އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ހާމަނާއީ ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާގެ ކަށުނަމާދުގައި ތެހެރާންގައި ބައިވެރިވެވަޑައިގަންނަވަނީ
ހަނިއްޔާގެ ކަށުނަމާދެއް ހާމަނާއީ އިސްވެ ހުންނަވައިގެން ކުރައްވައިފި
އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ހާމަނާއީ ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާގެ ކަށުނަމާދުގައި ތެހެރާންގައި ބައިވެރިވެވަޑައިގެންފި އެވެ.
ހަނިއްޔާ އާއި ފަލަސްތީނުގެ ދިދަތަކުގެ ޕޯސްޓަރުތައް ހިފައިގެން އެތައް ހާސް ބަޔަކު މިއަދު ވަނީ ވެރިރަށް ތެހެރާންގައި ހުންނަ ތެހެރާން ސިޓީ ސެންޓަރަށް އެއްވެފަ އެވެ.
އިއްޔެ ދިން ހަމަލާގައި އަވަހާރަވި ހަނިއްޔާގެ ހަށިގަނޑާއި އޭނާގެ ބޮޑީގާޑާ އެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ ފަސް ކިލޯ މީޓަރުގެ ރާސްތާއެއް ކަނޑައްތުކޮށް މިނިވަން ކަމުގެ ސްކެއާއަށް ހިނގައިފަ އެވެ.
ފަސްދާނު ލުމަށް ހަނިއްޔާގެ ހަށިގަނޑު ގަތަރުގެ ވެރިރަށް ދޯހާއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ ހަފުލާ ފައްޓަވައިދެއްވީ އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބަގޭރު ގާލިބާފް ދެއްވި ތަގުރީރަކުންނެވެ.
"ޝަހީދު އިސްމާއިލް ހަނިއްޔާއަކީ މުޅި ދުނިޔޭގައި ވެސް ފަލަސްތީނު ރައްޔިތުންގެ އަޑު،" އޭނާ ވިދާޅުވި އެވެ.
"އޭނާއަކީ ހަމައެކަނި ލީޑަރެއް ނޫން. އޭނާއަކީ ބުއްދިވެރި ބޭކަލެއް،"
ގާލިބާފް އިތުރަށް ވިދާޅުވީ ތެހެރާނު ފަސްގަނޑުގައި ހަނިއްޔާ އަވަހާރަކޮށްލުމަކީ ޖަވާބުދާރީ ކުރުވާނެ ކަމެއް ކަމަށެވެ.
"އަހަރެމެންގެ ޖަވާބެއް އޮންނާނެ. ރަނގަޅު ވަގުތުގައި އަދި ރަނގަޅު ތަނެއްގައި. އަޅުގަނޑުމެންގެ މެހުމާނަށް އަމާޒުކޮށް އަޅުގަނޑުމެންގެ ފަސްގަނޑުގައި އަވަހާރަކޮށްލުމަކީ އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވާ ކަމެއް." އޭނާ ވިދާޅުވި އެވެ.
ތެހެރާންގައި ހަނިއްްޔާ އަވަހާރަކޮށްލުން ބައެއް މީހުންގެ ވިސްނުން ދެކަފިވެފައިވާ ކަމަށް ދޯހާއިން ވާހަކަ ދައްކަމުން އަލްޖަޒީރާގެ ރެސުލް ސެރްދާރު ބުންޏެވެ.
"އެއްކޮޅުން އީރާނުގެ ރައްޔިތުން ހަގީގަތުގައި ވެސް ރުޅިގަދަވަނީ މިހާރު ހިނގަމުންދާ މި މަރާގުޅިގެން، މިއީ އީރާނުގައި ހިނގި ފުރަތަމަ އަވަހާރަކޮށްލުން ނޫން ކަމަށް ވާތީ،" އޭނާ ބުންޏެވެ.
"އަނެއްކޮޅުން ސަރަހައްދީ ހަނގުރާމައަކަށް މަގުފަހިވާ ފަދަ ސީރިއަސް ބަދަލުހިފުމެއް އަތުވެދާނެތީ އީރާނުގެ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާތަން ތިޔަބޭފުޅުންނަށް ފެންނާނެ."
އިރާނުގެ ވެރިރަށް ތެހެރާނުގައި ހަނިއްޔާ އާއި ހަށިފާރަވެރިޔާ އަވަހާރަކޮށްލީ އެ ބޭފުޅުން ތިއްބެވި އިމާރާތަށް ހަމަލާދީ އެވެ.
ހަމާސްގެ ލީޑަރު ތެހެރާނަށް ވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހު އަލަށް އިންތިހާބުވި ރައީސް މަސްއޫދު ޕެޒެޝްކިއަން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ހާމަނާއީ ވަނީ އިޒްރޭލަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި ވިދާޅުވީ "އީރާނުގެ ސަރަހައްދުގައި އޭނާ ޝަހީދުކޮށްލުމުގެ ލޭގެ ބަދަލު ހިފުމަކީ އަޅުގަނޑުމެންގެ ވާޖިބެއް" ކަމަށެވެ.
ޕެޒެޝްކިއަން އިއްޔެ ވިދާޅުވީ ޒަޔަނިސްޓުން (އިޒުރާއީލަށް) އެމީހުންގެ އަނިޔާވެރި އަމަލުގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ.