ސްރީލަންކާގެ ކޮލަމްބޯ. (ފޮޓޯ/ރޮއިޓާސް)

ސްރީ ލަންކާ

ލަންކާގެ ރިޔާސީ އިންތިހާބު 21 ސެޕްޓެމްބަރުގައި ބާއްވަނީ

26 ޖުލައި 2024

ސްރީ ލަންކާގައި ރައީސަކު ހޮވުމަށް އަންނަ 21 ސެޕްޓެމްބަރުގައި ވޯޓު ލުމަށް ސަރުކާރުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ. 

އެ އިންތިހާބަށް ފަހު، ފާއިތުވި އަހަރުތަކުގައި ކުރިމަތިވި އެންމެ ބޮޑު މާލީ ކާރިސާގެ ސަބަބުން އެ ގައުމަށް ގެންނަން ޖެހޭ އިސްލާހުތަކުގެ މުސްތަގުބަލު ކަނޑައެޅޭނެ ކަމަށް ބެލެވެ އެވެ.

ސަރުކާރުން ކުރި އިއުލާންގައިވާ ގޮތުން، އިންތިހާބަށް ނަން ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

އާބާދީގައި 22 މިލިއަން މީހުން ދިރިއުޅޭ އަދި 17 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ގައުމުގައި މިހާރުގެ ރައީސް ރަނިލް ވިކްރަމްސިންހާ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ވިކްރަމަސިންހަ، 75، ވެރިކަމާ ހަވާލުވެވަޑައިގަތީ ޖުލައި 2022ގެ ތެރޭގަ އެވެ. އެއީ އެ ގައުމަށް މާލީ ގޮތުން ކުރިމަތިވި ހީނަރުކަމުގެ ސަބަބުން ކުރި ބޮޑެތި މުޒާހަރާތަކުގެ ތެރޭގައި އޭރުގެ ރައީސް ގޯތަބާޔަ ރާޖަޕަކްސަ ގައުމު ދޫކޮށް ވަޑައިގަތުމަށް ފަހު އިސްތިއުފާ ދެއްވުމުންނެވެ.

ރާޖަޕަކްސާ އިސްތިއުފާ ދެއްވުމަށް ފަހު، 2019 ވަނަ އަހަރުގެ އިންތިހާބަށް ފަހު، ފަސް އަހަރުގެ ދައުރުން ބާކީ އޮތް ބައި ފުރިހަމަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން މަތި ކުރީ ވިކްރަމަސިންހަގެ މައްޗަށެވެ.

 "އެއީ ސްރީ ލަންކާއަށް ނާޒުކު ދަނޑިވަޅެއް،" ކޮލަމްބޯގެ ސެންޓާ ފޯ ޕޮލިސީ އޮލްޓަނޭޓިވްސްގެ ސީނިއާ ރިސާޗަރު ބަވާނީ ފޮންސެކާ ވިދާޅުވި އެވެ.

"އިންތިހާބެއް ބޭއްވުމަކީ ޑިމޮކްރަސީއަށް ވަރަށް މުހިންމު ކަމެއް. ނަމަވެސް މިހާރު އިލެކްޝަންސް ކޮމިޝަނުން ކުރަން ޖެހޭ ކަމަކީ އެ ބޭފުޅުންނަށް ގާނޫނުން ލާޒިމްކުރާ ކަންކަން ކުރުން. އެ ފުރުސަތު ދޭން ޖެހޭ. މިނިވަން އިންސާފުވެރި އިންތިހާބެއް އޮތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް."

ވިކްރަމަސިންހާ ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕްރޮގްރާމެއް ފައްޓަވައި ހީނަރުވެފައިވާ އިގްތިސާދު އަނބުރާ އިއާދަ ކުރައްވައިފަ އެވެ. އަދި ސެޕްޓެމްބަރު 2022ގައި %70ގައި ހުރި އިންފްލޭޝަން މިދިޔަ ޖޫން މަހު %1.7އަށް ދަށަށް ގެންނަވައި ރުޕީސްގެ އަގުމަތިކޮށް، ކުރިން ހީނަރުވެފައިވާ ފޮރިން އެކްސްޗޭންޖް ރިޒާވް އަލުން އާރާސްތުކުރައްވައިފަ އެވެ.

ލަންކާގެ އިގްތިސާދު މި އަހަރު %3ގައި ކުރިއަރާނެ ކަމަށް ލަފާކުރެވެ އެވެ. އެއީ މިދިޔަ އަހަރު %2.3 ދަށަށް ދިއުމަށް ފަހު އަދި ކާރިސާގެ އެންމެ ނުރައްކާތެރި ދުވަސްވަރު %7.3  ދަށަށް ދިއުމަށް ފަހު އެވެ.

ޖަޕާން، ޗައިނާ އަދި އިންޑިއާ ފަދަ ކްރެޑިޓަރުން ވަނީ މިދިޔަ މަހު 10 ބިލިއަން ޑޮލަރުގެ ދަރަނި ފަސްކޮށްދީފަ އެވެ. އަދި އޭގެ ސަބަބުން ކޮލަމްބޯއަށް ހަތަރު އަހަރަށް ފައިސާ ދެއްކުން ފަސްކޮށް، 5 ބިލިއަން ޑޮލަރު ސަލާމަތް ކުރެވި، ނޭވާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ނަމަވެސް، 12.5 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗާ ކުރުމާ ގުޅޭ ގޮތުން ބޮންޑް ހޯލްޑަރުންނާ އެކު ހަދާފައިވާ އިބްތިދާއީ އެއްބަސްވުމާ ގުޅޭ އެންމެ ފަހުގެ ނިންމުތައް މި އަހަރު ފަހުކޮޅު އައިއެމްއެފްގެ ތިން ވަނަ ރިވިއުގެ ކުރިން ނިންމަން ޖެހެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް