ދަރިވަރުންގެ މުޒާހަރާތަކުގެ އެންމެ ނުރައްކާތެރި ދުވަހު ވެރިރަށް ޑާކާގައި މުޒާހަރާގެ ބައިވެރިން ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރުގެ އިމާރާތެއް ރޯކޮށްލާފައި.

ބަންގްލަދޭޝް

ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު ހައްޔަރުކޮށްފި

އދ.ގެ ހިއުމަން ރައިޓްސް ޗީފް ވޮލްކާ ޓާކް ވިދާޅުވީ ދަރިވަރުންނަށް ދެމުންދާ ހަމަލާތަކަކީ ހައިރާންކުރުވަނިވި އަދި ބަލައިގަނެވޭނެ ހަމަލާތަކެއް ނޫން ކަމަށް
22 ޖުލައި 2024

ބަންގްލަދޭޝްގެ އިދިކޮޅު ޕާޓީތަކުގެ އެންމެ އިސް އެއް ލީޑަރަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ހައްޔަރުކުރި ގޮތުގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ލީޑަރު ރުހުލް ކަބީރު ރިޒްވީ އަހުމަދުގެ މައްޗަށް އެތައް ސަތޭކަ ދައުވާއެއް އުފުލާފައިވާ ކަމަށް އޭއެފްޕީން ބުނެ އެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ ހުކުރު ދުވަހު އެވެ.

އިދިކޮޅު ލީޑަރު ހައްޔަރު ކުރީ، ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި ފުލުހުންނަށް ނާކާމިޔާބުވެ، ދަރިވަރުންގެ މުޒާހަރާގެ ބައިވެރިން ޖަލަކަށް ވަދެ އެތައް ސަތޭކަ ގައިދީން މިނިވަންކޮށް ޖަލުގައި އަލިފާން ރޯކޮށްލާފައިވާ ދަނޑިވަޅެއްގަ އެވެ.

ޖަލު ފަޅާލުމާ ގުޅިގެން ބަންގްލަދޭޝް ފުލުހުން ވަނީ މުޒާހަރާތައް ރޫޅާލުމަށް ފިޔަވަޅު އަޅައި އެ ދުވަހު މީހުން އެއްވެ އުޅުން މަނާކޮށްފަ އެވެ.

މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަކީ 1971 ވަނަ އަހަރު ބަންގްލަދޭޝުން ޕާކިސްތާނާ ދެކޮޅަށް ކުރި ގައުމު މިނިވަންކަމުގެ ހަނގުރާމާގައި ބައިވެރިވި، ކުރީގެ ސިފައިންގެ އާއިލާތަކަށް ސަރުކާރުގެ ވަޒީފާތަކުގެ %30އާ ހަމައަށް ރިޒާވްކުރާ ކޯޓާ ނިޒާމެއް އުވާލުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށް ގެންދާ މުޒާހަރާތަކެކެވެ.

ބަންގްލަދޭޝްގެ މިނިވަންކަމަށް މަސައްކަތް ކުރި ސިފައިންގެ އާއިލާތަކަށް ހާއްސަކޮށްފައިވާ ވަޒީފާގެ އެ ކޯޓާއާ ދެކޮޅަށް އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ބޮޑެތި މުޒާހަރާތައްކޮށް، އެ ހަމަނުޖެހުންތަކުގައި 100 މީހުން މަރުވި ފަހުން، ވަކި ބަޔަކަށް ވަޒީފާ ޔަގީންކޮށްދޭ ކޯޓާއިން ބޮޑު ބައެއް އެ ގައުމުގެ އެންމެ މަތީ ކޯޓުން އިއްޔެ ވަނީ އުވާލާފަ އެވެ.

ނަމަވެސް، މުޒާހަރާތައް ކުރިއަށްގެންދާނެ ކަމަށް މުޒާހަރާ ކުރާ ފަރާތްތަކުން ބުނެ އެވެ.

މުޒާހަރާ ކުރާ މީހުން ބުނަނީ އެ ނިޒާމަކީ ތަފާތުކުރުން ގެންގުޅޭ ނިޒާމެއް ކަމަށާއި އޭގެ ފައިދާ ބޮޑުވަޒީރު ޝެއިހް ހަސީނާގެ އަވާމީ ލީގު ޕާޓީގެ ސަޕޯޓަރުންނަށް ކުރާ ކަމަށެވެ.

ހަސީނާ ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލައި މުޒާހަރާގެ ބައިވެރިން އަޑުއުފުލަމުން ދަނީ، މަރާލި މުޒާހަރާގެ ބައިވެރިންގެ ޒިންމާ ސަރުކާރުން އުފުލަން ޖެހޭނެ ކަމަށް ބުނެ އެވެ.

އދ.ގެ ހިއުމަން ރައިޓްސް ޗީފް ވޮލްކާ ޓާކް ވިދާޅުވީ ދަރިވަރުންނަށް ދެމުންދާ ހަމަލާތަކަކީ ހައިރާންކުރުވަނިވި އަދި ބަލައިގަނެވޭނެ ހަމަލާތަކެއް ނޫން ކަމަށާއި އެކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ސުލްހަވެރި މުޒާހަރާތަކުގައި ބައިވެރިވާ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށެވެ.

މުޒާހަރާތަކުގައި ބައިވެރިވާ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އެ މީހުންގެ ފުރާނައަށާއި ޖިސްމާނީ ނަޒާހަތްތެރިކަމަށް ނުވަތަ އެ ނޫން ވެސް ބާވަތުގެ އަނިޔާވެރިކަމެއް ލިބިދާނެ ކަމުގެ ބިރެއް ނެތި އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ކަށަވަރުކޮށްދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުޒާހަރާތައް ހުއްޓުވުމުގެ ބޭނުމުގައި، ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ބަސް ސިސްޓަމްތަކާއި އިންޓަނެޓްގެ ހުރިހާ ކަމެއް ވަނީ ބަންދުކޮށްފަ އެވެ. 

 

އިތުރު އާޓިކަލް

އިތުރު އާޓިކަލް