯލްޓިކް ކަނޑުގެ އަޑިންނެވެ. އަދި އެއީ ޔޫރަޕްގެ ހަކަތަ މޮސްކޯއަށް ބަރޯސާވާ ކަމުގެ ދެބަސް ނުވޭނެ ރަމްޒެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ މިފަދަ ހަމަލާއެއް ދޭން މެދުވެރިވި މަގުސަދުތައް ހީކުރުމަކީ ފަސޭހަ ކަމެކެވެ.

ރަޝިޔާގެ ގޭހަށް ބަރޯސާވުމުގެ ސަބަބުން ޔޫރަޕް ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ބުނެ، އިރުމަތީ ޔޫރަޕުން ބާލިންއަށް އިންޒާރުދޭތާ އެތައް އަހަރެއް ވަނީ ވެފަ އެވެ.

ނަމަވެސް، ޖަރުމަނުގެ ސަރުކާރުތަކުން، ގެހާޑް ޝްރޯޑާގެ ވާތުފިޔައިގެ އިއްތިހާދުން ފެށިގެން އެންޖެލާ މާކެލްގެ ކޮންޒަވޭޓިވް ކޯލިޝަންތަކާ ހަމައަށް، ހަކަތަ އާއި ވިޔަފާރީގެ ގުޅުންތަކާ އެކު ރަޝިއާ ޔޫރަޕަށް ބަނދެލުމަކީ ދެ ގައުމަށް ވެސް އިގްތިސާދީ ގޮތުން އެހީތެރިވެ، ސުލްހަ ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ބުނަމުން ދިޔަ އެވެ.

ނަމަވެސް، ފެބްރުއަރީ 2022ގައި ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމުން، ޖަރުމަނުގެ ސިޔާސީ މައިދާނުގައި ތިބި އުއްމީދާއި މެއިންސްޓްރީމް ސިޔާސީ ފަރާތްތަކުން މިހާރު ވަނީ އެއީ ގޯހެއް ކަމަށް އިއުތިރާފުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް