ޔޫކުރެއިންގެ ޓޭންކެއް ރަޝިޔާއަށް ދާން މިސްރާބު ޖަހާފައި

ޔޫކްރެއިނުން ދިން ހަމަލާއަށް ފަހު ރަޝިޔާގެ ދެވަނަ ސަރަހައްދުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

14 އޯގަސްޓު 2024

ޔޫކްރެއިން ސިފައިން ދިން ހަމަލާތަކާ ގުޅިގެން ރަޝިއާގެ ބެލްގޯރޯޑްގެ ބޯޑަރު ސަރަހައްދުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.

ބެލްގޯރޯޑްގެ ގަވަރުނަރު ވިޔަޗެސްލާވް ގްލެޑްކޯވް ވިދާޅުވީ މަތިމައްޗަށް ކޮންމެ ދުވަހަކު  ބޮމުގެ ހަމަލާތައް ދެމުންދާތީ ހާލަތު ވަރަށް ގޯސް ކަމަށެވެ.

"ގެތައް ހަލާކުވެ، އާންމުންތައް މަރުވެ، ބަޔަކު ވަނީ ޒަހަމުވެފައި،" އޭނާ ވިދާޅުވި އެވެ.

މިއީ މިދިޔަ ހަފުތާގައި ޔޫކްރެއިންއިން ރަޝިއާގެ ކުރުސްކް ސަރަހައްދަށް ކުއްލި ގޮތަކަށް ބޯޑަރު ހުރަސްކޮށް ދިން ކުއްލި ހަމަލާއާ ގުޅިގެން އެ ސަރަހައްދުގެ ގިނަ އަދަދެއްގެ މީހުން ހުސްކޮށް، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އެ ސަރަހައްދުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން އެޅި ފިޔަވަޅެކެވެ.

ޓެލެގްރާމްގައި ދެއްވި ވީޑިއޯއެއްގައި ގަވަރުނަރު ގްލެޑްކޯވް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު "ފެޑެރަލް ލެވެލްގައި" އިއުލާނު ކުރުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޝެބެކިނޯ ސިޓީ އާއި އުސްޓިންކާ އަވަށަށް ޔޫކްރެއިންގެ ޑްރޯންތަކުން ހަމަލާ ދީފައިވާ ކަމަށެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ރަޝިއާއިން ބުނީ އެ ޑްރޯންތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ހަތަރު ސަރަހައްދަކަށް ކަމަށެވެ. އެއީ ކުރުސްކް، ވޮރޮނެޒް، ބެލްގޯރޯޑް އަދި ނިޒްނީ ނޮވްގޮރޯޑްއަށް ކަމަށެވެ. އަދި އޭގެ ތެރެއިން 117 ޑްރޯންއެއް ރޭގަނޑު ދިން ހަމަލާގައި ވައްޓާލާފައިވާ ކަމަށް ވެސް ރަޝިޔާއިން ބުނެ އެވެ.

ބެލްގޯރޯޑް އޮންނަނީ 2022 ވަނަ އަހަރު މޮސްކޯއިން ރަޝިޔާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށި ފަހުން ޔޫކްރެއިންއިން ރަޝިޔާއަށް އެންމެ ބޮޑަށް ވަދެވުނު ކުރްސްކް ސަރަހައްދުގެ ދެކުނުގަ އެވެ.

އިއްޔެ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވީ ރަޝިއާގެ ސަރަހައްދަށް ޔޫކުރެއިންގެ ސިފައިން އިތުރަށް ވަދެފައިވާ ކަމަށެވެ. އަދި އަސްކަރިއްޔާގެ ވެރިޔާ އޮލެކްސެންޑާ ސިރްސްކީ ވިދާޅުވީ 74 އާބާދީއެއް ހިފައިގެން 40 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ކިއެވްގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ނަމަވެސް ރަޝިއާގެ ބިންތައް ހިފާފައިވަނީ ކިހާ ވަރަކަށް ކަމެއް އަދި ޔަގީނެއް ނުވެ އެވެ. ސިރްސްކީ މީގެ ކުރިން ވިދާޅުވި ޖުމްލަ 1000 އަކަ ކިލޯމީޓަރު ޔޫކްރެއިންގެ ބާރުގެ ދަށުގައި އޮތް ކަމަށް ވިދާޅުވުމާ ވިދާޅުވުމާ މެދު ވަނީ ޝައްކު އުފެދިފަ އެވެ.

ޔޫކްރެއިން އިން ބުނީ ރަޝިއާގެ ބިންތައް ހިސޯރުކޮށްގެން އޮންނަން ބޭނުން ނުވާ ކަމަށާއި މޮސްކޯއިން އިންސާފުވެރި ސުލްހައަކަށް އެއްބަސްވެއްޖެ ނަމަ ހަމަލާދިނުން ހުއްޓާލާނެ ކަމަށެވެ.

ޔޫކުރެއިންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ހިއޯރްހީ ޓައިކީ ވިދާޅުވީ ރަޝިއާގެ ބިންތައް "އަތުލަން" ކީވް ޝައުގުވެރިނުވާ ކަމަށެވެ.

"އިންސާފުވެރި ސުލްހައެއް ގާއިމުކުރަން ރަޝިއާއިން އެއްބަސްވާ ވަރަކަށް... ޔޫކްރެއިންގެ ދިފާއީ ބާރުތަކުން ރަޝިޔާއަށްދޭ ހަމަލާތައް ހުއްޓޭނެ،" އޭނާ ވިދާޅުވި އެވެ.  

ރައީސް ޕޫޓިން ހޯމަ ދުވަހު ވިދާޅުވީ ސުލްހަވެރި ސެޓްލްމަންޓް ޕްލޭނަކަށް އެނބުރި ދިއުމަށް ރަޝިޔާއިން ހުށަހެޅި ހުށަހެޅުންތަކަށް ޔޫކްރެއިން އިން ދެކޮޅު ހަދާފައިވާ ކަމަށެވެ.

"ދުޝްމަނުން، ހުޅަނގުގެ އާރުކާޓީންނާ އެކު، އެމީހުންގެ ބޭނުން ފުއްދަމުން އަންނަތަން ފެންނަ އިރު އަދި ހުޅަނގުން ޔޫކްރެއިންގެ މީހުން ބޭނުންކޮށްގެން އަޅުގަނޑުމެންނާ ހަނގުރާމަ ކުރަމުން އެބަގެންދޭ،" ޕޫޓިން ވިދާޅުވި އެވެ.

ރަޝިއާ ސިފައިން 2014 ވަނަ އަހަރު ހިފާފައިވާ ކްރައިމިއާ ހިމެނޭ ގޮތަށް ޔޫކްރެއިންގެ ހުރިހާ ސަރަހައްދެއް ދޫކޮށް ރަޝިޔާ ސިފައިން ނުދާހާ ހިނދަކު ޔޫކްރެއިން އިން މޮސްކޯއާ އެކު މަޝްވަރާ ނުކުރާނެ ކަމަށް ރައީސް ޒެލެންސްކީ ގެންދަވަނީ ކުރިއްސުރެ ވިދާޅުވަމުންނެވެ.

ޔޫކްރެއިންގެ ކުރިއެރުން ހުއްޓުވަން ރަޝިއާއިން މިހާތަނަށް މަސައްކަތްކޮށްފައިވާ އިރު، ކުރުސްކް ސަރަހައްދުގެ ބައެއް ސަރަހައްދުތަކުގައި ރަޝިއާގެ ގާތްގަނޑަކަށް 200،000 މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއްޔެ ވިދާޅުވީ ޔޫކުރެއިންގެ މި ހަމަލާގެ ސަބަބުން ޕޫޓިންއަށް ހަގީގީ އުނދަގުލެއް ކުރިމަތިވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް