އެމެރިކާގެ ސީކްރެޓް ސާވިސްގެ ޑިރެކްޓަރު ކިމްބާލީ މި ހަފުތާގެ ކުރީކޮޅު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޓްރަމްޕްގެ އެއްވުމުގެ ހާދިސާއަކީ އެ އެޖެންސީއަށް ފާއިތުވި އަހަރުތަކުގައި ލިބުނު އެންމެ ބޮޑު ނާކާމިޔާބީ ކަމަށް[ރޮއިޓާސް]
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލަން އުޅުނު މައްސަލާގައި ޕްރެޝަރާއި ފާޑުކިޔުންތައް އަމާޒުވިތާ ދުވަސްކޮޅެއް ފަހުން ޖާސޫސީ އިދާރާގެ ވެރިޔާ ކިމްބާލީ ޗީޓްލް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އެސޯސިއޭޓެޑް ޕްރެސް ނިއުސް އެޖެންސީން މިރޭ ބުނީ އޭނާ އިސްތިއުފާ ދެއްވަން ނިންމެވިކަން މިއަދު މުވައްޒަފުންނަށް އީމެއިލުން އަންގަވާފައިވާ ކަމަށެވެ.
ޕެންސިލްވޭނިއާގައި މި މަހުގެ 13 ވަނަ ދުވަހު ޓްރަމްޕް ބޭއްވި އެއްވުމުގައި ސަލާމަތީ ޕްރޮޓޮކޯލްތަކާ މެދު ސުވާލު އުފެދޭތީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ޕްރެޝަރު ޗީޓްލްއަށް ވަނީ ކުރިމަތިވެފަ އެވެ. އެ ހާދިސާގައި ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ކަންފަތަށް ވަނީ ވަޒަން އަރައިފަ އެވެ.
"ސެކިއުރިޓީ ފޫއެޅުމުގެ ފުރިހަމަ ޒިންމާ އަޅުގަނޑު ނަގަން،" މުވައްޒަފުންނަށް ފޮނުވި އީމެއިލްގައި ޗީޓްލް ވިދާޅުވި އެވެ. "ފަހުގެ ހާދިސާއަށް ރިއާޔަތްކޮށް، ވަރަށް ބަރު ހިތަކާ އެކު އަދި އުނދަގޫ ނިންމުމަކާ އެކު ތިޔަ ބޭފުޅުންގެ ޑައިރެކްޓަރުގެ މަގާމުން އިސްތިއުފާދޭން ނިންމައިފިން،"
ޓްރަމްޕްގެ ރެލީގައި އެ އެޖެންސީގެ ސެކިއުރިޓީ ޕްލޭނާ ގުޅޭ ގޮތުން އެމެރިކާގެ ކޮންގްރެސް ކޮމިޓީން އިއްޔެ ބޭއްވި އަޑުއެހުމުގައި ޖާސޫސީ އިދާރާގެ ވެރިޔާއަށް ވަނީ ރުޅިގަދަ ސުވާލުތަކެއް ކުރިމަތި ކުރުވައިފަ އެވެ.
"ޖުލައި 13 ވަނަ ދުވަހު ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާއަކީ ފާއިތުވި އަހަރުތަކުގައި ހިނގި، ޖާސޫސީ އިދާރާގެ އެންމެ ބޮޑު އޮޕަރޭޝަނަލް ފެއިލްވުން،" ޗީޓްލް ވިދާޅުވި އެވެ.
"ވަރަށް ސާފުކޮށް ގޯހެއް ހެދުނު، ދެން ދުވަހަކު ވެސް އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" އޭނާ ވިދާޅުވި އެވެ.
ޓްރަމްޕްގެ ކަންފަތަށް ބަޑި ޖެހީ އޭނާ ހުންނެވި ސްޓޭޖް ސީދާ ފެންނަ ގޮތަށް ފުރާޅެއް މަތީގައި ހުރި މީހެއް ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ. އަދި އެއާ އެކު ސަލާމަތީ ގޮތުން ކުރިން އެޅި ފިޔަވަޅުތަކަކީ ކޮބައިތޯ ވަނީ ސުވާލު އުފައްދައިފަ އެވެ.
އެކަކު މަރުވެ، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު ހާދިސާގެ މިނިވަން ތަހުގީގެއް ހިންގުމަށް ރައީސް ޖޯ ބައިޑަން ވަނީ އަންގަވައިފަ އެވެ.
ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގެންދަވަނީ ޗީޓްލްގެ ކިބައިން ވަގުތުން ވަގުތަށް ޖަވާބެއް ހޯދުމަށް ބާރު އަޅަމުންނެވެ. އަދި އެމެރިކާގެ ގާނޫނު ތަންފީޒީ އިދާރާގެ އިސްވެރިންގެ ތެރޭގައި ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އަލެޖަންޑްރޯ މަޔޯކަސް އާއި އެފްބީއައިގެ ޑިރެކްޓަރު ކްރިސްޓޮފާ ރޭ ހިމެނެ އެވެ.
މިއަދު ބައިޑަން ނެރުއްވި ބަޔާނެއްގައި ވަނީ ޗީޓްލް އެތައް ޒަމާނެއް ވަންދެން އާންމު ހިދުމަތުގައި ކޮށްދެއްވި ހިދުމަތަށް ޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ވިދާޅުވީ ވަރަށް އަވަހަށް ސީކްރެޓް ސާވިސްއަށް އާ ޑިރެކްޓަރަކު ހަމަޖެއްސަވާނެ ކަމަށެވެ.
"ޖުލައި މަހުގެ 13 ވަނަ ދުވަހު ހިނގި ކަންކަމުގެ އެންމެ ފުނަށް ފީނައި މިނިވަން ރިވިއު ކުރިއަށް ދާއިރު، އޭގެ ނިންމުންތައް ދެނެގަތުމަށް އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ އެދުވަހު ހިނގި ކަންތައް ދެން ދުވަހަކު ވެސް ތަކުރާރު ނުވާނެކަން." ބައިޑަން ވިދާޅުވި އެވެ.
ކޮމެންޓް (2)
ގާހިރި
ސިނާން