ބަންގުލާދޭޝްގައި ކިޔަވަން ތިބި އިންޑިއާ ކުދިން ރަށަށް ދަނީ.

ބަންގްލަދޭޝް

ބަންގްލަދޭޝްގައި ކިޔަވާ އިންޑިއާގެ 4500އަށް ވުރެ ގިނަ ދަރިވަރުން ހިނގައްޖެ

ބަންގްލަދޭޝްގައި ތިބި އިންޑިއާގެ މީހުންގެ އަދަދު ގާތްގަނޑަކަށް 15،000އަށް އަރާނެ ކަމަށް ލަފާކުރެވޭ؛ އޭގެ ތެރޭގައި 8،500 ދަރިވަރުން ހިމެނޭ
22 ޖުލައި 2024

ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 100އަށް ވުރެ ގިނަ މީހުން މަރުވެ، އެ ހަމަނުޖެހުންތައް އިތުރަށް ކުރިއަށްދާތީ، އެ ގައުމުގައި ކިޔަވަމުން އަންނަ އިންޑިއާގެ 4،500އަށް ވުރެ ގިނަ ދަރިވަރުން އެނބުރި ގައުމަށް ގޮސްފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އިއްޔެ ބުނީ ނޭޕާލުގެ 500 ދަރިވަރުންނާއި ބޫޓާނުގެ 38 ދަރިވަރުންނާއި ރާއްޖޭގެ އެކަކު ވެސް އިންޑިއާއަށް ގޮސްފައިވާ ކަމަށެވެ.

ބަންގްލަދޭޝްގައި ހުންނަ އިންޑިއާގެ މިޝަންތަކުން އިންޑިއާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކާ ގަވާއިދުން ގުޅަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"މިހާތަނަށް އިންޑިއާގެ 4،500އަށް ވުރެ ގިނަ ދަރިވަރުން ވަނީ އެނބުރި އިންޑިއާއަށް ގޮސްފައި. ބޯޑަރު ހުރަސްކުރާ ތަންތަނަށް އިންޑިއާ ރައްޔިތުން ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ ގޮތަށް ސެކިއުރިޓީ އިންތިޒާމުތައް ހައި ކޮމިޝަނުން އަންނަނީ ހަމަޖައްސަމުން،" އެކްސްޓާނަލް އެފެއާޒު މިނިސްޓްރީން ބުންޏެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ އިންޑިއާ ހައި ކޮމިޝަނާއި ޗިޓަގޮންގް، ރާޖްޝާހީ، ސިލްހެޓް އަދި ހުލްނާގައި ހުންނަ ކޮންސިއުލޭޓުތަކުން އިންޑިއާ މީހުން ގައުމަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެ ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން، ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީތަކާއި އެއާލައިންތަކާ ގުޅިގެން އިންޑިއާ އާއި ބަންގްލަދޭޝްއާ ދެމެދު ފްލައިޓްގެ ހިދުމަތް ހަމަޖެއްސޭނެ އިންތިޒާމުތައް ކުރުމަށް ހައި ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ބަންގްލަދޭޝްގެ އެކި ޔުނިވާސިޓީތަކުގައި އިންޑިއާގެ ބާކީ ތިބި ދަރިވަރުންނާއި އިންޑިއާގެ ރައްޔިތުންނާ ވެސް އިންޑިއާގެ މިޝަންތަކުން އަބަދު ވެސް ގުޅައި ހާލުއަހުވާލު ބަލަމުން އަންނަ ކަމަށެވެ.

ހާރިޖީ އޮފީހުގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ ބަންގްލަދޭޝްގައި ތިބި އިންޑިއާގެ މީހުންގެ އަދަދު ގާތްގަނޑަކަށް 15،000އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އޭގެ ތެރޭގައި 8،500 ދަރިވަރުން ހިމެނޭ ކަމަށެވެ.

ބަންގްލަދޭޝްގައި ހިނގާ ހަމަނުޖެހުންތަކުގައި މިހާތަނަށް 100އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. 

އެ ހަމަނުޖެހުންތަކަކީ 1971 ވަނަ އަހަރު ބަންގްލަދޭޝުން ޕާކިސްތާނާ ދެކޮޅަށް ކުރި، ގައުމު މިނިވަންކަމުގެ ހަނގުރާމާގައި ބައިވެރިވި، ކުރީގެ ސިފައިންގެ އާއިލާތަކަށް ސަރުކާރުގެ ވަޒީފާތަކުގެ %30އާ ހަމައަށް ރިޒާވްކުރާ ކޯޓާ ނިޒާމެއް އުވާލުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށް ގެންދާ މުޒާހަރާތަކެކެވެ. ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން އިއްޔެ ނިންމާފައިވަނީ އެ ކޯޓާގެ އަދަދު %5އަށް ކުޑަ ކުރުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް