މީހަކު ހަނިއްޔާގެ ފޮޓޯއެއް ހިފަހައްޓައިގެން: ހަނިއްޔާ އަވާހަރަކޮށްލީ ސީދާ އޭނާއަށް އަމާޒުކޮށްދިން މިސައިލް ހަމަލާއެއްގައި
އިޒްރޭލަށް ބަދަލު ހިފާނެ ކަމުގެ އިންޒާރު އީރާނުން ދީފި
ހަމާސްގެ ލީޑަރު އަވަހާރަކޮށްލުމުގެ ޒިންމާ އިޒްރޭލުން އުފުލަން ޖެހޭނެ ކަމަށް ބުނެ އިޒްރޭލަށް ހަރުކަށި އަދަބު ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި އެވެ.
ތެހެރާނުގައި އިސްމާއީލް ހަނިއްޔާ އިއްޔެ އަވަހާރަކޮށްލި މައްސަލައާ ގުޅޭ ގޮތުން އިޒްރޭލުން ސީދާ އެއްޗެއް ބުނެފައެއް ނުވެ އެވެ.
ނަމަވެސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ މި ފަހުން އިޒްރޭލުގެ ދުޝްމަނުންނަށް ވަރަށް ބޮޑެތި ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ތެހެރާން ހަމަލާގެ ގަޑިއިރުތަކެއް ކުރިން ލުބުނާނުގެ ހިޒްބުاللهގެ އިސް ކޮމާންޑަރަކު އަވަހާރަކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މެދުއިރުމަތީގައި ބޮޑު ހަމަނުޖެހުމެއް އުފެދިދާނެ ކަމުގެ ބިރު އޮތް ކަމަށާއި "ގޮންޖެހުން ބޮޑު ދުވަސްތައް ކުރިއަށް އޮތް" ކަމަށް ވިދާޅުވެ، އިޒްރޭލުގެ ރައްޔިތުންނަށް އޭނާ އިންޒާރު ދެއްވި އެވެ.
"ބެއިރޫތު ހަމަލާއަށް ފަހު ހުރިހާ ދިމާލަކުން ވެސް ވަށައިގެން އިންޒާރުތައް އެބަހުރި،" ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މީހުން ތިބީ ކޮންމެ ހާލަތަކަށް ވެސް ތައްޔާރަށް ކަމަށާއި ކޮންމެ ނުރައްކަލަކާ ދެކޮޅަށް ވެސް އެއްބައިވަންތަކަމާއި އަޒުމް ކަނޑައެޅިގެން ތިބޭނެ ކަމަށެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވެސް އިންޒާރު ދެއްވާފައިވަނީ ކުރިއަށް ހުރި ދުވަސްތަކުގައި މެދުއިރުމަތީގައި ނުރައްކާތެރި ހަމަނުޖެހުންތައް އުފެދިދާނެ ކަމަށެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަމާސްގެ ހަތިޔާރު އެޅި ގޮފިން ބުނީ އެ ޖަމާއަތުގެ އިސް ލީޑަރު ހަނިއްޔާ އަވަހާރަކޮށްލުމަކީ "ހަނގުރާމަ އާ ހަރުފަތަކަށް ގެންދިއުން" ކަމަށާއި އޭގެ ބަދަލު ހިތި ގޮތަކަށް ހިފާނެ ކަމަށެވެ.
ގާޒާގައި ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތަކުގައި މުހިންމު ދައުރެއް އަދާކުރެއްވި ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އީރާނުގެ އާ ރައީސް މަސްއޫދު ޕެޒެޝްކިއަން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިތާ ގަޑިއިރުތަކެއް ފަހުންނެވެ.
ހަމާސްގެ އިސް އޮފިޝަލަކު ބީބީސީއަށް ވިދާޅުވީ ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ ހަނިއްޔާ މީގެ ކުރިން އީރާނަށް ކުރެއްވި ދަތުރުތަކުގައި ވެސް ހުންނެވި ގެސްޓްހައުސްގައި ކަމަށެވެ.
ހަމާސްގެ ތިން ލީޑަރުންނާއި ގިނަ އަދަދެއްގެ ގާޑުން އެއް އިމާރާތެއްގައި އޭނާއާ އެކު ތިއްބެވި ކަމަށް ވެސް ހަމާސްގެ އޮފިޝަލު ވިދާޅުވި އެވެ.
ހަމާސްގެ އިސް އޮފިޝަލް ހަލީލް އަލް ހައިޔާ ނޫސްކޮންފަރެންސެއްގައި ވިދާޅުވީ މިސައިލު ފޮނުވާލީ ސީދާ ހަނިއްޔާއަށް އަމާޒުކޮށް ކަމަށެވެ.
ހަނިއްޔާ އަވަހާރަކޮށްލުމުގެ ގަޑިއިރުތަކެއް ކުރިން އިޒްރޭލުން ބުނެފައި ވަނީ ބެއިރޫތުގައި ހިޒްބުاللهގެ އިސް ކޮމާންޑަރު ފުއާދު ޝުކްރު އަވަހާރަކޮށްލާފައިވާ ކަމަށެވެ.
އިޒްރޭލުން ގަބޫލުކުރާ ގޮތުގައި، އިޒްރޭލުން ހިފާފައިވާ ގޯލާން ހައިޓްސްގައި މިދިޔަ ހޮނިހިރު ދުވަހު ދިން ރޮކެޓް ހަމަލާއެއްގައި 12 މީހަކު މަރާލުމުގެ ޒިންމާ އުފުލަން ޖެހެނީ ހިޒްބުاللهގެ އިސް ކޮމާންޑަރު ފުއާދު ޝުކްރެވެ. ނަމަވެސް ހިޒްބުالله އިން އެ ތުހުމަތު ދޮގު ކުރެ އެވެ.
އީރާނަށް ތާއީދުކުރާ ޖަމާއަތުން ބުނި ގޮތުގައި ޝުކްރުގެ ހަށިގަނޑު ފެނިފައިވަނީ މީހުން ދިރިއުޅޭ އިމާރާތުގެ ކުނިތަކުގެ ތެރެއިންނެވެ. އެ ހަމަލާގައި ކުޑަ ދެކުދިންނާ އެކު އިތުރު ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.
އެމެރިކާއިން ވަނީ ލުބުނާނަށް ދަތުރު ނުކުރުމަށް ނަސޭހަތްތެރިވެފަ އެވެ. އަދި އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ވަނީ އެ ގައުމުގެ ރައްޔިތުން ލުބުނާން ދޫކޮށް ދިއުމަށް ވެސް އިލްތިމާސްކުރައްވާފަ އެވެ.
ބައެއް އެއާލައިންތަކުން ބެއިރޫތަށް ކުރާ ދަތުރުތައް ވަނީ ކެންސަލްކޮށްފަ އެވެ. އަދި ޔުނައިޓެޑް، ޑެލްޓާ އަދި ބްރިޓިޝް އެއާވޭސް އިން ތެލްއަވީވްއަށް ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވާކަން އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ.