ޗައިނާ އަކީ ދުނިޔޭގައި ވެސް މުސްކުޅި ކުރާ އުމުރު އެންމެ ހަގު ގައުމު
އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވާތީ ޗައިނާގައި މުސްކުޅި ކުރާ އުމުރު މަތިކުރަން ނިންމައިފި
މުސްކުޅިވެފައިވާ އާބާދީ އާއި ޕެންޝަން ނިޒާމަށް ބާރުބޮޑުވުން ކުޑަ ކުރުމުގެ ގޮތުން މުސްކުޅި ކުރާ އުމުރު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މަޑުމަޑުން މަތިކުރަން ޗައިނާ އިން ނިންމައިފި އެވެ.
މީހުން ދިރިތިބޭ އުމުރު އެ ގައުމުގައި މިހާރު ވަނީ އެމެރިކާއަށް ވުރެ މައްޗަށް ގޮސް 78 އަހަރަށް އަރައިފަ އެވެ. އެއީ 1949 ވަނަ އަހަރު ގެނައި ކޮމިއުނިސްޓް އިންގިލާބުގެ ދުވަސް ވަރު އޮތް، މީހުން ދިރިތިބޭ އުމުރު، 36 އަހަރަށް ވުރެ ދެގުނަ ބޮޑު އަދަދެކެވެ.
ނަމަވެސް ޗައިނާގެ ރިޓަޔާމަންޓް އުމުރަކީ ދުނިޔޭގައި ވެސް އެންމެ ދަށް އެއް އުމުރެވެ. އަދި އެއީ ފިރިހެނުން 60 އަހަރު އަދި އަންހެނުން 55 އަހަރެވެ. އޭގެ އިތުރަށް މެދުފަންތީގެ މަސައްކަތްތެރީންގެ ތެރެއިން އަންހެނުން 50 އަހަރެވެ.
ރިޓަޔާކުރާ އުމުރު މަތިކުރުމުގެ ޕްލޭނަކީ މިދިޔަ ހަފުތާގައި ކޮމިއުނިސްޓް ޕާޓީގެ އެންމެ މަތީ ފަންތީގެ ބައްދަލުވުމެއްގައި ފާސްކުރި ސިލްސިލާ ގަރާރުތަކުގެ ތެރޭގައި ހިމެނޭ ޕްލޭނެކެވެ.
"އެކަށީގެންވާ ލުއިފަސޭހަކަމާ އެކު އިހުތިޔާރީ ބައިވެރިވުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، ވިސްނުންތެރިކަމާ އެކު، ގާނޫނީ ރިޓަޔާމަންޓްގެ އުމުރު މަޑުމަޑުން މަތިކުރުމަށް ޓަކައި އިސްލާހުތައް ކުރިއަށް ގެންދާނަން،" ކޮމިއުނިސްޓް ޕާޓީން ބުންޏެވެ.
ނަމަވެސް މުސްކުޅި ކުރާ އުމުރު މަތިކުރާނީ ކިހާ ވަރަކަށް ކަމެއް އަދި ކޮން އިރަކު ކަމެއް ނުބުނެ އެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ފަހުކޮޅު ނެރުނު ޗައިނާ ޕެންޝަން ޑިވެލޮޕްމަންޓް ރިޕޯޓުގައި ބުނެފައި ވަނީ "އުމުރުން 65 އަހަރަކީ އެންމެ ފަހުގެ އެޖެސްޓްމަންޓަށް ވެދާނެ" ކަމަށެވެ.
ޗައިނާގެ ޕެންޝަން ބަޖެޓް ދަށް ކުރުމަށް އެ ޕްލޭން ފޮތުގައި އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ.
ޗައިނާ ސަރުކާރުން ހިންގާ ޗައިނީޒް އެކަޑަމީ އޮފް ސޯޝަލް ސައިންސަސް އިން 2019 ވަނަ އަހަރު ބުނެފައި ވަނީ 2035 ވަނަ އަހަރު އަންނަންވާ އިރަށް އެ ގައުމުގެ މައި ދައުލަތުގެ ޕެންޝަން ފަންޑުން ފައިސާ ހުސްވާނެ ކަމަށެވެ.
އެއީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިން ޖެހި ހިސާބެކެވެ. ކޮވިޑްގައި ޗައިނާގެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެގެން ދިޔަ އެވެ.
ވިހާ ނިސްބަތް ދަށްވާތީ، ހަމަ އެހެންމެ 2023 ވަނަ އަހަރު އެ ގައުމުގެ ބޮޑު އާބާދީ ވަނީ ޖެހިޖެހިގެން ދެ ވަނަ އަހަރަށް ދަށަށް ގޮސްފަ އެވެ.
ޗައިނާގެ ޑެމޮގްރާފަރުންނާ ހަވާލާދީ ޗައިނާގެ ގްލޯބަލް ޓައިމްސް ނޫހުން ބުނީ ރިޓަޔާކުރާ އުމުރު މަތިކުރުމުގެ ޕްލޭން ތަންފީޒު ކުރާނީ "އިހުތިޔާރީ" ކަމެއްގެ ގޮތުގައި ކަމަށާއި "ލުއިފަށޭހަ" ގޮތަކަށް ކަމަށެވެ. އަދި ބުނީ އެއިން އެނގޭ ކަމަކީ މުސްކުޅި ކުރާ އުމުރު ވަކި ގޮތަކަށްް ނިންމުމަކީ ހުރިހާ ރައްޔިތުންގެ މައްޗަށް އެއްގޮތަށް އަމަލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ނަމަވެސް މި ޕްލޭނާ މެދު ޗައިނާގެ އިންޓަނެޓު ބޭނުން ކުރާ މީހުންގެ މެދުގައި ވަނީ ޝައްކު އުފެދިފަ އެވެ