ކަތުމަންޑޫ އެއާޕޯޓުގައި މަތިންދާ ބޯޓު ވެއްޓުނު ހާދިސާގައި 18 މީހުން މަރުވި

ނޭޕާލް

ނޭޕާލްގައި މަތިންދާބޯޓެއް ވެއްޓި ޕައިލެޓް ނޫން އެންމެން މަރުވެއްޖެ

25 ޖުލައި 2024

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫން އިއްޔެ ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މަތިންދާބޯޓެއް ވެއްޓި 18 މީހުން މަރުވި ހާދިސާގައި ޕައިލެޓް އެކަނި ސަލާމަތްވެއްޖެ އެވެ.

ނޭޕާލްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ ކޯ ޕައިލެޓް ހިމެނޭ ގޮތަށް ސައުރިޔާ އެއާލައިންސްގެ ފްލައިޓުގައި ތިބި އެންމެންނަކީ، އެކަކު ފިޔަވައި ނޭޕާލު ރައްޔިތުން ކަމަށެވެ. ނޭޕާލު ނޫން މީހާއަކީ ޔަމަނުގެ ރައްޔިތެކެވެ. ފުލުހުން ބުނީ ކަމާ ބެހޭ ފަރާތްތަކުން އެ 18 މީހުންގެ ހަށިގަނޑު ވެސް ހޯދާފައިވާ ކަމަށެވެ.

އެ ހާދިސާގައި ސަލާމަތްވި ހަމައެކަނި މީހަކީ ކެޕްޓަން މަނީޝް ރަތުނާ ޝާކްޔާ އެވެ. އޭނާގެ ހާލު ރަނގަޅެވެ. އަދި ވާހަކަ ވެސް ދައްކަ އެވެ. އޭނާ ސަލާމަތްވީ ބޯޓު ވެއްޓި އަލިފާން ރޯވުމުގެ ކުރިން އެ ސަރަހައްދުގައި ހުރި ކޮންޓޭނަރެއްގައި ޖެހި ބޯޓުގެ މައިގަނޑާއި ކޮކްޕިޓް ވަކިވުމުންނެވެ.

"އޭނާ ސަލާމަތްކުރި އިރު އޭނާގެ މޫނުމަތީގައި ވަރަށް ގިނަ ލޭ ހުރި. ނަމަވެސް ވާހަކަ ދެއްކޭ ފަދަ ހާލަތެއްގައި ހޮސްޕިޓަލަށް ގެންދިޔައީ،" ނޭޕާލު ފުލުހުން ބުންޏެވެ.

އެ ކޮންޓޭނަރަކީ ހެލިކޮޕްޓަރު ކުންފުންޏަކުން އެތަނުގެ މެއިންޓެނެންސް ޓޫލްސް ރައްކާކުރުމަށް ބޭނުންކުރި ކޮންޓެއިނަރެއް

ބޮމްބާޑިއާ ސީއާރުޖޭ 200 މަރުކާގެ މަތިންދާބޯޓު ކަތަމަންޑޫން ފުރީ ބޯޓުގެ މަރާމާތުގެ މަސައްކަތަކަށް، ނޭޕާލްގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ ޕޮކަރާއަށް ދިއުމަށް ކަމަށް އެއާޕޯޓްގެ އޮފިޝަލުން ވިދާޅުވި އެވެ. އަދި ބޯޓުން ދަތުރު ކުރި އެންމެންނަކީ ވެސް މެކޭނިކް ނުވަތަ އެއާލައިންގެ މުވައްޒަފުން ކަމަށް ވެސް އެ އޮފިޝަލުން ވިދާޅުވި އެވެ.

ޕައިލެޓުގެ ލޮލަށް އެކި ވަރުގެ ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި ނަމަވެސް އޭނާގެ ފުރާނައަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ޕައިލެޓަށް ފަރުވާ ދެމުން އަންނަ ކަތުމަންޑޫ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގެ ޑޮކްޓަރަކު ވިދާޅުވި އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ކަތަމަންޑޫ އެއާޕޯޓުން އިއްޔެ ބޯޓު ފުރީ ހެނދުނު 11:11ގައި ކަމަށާއި ބޯޓު ފުރައިގެން ކަނާތް ފަރާތަށް އަނބުރާލި ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ބޯޓު ވެއްޓުނީ އެއާޕޯޓުގެ އިރުމަތީ ފަރާތަށް ކަމަށެވެ.

މިއީ ކަތުމަންޑުއަށް މޫސުމީ ވިއްސާރަ ކުރާ ދުވަސްވަރެކެވެ. ނަމަވެސް ބޯޓު ވެއްޓުނު އިރު ވާރޭ ވެހިފައެއް ނުވެ އެވެ. މުޅި ވެރި ރަށުގައި ވެސް ދުރު ފެންނަނީ ވަރަށް ކުޑަކޮށެވެ.

ނޭޕާލުގެ މައި އެއާޕޯޓު، ކަތަމަންޑޫ އެއާޕޯޓަކީ ވަށައިގެން ފަރުބަދަތައް އޮންނަ ވާދީއެއްގެ ތެރޭގައި އޮންނަ އެއާޕޯޓެކެވެ. އެއާޕޯޓް އޮންނަނީ ކެޕިޓަލް ސިޓީއާ ޖެހިގެންނެވެ. އަދި ވަށައިގެން ގެތަކާއި މީހުން އުޅެ އެވެ.

މަރުވި މީހުންގެ ހަށިގަނޑުތައް މިހާރު ވަނީ ޕޯސްޓްމޯޓަމް ހެދުމަށް ކަތަމަންޑޫގެ ޓީއާރުޔޫ ޓީޗިން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެ އެއާލައިންގެ މެނިފެސްޓުން ދައްކާ ގޮތުގައި، އެ ބޯޓުގައި ދެ ޕައިލެޓުންނާއި 17 ފަސިންޖަރުން ދަތުރު ކުރި އެވެ.

ކޯ ޕައިލެޓް ސަސަންތު ކަޓުވާލް އަކީ ފްރާންސުން ތަމްރީނު ފުރިހަމަކޮށްފައިވާ މީހެކެވެ. އޭނާ ހިދުމަތާ ގުޅުނުތާ އަދި ވާނީ ތިން އަހަރު ކަމަށް އޭނާގެ ބޮޑުބޭބެ ބުންޏެވެ. އަދި އިތުރު ތަމްރީނުތަކަށް ޖަރުމަނަށް ދިއުމަށް ވިސާ ލިބިފައިވާ ކަމަށާއި އެކަމާ އޭނާ ވަރަށް އުފާ ކުރި ކަމަށް ވެސް އޭނާގެ ބޭބެ ބުންޏެވެ.

އޭނާގެ މައިންބަފައިން ހިތާމަކުރަނީ އެ މީހުންގެ ހުރި ހަމައެކަނި ދަރިފުޅު ގެއްލުމުންނެވެ. އޭނާ ހުރީ ކައިވެނި ނުކޮށެވެ.

އެ ހާދިސާއަށް ފަހު ނޭޕާލްގެ މައި އެއާޕޯޓު، ޓްރިބުވަން އިންޓަނޭޝަނަލް އެއާޕޯޓު އިންވެސްޓިގޭޓަރުންގެ މަސައްކަތް ފެށުމުން އެތައް ގަޑިއިރަކަށް ބަންދުކުރި އެވެ.

ސައުރިޔާ އެއާލައިންސް އިން ބޮމްބާޑިއާ ސީއާރްޖޭ 200 މަރުކާގެ ބޯޓުތައް ދަރުތައް ކުރަނީ އެތެރޭގެ ދަތުރުތަކުގަ އެވެ.

މީގެ ހަތަރު އަހަރު ކުރިން، 2019 ވަނަ އަހަރު ބަންގްލަދޭޝްގެ މަތިންދާބޯޓެއް ޓްރިބުވަން އެއާޕޯޓަށް ވެއްޓި 51 މީހުން މަރުވިއިރު، 20 މީހަކު ސަލާމަތްވި އެވެ.

މީގެ ނުވަ އަހަރު ކުރިން، 2015 ވަނަ އަހަރު ޓާކިޝް އެއާލައިންސްގެ ޖެޓެއް ގަދަ ވިއްސާރައިގެ ތެރޭގައި ޖެއްސި އިރު، ބޯޓު ވަނީ ރަންވޭ މަތިން ކަހާލައިފަ އެވެ. ނަމަވެސް، އެ ބޯޓުގައި 238 މީހުންނަށް ބޮޑު ޒަހަމެއް ނުލިބި ވަނީ ސަލާމަތްވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް